ހުޅުމާލޭގައި 53 ފްލެޓް ހަދަން ފެޑޯއާ ހަވާލުކޮށްފި
ހުޅުމާލޭގައި 53 ފްލެޓް ހަދަން ފެޑޯއާ ހަވާލުކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފްލެޓް ހަދަން ފެޑޯ ޕްރައިވެޓް ލިމިޓެޑާއެކު އިއްޔެ އެޗްޑީސީން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގެ ދަށުން ފެޑޯއިން 53 މިކްސްޑް ޔޫސް ރެޒިޑެންޝަލް ޔުނިޓު ހަދަން 12،294.10 އަކަފޫޓުގެ ބިމެއް ވަނީ ދީފަ އެވެ. މި ފްލެޓުތަކުގެ ވަކި ޕަސެންޓެއްގެ އަގު ކަނޑައަޅާނީ އެޗްޑީސީންނެވެ.

މިއީ 10 ބުރީގެ އިމާރާތެކެވެ. މި އިމާރާތް ހަދަން ބިން ދީފައިވަނީ އެމްޕީއެލް އާއި ރެނާޓަސް ކައިރިން ޕްލޮޓް ޑީ10-3ބީ އިންނެވެ.

އެޗްޑީސީން މި ޕްރޮޖެކްޓު ފެޑޯއާ ހަވާލު ކުރީ 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމަން ޖެހޭ ގޮތަށެވެ.

ހުޅުމާލޭގައި ތަފާތު ބާވަތްތަކަކުގެ ފްލެޓުތައް ހަދަން ޕްރައިވެޓް ކުންފުނިތަކާ އެޗްޑީސީން އަންނަނީ ހަވާލު ކުރަމުންނެވެ. މީގެ ތެރޭގައި ލަގްޒަރީ އެޕާޓްމަންޓުތަކާއި މިކްސްޑް ޔޫސް ރެޒިޑެންސް ފްލެޓުތައް ހިމެނެ އެވެ.

މިހާރު ވެސް ގިނަ ފްލެޓުތަކެއްގެ މަސައްކަތް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަންނަނީ ކުރަމުންނެވެ. ބައެއް ތަންތަން ހަވާލު ކުރި މުއްދަތަށް މަސައްކަތްތައް ނުނިމޭތީ ޝަކުވާތައް ވެސް ވަނީ ގިނަވެފަ އެވެ.