03 ނޮވެމްބަރ 2021 - 08:31

އާދިއްތަ ދުވަހާ ގުޅޭ
"މި ފަހަރު ލަންކާއަށް ބަދަލުވާނަމޯ!" ކަންބޮޑުވެފައިވާ ރާގެއްގައި ބަޝީރު ބުންޏެވެ.
"ކިހާ ބޮޑު.." އަހަންނަށް ބުނެވުނެވެ. "ލަންކާއަށް ބަދަލުވާކަށް ނޫނޭ މި ދަނީ. މި ދުވަސްކޮޅު ނެތް ބަދަލުވެވޭކަށް ވެސް. ހުރިހާ ވާހަކައެއް އަޒޫއްތަ ގާތު ބުނީމޭ!"
"އަހަންނަށް އެނގެޔޭ!" އަހަންނަށް ހަމުދަރުދީވާ ކަހަލަ ރާގެއްގައި ބަޝީރު ބުންޏެވެ. "ބުނީމެއްނު ޗުއްޓީއަކަށޭ! އެކަމަކު މިހާރު ކުދިން ސްކޫލުން ކަނޑާ ނިންމާލައިފި. އަހަންނަށް ހީވަނީ ޔުނީފޯމުތަކާ އެއްޗެހި ވެސް މީހުންނަށް ދީ ނިންމައިފިހެން."
އަހަރެން ހިތަށްއެރިއެވެ. އަޒްލިފާ ބޭނުންވީ އަހަންނަށް ޒާތެއްގެ މަޖުބޫރެއް ކުރުވާށެވެ. ނުކުރެވޭނޭ، ނުވާނޭ ބުނާ ކަންކަން ވެސް، އަޒްލިފާ ގަދަފައި ވިއްދައިލީމާ އަހަރެން ކޮށްދެމެވެ. ލާރިއެއް ނެތޭ ބުނެފައި ވެސް، ދަރަންޏަށް ނަގައިގެން ވެސް ފައިސާ ހޯދަމެވެ. އެއީ އަހަންނަށް ހެދޭ ގޯހެކެވެ. އަޒްލިފާއަށް ދެވުނު ނުބައި ހިތްވަރެކެވެ. ވަގުތުން ފޯނުކަނޑައިލައިފައި އަޒްލިފާއަށް ގުޅީމެވެ.
"ކީއްވެ އަހަރެން ކައިރީގަ ނުބުނެ ކުދިން ސްކޫލުން ކަނޑައިލީ؟" އަހަރެން އެހީމެވެ. "ފެށުނީއްސުރެ ބުނަމުން މި އަންނަނީ ލަންކާއަކަށް ބަދަލެއް ނުވެވޭނޭ، ޗުއްޓީއަކަށޭ މި ދަނީ. އަސްލު ދެވެން އޮވެގެނެއް ނޫން މި ދަނީ. އަޒްލިފާ އުފާކޮށްދޭން މި ކަން ވެސް މި ކުރަނީ."
"އަޅެ ހާދަ ރަނގަޅޭ!" އަޒްލިފާ ބުންޏެވެ. "ނަސީރު ވެސް އަހަރުމެންނާ އެއްކޮށް ހިނގާބަލަ!"
އަހަރެން ދައްކާ ވާހަކައެއް އަޒްލިފާއަކަށް ނީވެއެވެ. އެ ކަމަކާ ނުވެސް ވިސްނައެވެ.
"ވަޒީފާ ބަދަލުކުރަން ހުރިހާ ކަމެއް ނިންމާފަ އޮއްވާ ތި ކަހަލަ ބޮޑު ނިންމުމެއް ނިންމީމަ ދެން ކިހިނެއް އަހަރެން ހަދާނީ؟" އަހަރެން ވަރަށް އޯގާތެރިކޮށް ބުނީމެވެ. "ތިހިރީ ކުރާ ކަންތައް. ނުވާތާކަށް ޔުނީފޯމާ ދެން ހުރި އެއްޗަކާ ވެސް.. އަޅެ އަހަންނާ މަޝްވަރާނުކޮށް އެ ކަހަލަ ކަންތައް ކުރާކަށް ނުވާނެއްނު."
