އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމު ނެރެން ޖެހޭ: ރައީސް
އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމު ނެރެން ޖެހޭ: ރައީސް

ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާ ކޮށްދެނީ ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމު ނެރެން ޖެހޭ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ނެރުއްވި ހިތޯބުގައި ވިދާޅުވީ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާން ޖެހޭ ނުރައްކާތައް ތަފާތުވަމުންދާ ކަމަށެވެ. އެކަމުން ކުރި ހޯދުމަށް ޓަކައި، އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ގައުމު ނެރެންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެއް އަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފި ނަމަ ނަސްރު ލިބޭނެކަން ކަށަވަރު ކަމަށާއި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ ދިވެހިން، މި ގައުމުގައި އިތުރުވާން ޖެހޭ ކަމަށް ވެސް ހިތޯބުގައި ވިދާޅުވި އެވެ.

"މިއީ ދުޝްމަނުން ދެމުން ދިޔަ ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާން ނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް ދިވެހި ގައުމަށް ނަސްރު ހޯދައިދިން ދުވަހެވެ. މިއަދު ރާއްޖޭގެ ކޯއްޓޭތަކުގައި ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ ވިހުރެމުން އެ ދަނީ އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުންނެވެ،" ރައީސް ވިދާޅުވި އެވެ.

އެ ހަމަލާއިން ރާއްޖޭގެ ސަލާމަތުގެ އައްސޭރި އަށް ފޯރުކޮށްދިނީ ދަރިންގެ ހިތްވަރާއި މިންނަތުން، ދިވެހި ދަރިންތަކެއް ވެދިން މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށެވެ.

ބައިނަލްއަގުވާމީ ދުނިޔެ ރާއްޖެއާ އެކު ސާބިތުވެ އޮތުމަކީ ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ހާއްސަކޮށް އަވަށްޓެރި އިންޑިއާއިން އެ ދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީއަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ދިވެހިންތަކެއްގެ ބައިވެރިވުމާއެކު ސްރީ ލަންކާގެ ތަމަޅަޓައިގަރުން ނޮވެމްބަރު 3، 1988 ގައި ދިން ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ.