އޮސްޓްރޭލިޔާ އިން ގެއްލުނު 4 އަހަރުގެ ކުއްޖާ ފެނިއްޖެ
އޮސްޓްރޭލިޔާ އިން ގެއްލުނު 4 އަހަރުގެ ކުއްޖާ ފެނިއްޖެ

އޮސްޓްރޭލިޔާގެ ހުޅަނގު ސަރަހައްދެއްގައި އާއިލީ ޗުއްޓީއެއް ހޭދަކޮށްލަން ކޭމްޕު ސަރަހައްދަކަށް ގޮސް އުޅެނިކޮށް ގެއްލުނު، ހަތަރު އަހަރު ކުޑަކުއްޖާ، ގަދަވެ ސަލާމަތުން ހުއްޓައި އެގައުމުގެ ފުލުހުން މިއަދު ހޯދައިފި އެވެ.

އޮސްޓްރޭލިޔާ ފުލުހުން ބުނި ގޮތުގައި، ކްލިއޯ ސްމިތު ކިޔާ އެ ކުއްޖާ ފެނުނީ، ލިބުނު މައުލޫމާތެއްގެ އަލީގައި އެ ކުއްޖާ ހޯދަމުން ދަނިކޮށް، ތަޅުލާފައި ހުރި ގެއެއްގެ ތެރެއިންނެވެ. ކާނަރްވޯން ކިޔާ ކޭމްޕު ސަރަހައްދެއްގައި ފޭލިގެ ޖަހައިގެން އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކްލިއޯ ގެއްލުނީ، ހުސްވި އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންނަށް ލިބުނު މައުލޫމާތުގެ އަލީގައި ބަލަމުން ދަނިކޮށް ފެނުނީ ތަޅުލާފައި ހުރި ގެއެކެވެ. އެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު، އިތުރު މީހަކު ނެތް އެ ގޭގެ ތެރެއިން އެ ކުއްޖާ ފެނުނީ، އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ވަރަށް ހަމަޖެހިލައިގެން އިންދަ އެވެ.

އެ ކުއްޖާގެ އާއިލާ އިން ބުނި ގޮތުގައި، އެމީހުން ކޭމްޕުގައި ހޭދަކުރި ފުރަތަމަ ރޭގެ މެންދަމު 1:30 ހާއިރު އެމީހުން ނިދި އިރު، ކްލިއޯ އާއި ކޮއްކޮ ކޮޓް ތިބީ ފޭލިގޭގެ ކޮޓަރިއެއްގެ ތެރޭގައި އޮތް ވައިޖަހާ ގޮދަޑިއެއްގެ މަތީގައި ނިދައިފަ އެވެ. ޖެހިގެން އޮތް ކޮޓަރީގައި ނިދާފައި އޮތް އެ ދެކުދިންގެ މަންމަ ހެނދުނު 6:00 ހާއިރު ހޭލި އިރު، ފޭލިގޭގެ ބޭރު ދޮރު ހުރީ ހުޅުވިފަ އެވެ. ދެކުދިން ތިބި ކޮޓަރި ބެލިއިރު، ކްލިއޯ ތަންމައްޗަކު ނެތެވެ.

އެއާއިލާގެ މީހުން މުޅި އެ ސަރަހައްދު ބަލައިގެން ވެސް ކްލިއޯ ނުފެނުމުން ފުލުހުންނަށް ރިޕޯޓްކުރީ އެވެ. އެ ސްޓޭޓްގެ ވެރިރަށް ޕާތުން އިތުރު 100 ފުލުހުން އައިސް، އެއްގަމާއި ވަޔާއި ކަނޑު މަގުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި އެވެ. އަދި އެކުއްޖާ ހޯދުމަށް އެހީވެދޭ މައުލޫމާތެއް ދިން މީހަކަށް، އެއް މިލިއަން އޮސްޓްރޭލިޔާ ޑޮލަރުގެ ހަދިޔާއެއް ދޭން އިއުލާން ކުރި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ހުރި ހިސާބު ދެނެގަތުމަށް އެހީވެދިނީ، ވަކި ކާރަކާ ބެހޭ ގޮތުން މީހަކު ދިން މައުލޫމާތެކެވެ. އެ މައުލޫމާތަށް ބިނާކޮށް އެ ސަރަހައްދަށް ގޮސް ހޯދި ހޯދުމުން، އެ ހިސާބުގައި ހުރި ގެއެއްގައި އުޅޭ މީހަކަށް، އޭނާގެ އަވައްޓެރިޔާ މިފަހަކަށް އައިސް ނެޕީ ގަންނަ ކަމުގެ މައުލޫމާތެއް ދިނެވެ. ނަމަވެސް އެ ގޭގައި ނެޕީ ޖަހާ އުމުރުގެ ކުއްޖަކު ނޫޅޭނެ ކަމަށް، މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

އެ މައުލޫމާތަށް ބިނާކޮށް ފުލުހުން އެ ބުނާ ގެއަށް ދިޔައިރު އެ ގެ ހުރީ ތަޅުލައިފަ އެވެ. ފުލުހުން އެ ގެއަށް ވަދެ އެ ކުއްޖާ ސަލާމަތްކުރުމަށް ފަހު އާއިލާއާ ހަވާލުކުރީ އެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރިޔަސް، އޭނާގެ މައްޗަށް އަދި އެއްވެސް ދައުވާއެއް ނުކުރެ އެވެ.