ކުރިން ނިންމައިފައިވާ ގޮތަށް އަހަރެން ވަޒީފާ ބަދަލުކުރީމެވެ. އެއީ ލިބޭ މުސާރަ ކުޑަވިޔަސް، ވަޒީފާގައި ވަރަށް ކުރިޔަށް ދެވޭ ކަހަލަ މަގާމެކެވެ. ކުރީގެ ވަޒީފާޔާ އަޅާބަލައިފައި، މަސައްކަތްކުރަންޖެހޭ ވަގުތުކޮޅު ވެސް ކުޑައެވެ. ހުރިހާ ކުދިން ލަންކާއަށް ބަދަލުކުރަން ނިންމައިފައި ނެތަސް، އަހަންނަށް މަޖުބޫރުވީ އެ ކަމާ މެދު ވިސްނާށެވެ. އެކި ގޮތްގޮތުން މައުލޫމާތު އެއްކުރީމެވެ. ހިސާބުހެދީމެވެ.
ކުދިން ލަންކާ އިސްކޫލަށް ވެއްދުމާއި، ތިބޭނެ ތަނެއް ހިފުމާއި، ދެން ވެސް ހުރި ހުރިހައި ކަމަކަށް ވަރަށް ބޮޑު ހަރަދެއެް ހިނގައެވެ. އޭރު ވެސް ދައްތަ ހުރީ ލަންކާގައެވެ. އެކަމަކު، އޭނަ ކައިރީގައި ތިން ކުދިންނާއި އަޒްލިފާ ބަހައްޓާކަށް އަހަރެން ނުވިސްނަމެވެ. ދައްތައަށް އެ ކަން މާ ބުރަވާނެތީއެވެ. އެކަމަކު، ކަމެއް ޖެހޭ އިރު މީހަކަށް އެހީވެވޭނެ ތަނެއްގައި އަޒްލިފާ ބެހެއްޓުން މުހިންމެވެ. ދައްތަ ހުންނަ ތަނާ ކައިރި ތަނެއް ހޯދީ އެހެންވެއެވެ.
އަޒްލިފާ ބެހެއްޓީ ދައްތަ އުޅޭ އިމާރާތުގެ އެހެން ފަންގިފިލައެއްގައި ހުރި އެޕާޓުމަންޓެއްގައެވެ. ފައިސާ ހަމަކުރުމަށް ޓަކައި އަހަރެން ހަތްދިހަ ފަސް ހާސް ރުފިޔާގެ ލޯނެއް ނަގަންޖެހުނެވެ. ނަގާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ނެގީމެވެ. ހުރިހައި ކަމަކަށް އެއް ލައްކަ އަށްޑިހަ ހާހެއްހާ ރުފިޔާ ދެއެވެ. އޭގެ ސަބަބުން، ކުރިޔަށް އޮތް ތަނުގައި ރައްކާކުރަން ލިބޭ ފައިސާ މަދުވާނެކަން އަަހަންނަށް އެނގެއެވެ. ލޯނު ދައްކަން ވެސް ޖެހޭނެއެވެ.
