03 ނޮވެމްބަރ 2021 - 14:53

ރ. އަލިފުއްޓާއި މ. މުލީ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށަން، މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމަނައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓު ފޮތުގައި މުލީ އެއާޕޯޓު ތަރައްގީ ކުރަން 1.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެން ނަމަވެސް އަލިފުށީގެ އެއާޕޯޓަށް ހަރަދުވާނެ ވަރެއް ހިމަނާފަ އެއް ނުވެ އެވެ. އެ ރަށުގަައި އެއާޕޯޓު އަޅަނީ ބިން ހިއްކައިގެންނެވެ. އެ މަޝްރޫއުއަށް 4.4 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ދެ އެއާޕޯޓުގެ އިތުރަށް އަންނަ އަހަރު ތެރޭ އެހެން ބައެއް އެއާޕޯޓްތަކުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. އެ ޕްރޮޖެކްޓްތައް ކުރިއަށް ދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުންނެވެ. ބަޖެޓުގައި ފްލޭނިން މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީ ކުރަން 20 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ބ.ތުޅާދު އާއި ތ. ވިލުފުއްޓާއި ށ.ބިލަތްފަހީގެ އިތުރުން ހދ.މަކުނުދޫގެ އެއާޕޯޓް ތަރައްގީ ކުރަން އިއުލާނުކޮށްފައިވެ އެވެ. އެހެން ކަމުން މި މަޝްރޫއުތައް ވެސް އަންނަ އަހަރު ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އަލިފުށީ އެއާޕޯޓުގެ މަސައްކަތް ކުރަން ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާ އެވެ. މި ޕްރޮޖެކްޓަށް 451 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. މި ޕްރޮޖެކްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ އަތޮޅުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެއާޕޯޓެއް މުހިއްމީ އެ އަތޮޅުގެ ދެކުނަށެވެ.