10 ޑިސެމްބަރ 2016 - 07:07

އިންޑިޔާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖްގެ ދެ ކިޑްނީ ފެއިލްވެ ކިޑްނީއެއް ބޭނުންވާކަން މުޅި ދުނިޔެއަށް އިއުލާން ކުރުމާ އެކު ވަރަށް ގިނަ ބަޔަކު ކިޑްނީ ހަދިޔާކުރަން ބޭނުންވި އެވެ. އޭގެ ތެރޭގައި ސަންތޯޝް މޫރަތު ސިންގް ކިޔާ މީހަކު ވެސް ހިމެނެ އެވެ.
ސުޝްމާއަށް ކިޑްނީ ދޭން ސަންތޯޝް ބޭނުންވަނީ އެންމެ ޝަރުތަކާ އެކު އެވެ؛ އޭނާ "ދިރިހުރި" ކަމުގެ ރަސްމީ ސެޓްފިކެޓެވެ.
އިންޑިއާ ޓުޑޭގައި ޖެހި ރިޕޯޓެއްގައިވާ ގޮތުން ރަސްމީ ހުރިހާ ލިޔެކިޔުމެއްގައި ސަންތޯޝް އަކީ މަރުވެފައިވާ މީހެއް ކަމަށް ހެދިތާ މިހާރު 10 އަހަރު ވެއްޖެ އެވެ. އެހެންކަމުން ސުޝްމާ އަށް ކިޑްނީ ހަދިޔާކޮށްގެން ނަމަވެސް އޭނާ އަކީ ދިރިހުރި މީހެއް ކަމުގެ ރަސްމީ ލިއުން ހޯދަން ބޭނުންވެ އެވެ.
ސަންތޯޝް އަކީ ބޮލީވުޑް އެކްޓަރު ނާނާ ޕަޓޭކަރްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާގެ އާއިލާގެ މީހުން އޭނާ މަރުވި ކަމަށް ހެދީ މުމްބައިގައި 2003 ވަނަ އަހަރު މަހާރަޝްތުރާ ސްޓޭޓްގެ އަންހެނަކާ ކައިވެނިކުރުމުން އައި ރުޅީގަ އެވެ.
ސަންތޯޝް ނިސްބަތް ވަނީ ވަރަނާސީ އަށެވެ. ކައިވެންޏަށް ފަހު އާއިލީ ގެއަށް ދިއުމުން އާއިލާގެ މީހުން އޭނާ ގެއިން ނެރެލި އެވެ. އަދި މަރުވާ މީހުންނަށް ހިންދީ ދީނުގައި ކަންކުރާ ގޮތަށް ހުރިހާ ކަމެއް ފުރިހަމަކޮށް އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް އެ އާއިލާއިން ނިންމި އެވެ.
ސަންތޯޝް ބުނި ގޮތުގައި ގެއިން ނެރެލުމުން އޭނާ އެނބުރި މުމްބައި އަށް ގޮސް ހަ މަހެއްހާ ދުވަހު ދިރިއުޅެފައި އަނެއްކާވެސް އެނބުރި އުފަން ހިސާބުގަނޑަށް ދިޔަ އެވެ. އޭނާގެ ޖަނާޒާގެ ހުރިހާ ކަމެއް ފުރިހަމަކޮށް މަރުގެ ސެޓްފިކެޓް ވެސް އާއިލާ އިން ހައްދާފައިވާކަން އެނގުނީ އެހާ ހިސާބުންނެވެ.
އޭނާ އަކީ ދިރިހުރި މީހެއްކަން ސަރުކާރުގެ އެކި އިދާރާތަކުގައި ސާބިތުކޮށްދޭން ކުރި ހުރިހާ ކަމެއް ވީ ނާކާމިޔާބެވެ. އޭނާގެ ހުރިހާ ލިޔުމެއް އޮތީ ނައްތާލައިފަ އެވެ.
"އަހަރެން އެނބުރި އަވަށަށް ގޮސް ފުލުހުން ކައިރިއަށް ވެސް ދިޔައިން. ނަމަވެސް އެމީހުން ވެސް އެހީތެރިކަމެއް ފޯރުކޮށެއް ނުދިން. ދެން އަހަރެން ދިޔައީ ގާނޫނީ ވަކީލުން ކައިރިއަށް. އެމީހުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ދޭން ބުނަނީ. އަހަރެންގެ އަތުގައި އެހާ ފައިސާއެއް ނެތް،" ސަންތޯޝް ބުންޏެވެ.
"އޭގެ ފަހުން އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު އަދި މަހަރާޝްތުރާގެ ޗީފް މިނިސްޓަރަށް ވެސް ޕެޓިޝަނެއް ތައްޔާރުކޮށް މި ވާހަކަ ދަންނަވައިފިން. ނަމަވެސް އެއިން އެއްވެސް މީހަކު އަހަރެން ސަލާމަތްކޮށްދޭން ނެތް މަސައްކަތްކޮށްފައެއް،" ސަންތޯޝް ބުންޏެވެ.
އޭނާ ދިިރިހުރި ކަމުގެ ރަސްމީ ލިއުމެއް ލިބޭތޯ ދިއްލީގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ޖަންތަރް މަންތަރްގައި ފާއިތުވީ ހަތަރު އަހަރު ސަންތޯޝް ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
މިހާރު އޭނާގެ ހުރިހާ ވެސް އުންމީދެއް ގުޅިފައިވަނީ ސުޝްމާ ސުވަރާޖްއާ އެވެ. ސުޝްމާ އަކީ ވަރަށް ގިނަ މީހުންނަށް އެހީތެރިވާ ވަރަށް އޯގާތެރި ބޭފުޅެއް ކަމަށް ސަންތޯޝް ގަބޫލުކުރެ އެވެ. އެހެންކަމުން އޭނާ ދިރިހުރިކަމުގެ ސެޓްފިކެޓް ސުޝްމާ ހޯއްދަވާ ދެއްވާނެ ކަމަށް އުއްމީދުކުރެ އެވެ.