ހުރިހާ ވާހަކައެއް އަޒްލިފާ ގާތުގައި، އެތަކެއް ފަހަރަކު ބުނީމެވެ. އަޑުއަހާނެކަމުގެ އުންމީދުގައެވެ. ލަންކާގައި ތިބޭ އިރު، ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވައި އެހެން ހަރަދެއް ނުކުރުމަށް ވެސް ބުނީމެވެ. އަހަރެން އަންދާޒާކުރި ގޮތުގައި، ލޯނު ދައްކައި ހުރިހައި ކަމެއް ހަމައަކަށްއެޅެން އަހަރެއް ނަގާނެއެވެ. އަހަންނަކީ އެއްވެސް މީހަކަށް ދަރަން ބޭނުންވާ މީހެއް ނޫނެވެ. ދިގު މުއްދަތަކަށް ދަރަންޏެއް ބޮލުގައިއަޅަން ބޭނުންވާ މީހެއް ވެސް ނޫނެވެ. ދަރަނި ނުދެއްކެނީސް އަހަރެން މަރުވެއްޖެއްޔާ ހުރިހާ ތަކުލީފެއް އުފުލަން ޖެހޭނީ އަހަރެންގެ އާއިލާއަށެވެ. އެ ފަދަ ދުވަހެއް ނުދައްކަވައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.
މާތް ރަސްކަލާނގެއާ ވަކީލުކޮށްފައި، ހުރިހައި ކުދިންނާއި އަޒްލިފާ ލަންކާއަށް ބަދަލުކުރީމެވެ. އެ މީހުން ގޮވައިގެން ދިޔައީ އަހަންނެވެ. އަޒްލިފާ ހުރީ ވަރަށް އުފާވެފައެވެ. އަހަރެންނަކަށް އުފަލެއް ނުވެވުނެވެ. ހިނިތުންވާކަށް ވެސް ނޭނގުނެވެ. ދަތުރުގެ ކުރިމަގު އަހަންނަށް ފެންނަނީ ބާނި ބޮޑުކޮށެވެ. ރާޅުގައި ހުދު ފޮނު ގިނަވެފައި، އުދަރެސް އަނދިރިވެފައި ވަނިކޮށެވެ. މާލެޔާ އަޅާބަލާ އިރު ލަންކާއަކީ ބޮޑު ތަނެކެވެ. މަގުމައްޗަށް ނުކުމެއްޖެއްޔާ ޖީބަށް އެނގުންވެއެވެ. ހުރިހައި ކަމެއް ހަމަޖައްސައި، ހަދަންވީ ގޮތް ކިޔައިދީފައި، ކުޑަކުއްޖަކަށް ނަސޭހަތްދޭހެން އަޒްލިފާއަށް ވިސްނައިދިނީމެވެ.
"ވަރަށް ބޮޑު ޒިންމާއަކަށް ތި ހަވާލުވެވެނީ،" އަހަރެން ބުނީމެވެ. "ކަމެއް ޖެހިއްޖެއްޔާ ދައްތަޔާ މަޝްވަރާ ނުކުރާށެކޭ ނޫން އެކަމަކު ދައްތަ ވެސް ވަރަށް ބިޒީކޮށް އުޅޭނީ. އެ ވަރު ދަންނާތި! ބޭކާރު އެއްވެސް ހަރަދެއް.."
"ނަސީރު!" އަހަރެންގެ ވާހަކަ މެދުކަނޑައިލައިފައި އަޒްލިފާ ބުންޏެވެ. "އެ ކަމާ ހާސްނުވެބަލަ! އަހަންނަކީ ތިން ކުދިންގެ މަންމައެކޭ. ކުޑަކުއްޖެއް ނޫނޭ!"
އަޒްލިފާ އެހެން ބުންޏަސް އަހަންނަކަށް އެހެނެއް ހިޔެއްނުވެއެވެ. ވެގެންވާ ނަމަ އަހަރެން ރާއްޖެއަކަށް ނުދިޔައީމުހެވެ. އެކަމަކު ބޯ ނުހިކޭ ވަރަށް ދަރަނި ބޮޑުވެއްޖެއެވެ. ލަންކާއަކު އަހަންނަކަށް ނުހުރެވޭނެއެވެ. ފުރަން ދަމުން ވެސް ދައްތަޔާ ބައްދަލުކުރީމެވެ. އަޒްލިފާގެ އުނި ސިފަތައް ފޮރުވައިފައި، ރަނގަޅު ސިފަތަކުން އަޒްލިފާ ދަސްކޮށްދިނީމެވެ. ދެމީހުން އެއްގަލުގައި ބޭތިއްބުމަށް ޓަކައެވެ. އަޒްލިފާޔާ ބެހޭ ގޮތުން ދައްތައަށް އަޑުއިވިފައި ހުރީ ނައްސި ވާހަކަތަކެވެ. އަހަރެންގެ ވާހަކަތައް ދައްތަ ގަބޫލުކުރީ ބޮލުގެ އިޝާރާތުން އެކަނިކަން އަހަންނަށް ޔަގީނެވެ.
