03 ނޮވެމްބަރ 2021 - 11:31

ބީއެމްއެލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދިނުމުގެ ހަފްލާ ރޭ ބާއްވައިފި އެވެ.

"ބީއެމްއެލް ސްޓާފް އެވޯޑް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވާ މި ހަފްލާގައި ބޭންކުގެ ސީއީއޯ ދެއްވާ އައުޓްސްޓޭންޑިން އެވޯޑު އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަށާއި ޓީމަކަށް ދެ އެވެ. މިއަހަރުގެ ހަފްލާގައި މި އެވޯޑު ހާސިލްކުރީ ބޭންކުގެ ބޭންކިން ސޮލިއުޝަންގެ ހެޑް އަފްރާހު އަހުމަދާއި މޮރޮޓޯރިއަމް ޕްރޮޖެކްޓް ޓީމުންނެވެ.
މި ހަފްލާގައި ކޮވިޑް-19އާ ގުޅިގެން މެދު ކެނޑުމެއްނެތި ބޭންކުގެ ހިދުމަތްތައް ފޯރުކޮށްދިން 17 ޓީމެއްގެ އަގުވަޒަން ކޮށްފައިވާއިރު 2019ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފު ވެސް ވަނީ ހޮވައިފަ އެވެ. އެންމެ ރަނގަޅު މުވައްޒަފަކަށް ހޮވުނީ ހެޑް އޮފް ލޯން ސާވިސަސް ޝީނިއާޒް އަދުނާނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19އަކީ މުޅި ގައުމަށް ދިމާވި އެންމެ ދަތި އެއް ދުވަސްވަރަށްވެފައި ބޭންކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ލާމަސީލު މަސައްކަތެއް ކަމަށެވެ.
ބީއެމްއެލްގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އެ ބޭންކުން އަންނަނީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވައިލަމުންނެވެ. އެގޮތުން، ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް ބޭންކުން ބުންޏެވެ.