ރަށްތައް ގުޅާލުމުގެ ހަ ޕްރޮޖެކްޓެއް ބަޖެޓުކޮށްފި
ރަށްތައް ގުޅާލުމުގެ ހަ ޕްރޮޖެކްޓެއް ބަޖެޓުކޮށްފި

ރަށްތައް ގުޅާލަން ކޯޒްވޭ ހެދުމަށް ބަޖެޓުގައި ހަ ޕްރޮޖެކްޓެއް ހިމަނައިިފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ މ، ތ، ލ. އަދި ބ. އަތޮޅުގެ ރަށްތަކެއް ގުޅާލުމަށެވެ. އޭގެތެރޭގައި ހިމެނެނީ ބ. ގޮއިދޫ އާއި ބ. ފެހެންދޫ ގުޅާލުމާއި ލ. ކުނަހަންދޫ އާއި ލ. މެންދޫ ގުޅާލުމާއި ލ. ކަލައިދޫ އާއި ލ. ދަނބިދޫ ގުޅާލުމާއި ލ. ހިތަދޫ އާއި ލ. މެންދޫ ގުޅާލުމާއި ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލުމުގެ އިތުުރުން މ. މުއްޔާއި މ. ނާލާފުށި ގުޅާލުމެވެ.

މި ޕްރޮޖެކްޓްތަކަށް ފަސް މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭ ޕްރޮޖެކްޓަށް ދެ ލައްކަ ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެން ހުރިހާ ރަށެއް ގުޅާ ލުމަށް އެއް މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ލ. އާއި ތ. އަތޮޅުގެ ރަށްތަކެއް ކޯޒްވޭއިން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ކެމްޕެއިންގައި އެ ރަށްތަކަށް ވަޑައިގެން ރައީސް ވަނީ އެ ރަށްތައް ގުޅާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަންނަ އަހަރަށް އެކުލަވާލި ބަޖެޓުން ސަރުކާރުގެ ވައުދުގެ 90 ޕަސެންޓް ހާސިލުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ބަޖެޓު ހުށަހަޅަމުން ވިދާޅުވެފަ އެވެ.

ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 36.9 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 34 ބިލިއަން ރުފިޔާ ސަރުކާރުގެ ހަރަދުތަކަށް ހޭދަކުރާނެ އެވެ.