މާލެއައިސް އަހަންނަށް ލިބޭ ހުރިހައި ފައިސާއެއް ކަހަލަ ގޮތަކަށް ފޮނުވީ ލަންކާއަށެވެ. އަހަރެންގެ މައިންބަފައިންނަށް ދޭ ފައިސާ ދިނުން އަހަރެން ޖެހުނީ، ވަގުތީގޮތުން ހުއްޓައިލާށެވެ. އަހަރެންގެ އަމިއްލަ ކަންކަން ހަމަޖެއްސީ ރައްޓެއްސެއްގެ އެހީގައެވެ. އެ ރައްޓެއްސަކީ ރިސޯޓެއްގެ ރޫމްބޯއީއެކެވެ. ވީމާ، ރިސޯޓަށް އަންނަ ފަތުރުވެރިން ދޫކޮށްފައިދާ ސާމާނު އަހަންނަށް ގެނެސްދެއެވެ. ސައިބޯންޏާއި، ޝޭންޕޫއާއި، ދަތްއުގުޅާ ބޭހާއި އެ ފަދަ ތަކެއްޗެވެ. އެ ހާލުގައި ވެސް އަޒްލިފާގެ ދަރިންނާއި އަހަރެންގެ ދަރިފުޅުގެ ކަންކަން ފުރިހަމަކުރީމެވެ. އަޒްލިފާއަށާއި ކުދިންނަށް ބަރާބަރަށް ގުޅަމެވެ. ވާނުވާ ބަލަމެވެ.
ކަންތައް ދިޔައީ، އަހަރެން ހީކުރި ވަރަށް ވުރެ މާ އޮމާންކޮށެވެ. އަޒްލިފާ ވަރަށް ހިންގުންތެރިއެވެ. މުރާއްޔެވެ. ކުދިން ނުވަތަ ދައްތަގެ ވެސް ޝަކުވާއެއް ނާދެއެވެ. ހަރަދުތައް ވެސް ވަރަށް ކުޑައެވެ. ހިތަށްއެރިއެވެ. ކުރިން ވެސް އެ މީހުން ލައްކާއަށް ފޮނުވުނު ނަމަ މާ ރަނގަޅުވީހެވެ.
"އަހަރެން ހަމަ ކޮސްކޮށްލައިފި!" ރާމިޒު ގާތުގައި އަހަރެން ބުނީމެވެ. "އޭނަ އެކަނިމާ އެކަނި ތިން ކުދިން އެ ބަލަހައްޓަނީ."
"އަހަރެން ބޭނުމެއް ނޫން ނަސީރުގެ ހިތްމަރާލާކަށް،" އިސްޖަހައިލައިގެން ކޮފީތަށި ގިރަމުން ރާމިޒު ބުންޏެވެ. "އެކަމަކު ހުރިހާ ރައްޓެހިން ގާތުގަ ވެސް ބުނާ ވާހަކައެއް ބުނެލާނަން. ދެމަފިރިން ދިރިއުޅެންވާނީ އެއް ރަށެއްގަ. އެއް ގެއެއްގަ."
