03 ނޮވެމްބަރ 2021 - 11:53

ނިއުކާސަލް (ނޮވެމްބަރު 3) - ނިއުކާސަލް ޔުނައިޓެޑްގެ ކޯޗަކަށް އުނައި އެމެރީ ގެންނަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑު ފެތުރުނަސް، ރަސްމީ ގޮތުން އެއްވެސް ހުށަހެޅުމެއް އޭނާ އަށް ލިބިފައި ނުވާކަމަށް އެމެރީ ބުނެފި އެވެ.
އިނގިރޭސި މީޑިއާތައް ބުނާ ގޮތުން ނިއުކާސަލްގެ އާ ވެރިން އެ ކްލަބަށް ގެންނަން ބޭނުންވާ ކޯޗަކީ އެމެރީ އެވެ. ސްޓީވް ބުރޫސް މިދިޔަ މަހު މަގާމުން އިސްތިއުފާ ދިނުމުން ކޯޗްގެ މަގާމު އޮތީ ހުސްކޮށެވެ. އަދި އެމެރީ މަގާމަށް ގެނައުމުގެ މަސައްކަތުގައި އެކަން ފައިނަލް ކުރުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. ގާޑިއަން ނޫހުން ބުނީ މިހާރު ކުރިއަށްދަނީ އެމެރީގެ މުސާރައާ މެދު މަޝްވަރާ ކުރުމުގެ މަރުހަލާ ކަމަށެވެ.
އެމެރީ މިހާރު ކޯޗުކޮށްދޭ ވިޔަރެއާލްއިން ޗެމްޕިއަންސް ލީގުގައި ރޭ، ސްވިޒަލެންޑްގެ ޔަންގު ބޯއީޒްގެ މައްޗަށް 2-0 އިން މޮޅުވި މެޗަށް ފަހު އެމެރީ ބުނީ ނިއުކާސަލް އިން ޝައުގުވެރިވާ ވާހަކަ ފިޔަވައި އެއްވެސް ވާހަކައެއް އޭނާ އަހާފައި ނުވާ ކަމަށެވެ. ރަސްމީ އެއްވެސް ހުށަހެޅުމެއް އޭނާ އަށް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"ތެދު ވާހަކައަކަށް އޮތް ހަމައެކަނި ވާހަކަ އަކީ ނިއުކާސަލްއިން އަހަންނަށް ޝައުގުވެރިވާ ވާހަކަ. އެހެން އެއްވެސް ޚަބަރެއް ނެތް. ރަސްމީ އެއްވެސް ހުށަހެޅުމެއް ނެތް. އެކަމަކު ކޮންމެ ވަގުތެއްގައި ވެސް ކްލަބު [ވިޔަރެއާލް] މެދުވެރިކޮށް އެ ހުށަހެޅުން އައިސްފާނެ. އެހެންވީމާ އަހަރެން މި ދަނީއޭ ބުނާނެ އެއްވެސް ޖާގައެއް މިވަގުތަކު ނެތް،" އެންމެ ފަހުގެ ޔޫރޮޕާ ލީގު ޗެމްޕިއަންކަން ވިޔަރެއާލް އަށް ހޯދައިދީ ޓޮޕް ލެވަލްގައި އެ ޓީމަށް ތައްޓެއް ހޯދައިދިން ފުރަތަމަ ކޯޗް، އެމެރީ ބުންޏެވެ.
"އަހަންނަށް އޮތް ފުރުސަތަކަށްޓަކައި ދޮރު ހުޅުވައެއް ނުލަން އަދި ބަންދެއް ވެސް ނުކުރަން. އަހަރެން މި ހުރީ މި ކްލަބުގައި މަޑުކޮށްގެން. އެއްވެސް ހުށަހެޅުމެއް އައިސްފި ނަމަ ކްލަބުގެ ޗެއާމަން ފާނަންޑޯ ރޮއިގް އާ އަހަރެން ވާހަކަ ދައްކާނަން. މި ކްލަބަކީ އަހަރެން މަސައްކަތް ހުސްކޮށްގެން ހުރި ކްލަބު. އެ އިހުތިރާމް އޮންނާނެ."
އެމެރީ އަށް ހުށަހެޅުމެއް އޮތްތޯ އިއްޔެ ރޮއިގް އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ. އެފަދަ ކަމެއް އޮތް ނަމަ އެކަމާ ޕްރޮފެޝަނަލްކޮށް އެމެރީ މުއާމަލާތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރޮއިގް ވިދާޅުވި އެވެ.
މިއަދު 51 ވަނަ އުފަންދުވަސް ފާހަގަ ކުރާ އެމެރީ ވިޔަރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދީ ބާކީ ދެ އަހަރު އެބައޮތެވެ. އޭނާ ގެންދަން ނިއުކާސަލްއިން ބޭނުންވާނަމަ ޓްރާންސްފާ ފީގެ ގޮތުގައި 9.5 މިލިއަން ޑޮލަރު ވިޔަރެއާލްއަށް ދޭން ޖެހޭނެ އެވެ.