03 ނޮވެމްބަރ 2021 - 14:08

ނަސްރުގެ ދުވަހަކީ ޓީވީއެމްގެ "ބީ ކެޓަގަރީ" ހިމެނޭ ދުވަހެއް ކަމަށާއި ނަސްރުގެ ދުވަހަށް ހާއްސަ ޕްރޮގްރާމެއް މިއަދު ގެންނާނެ ކަމަށް، ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްއިން މިއަދު ބުނެފި އެވެ.
ޓީވީއެމް އިން މިއަދު ގެންނަން ހަމަޖައްސާފައިވާ ޕްރޮގްރާމްތަކުގެ ގައިޑް ރޭ ސޯޝަލް މީޑިއާގައި އާއްމުކުރިއިރު، މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅޭ އެއްވެސް ކަމެއް ހިމަނައިފައެއް ނެތެވެ. އެހެންވެ، ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ހިންގާ ޓީވީ ސްޓޭޝަނަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
އެކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "މިހާރު" އަށް ވިދާޅުވީ ޓީވީއެމްގައި ދުވަސްތައް ފާހަގަކުރަނީ ކެޓަގަރީތަކަށް ބަހާލައިގެން ކަމަށެވެ. ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީގައި ހިމެނޭ ދުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭ ކެޓަގަރީގައި ހިމެނެނީ ނޮވެމްބަރު 11 ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހާއި ޖުލައި 26 ގައި ފާހަގަކުރާ މިނިވަން ދުވަސް އަދި އީދު ފަދަ ދުވަސްތަކެވެ.
"އަޅުގަނޑު 2019 ގައި ޓީވީއެމްއާ ގުޅުނުއިރު ވެސް ކެޓަގަރީ ހަދާފައި ހުރި ގޮތަށް މި އަމަލުކުރަނީ، މި ސަރުކާރުން ގެނައި ބަދަލެއް ނޫން ވަކި. އެ ކެޓަގަރީގެ ދަށުން ޖުމްހޫރީ ދުވަސް ފާހަގަކުރާ ގޮތަށް ފާހަގަކުރާ ދުވަހެއް ނޫން ނަސްރުގެ ދުވަހަކީ،" އަލީ ހާލިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެނދުނު ގެނައި، ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވެސް ނަސްރުގެ ދުވަހުގެ ހާއްސަ ރިޕޯޓެއް ގެނެސް، މައުލޫމާތު ގެނެސްފައިވާ ކަމަށެވެ. އެ ކުންފުނީގެ ދަށުން ހިންގާ ދިވެހިރާއްޖޭގެ އަޑުގައި ވެސް ނަސްރުގެ ދުވަހުގެ އެކި ޕްރޮގްރާމްތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންދުރު ފަހު ނަސްރުގެ ދުވަހަށް ހާއްސަ ޕްރޮގްރާމެއް ގެންނާނެ ކަމަށް ވިދާޅުވި ނަމަވެސް، ޕްރޮގްރާމް ގައިޑްގައި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތްކަމަށް ސުވާލުކުރުމުން އަލީ ހާލިދު ވިދާޅުވީ އެއީ މައްސަލައަކުން ދިމާވި ކަމެއް ކަމަށެވެ.
އޭގެ ފަހުން ޓީވީއެމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މެންދުރު 2:30 ގައި ގެންނަން ހަމަޖެއްސި ހޭޔަންބޯގެ ބަދަލުގައި ގެންނާނީ ނަސްރުގެ ދުވަހުގެ ހާއްސަ ޕްރޮގްރާމް، "ފަހުރު" ކަމަށެވެ.
ނަސްރުގެ ދުވަސް ފާހަގަ ނުކުރަނީ، ދައުލަތުގެ މީޑިއާ އަށް އަމާޒުވެފައި މި ވަނީ، ނޮވެމްބަރު 3، 1988 ގައި ދިން އުދުވާންގެ ހަމަލައިގައި އިސްކޮށް ތިބި ބައެއް މީހުންނާ މި ސަރުކާރާ ބޮޑެތި ގުޅުންތައް އޮންނާތީ ކަމަށް އާންމުން ތުހުމަތު ކުރެ އެވެ.