ލަންކާގައި އަޒްލިފާ ހުންނަތާ އަހަރެއް ވާން އުޅެނިކޮށް، ދައްތައާއި އަޒްލިފާ މައްސަލަ ޖެހިއްޖެއެވެ. އެކަކު އަނެކަކާ ވާހަކަދެއްކުން ހުއްޓައިލި ޚަބަރު އަހަންނަށް ލިބިއްޖެއެވެ. އަޒްލިފާއަށް ގުޅައިގެން ވީ ގޮތެއް ސާފެއް ނުވިއެވެ. ދައްތައަށް ގުޅައިގެން ވެސް އެއްޗެއް ސާފުވާ ވަރެއް ނުވިއެވެ. ދައްތަ އުޅުނީ ނުބުނާށެވެ. ހީވާ ކަހަލައެވެ. ދައްތަޔާ ހެދި އަހަންނާއި އަޒްލިފާ އެއްވެސް މައްސަލައެއްޖެހޭކަށް ދައްތަ ބޭނުމެއް ނުވެއެވެ. އެކަމަކު އަހަރެން ކުރުނުކޮށް އަހަން ފެށުމުން ކިޔައިދޭން ފެށިއެވެ.
"އަހަރެން އެތައް ފަހަރަކު ބުނެފިން އެ އަސިންދާ ގުޅުން ނުބާއްވާށޭ. އެ އޮޓޯ ޑުރައިވަރާ އެއްކޮށް ތަންތަނަށް ނުދާށޭ،" ވަރަށް ހިތްހަމަނުޖެހިފައި ދައްތަ ބުންޏެވެ. "ގަބޫލެއް ނުކުރި. އަހަރެން ބޭނުމެއް ނޫން އެ މައްސަލަގަނޑުތެރެއަށް ވަންނާކަށް. އެކަމަކު ނަސީރަށް އެނގޭތަ އަޒްލިފާ މިކޮޅަށް އައީ ވެސް މި ކޮޅުގަ ހުރި ދިވެއްސަކާ ހިތާވެގެން، އޭނަ ބުނެގެންކަން؟ އެކަމަކު އޭނައަށް ނާންގާ އޮޓޯ ޑުރައިވަރާ ވެސް ހިތާވެގެންނޭ އުޅެނީ. ކީކޭ ދެން އަޅެ ބުނާނީ؟ އަސިންދު އެ އެޕާޓުމަންޓުގަ ނޫޅޭ ވަގުތެއް ނުދޭ! ހަމަ ރަނގަޅަށް. ހައްތާ ވެސް މި ވާހަކަ ނުބުނަން ހުރީ. ނުބުނާތި މަ ބުންޏޭ!"
"ދައްތައަށް ޔަގީންތަ؟" އަހަރެން ސުވާލުކުރީމެވެ.
"ނަސީރު ތި އަހަނީ، އަހަރެންގެ ލޮލުން އެ މަންޒަރު ދުށިންހޭތަ؟ އަހަންނެއް ނުދެކެން،" ދައްތަ ވަރަށް ތެދަށް ބުންޏެވެ. "އެކަމަކު މިތާ ދިވެހިން ވެސް އެބަ އުޅޭ! އެ މީހުންނަށް އެނގޭނެ އަޒްލިފާއަކީ ނަސީރުގެ އަންހެނުންކަން. ނަސީރަކީ އަހަރެންގެ ކޮއްކޮއެއްކަން. އެ މީހުން ކީއްކުރަން އަހަންނަށް ދޮގުހަދަންވީ؟"
އަހަންނަށް ލަންކާއަށް ދެވެނީ އަހަރަކު ތިން ފަހަރުއެވެ. ދެން ދެވުނު ފަހަރު އަހަރެން ތަންކޮޅެއް ގާތުން އެ މަންޒަރު ބެލީމެވެ. އަސިންދަކީ އަޒްލިފާއަށް ކަމުދާ ގޮތަކަށް ހުންނަ ލަންކާ މީހެކެވެ. މާޒީގައި އަޒްލިފާ ހިތްކިއި ފިރިހެނުންގެ ހުންނަ ހުރިހާ ސިފައެއް އަސިންދުގެ ވެސް ހުއްޓެވެ. އިސްކޮޅުން ދިގެވެ. ހަށިގަނޑުގެ ރޫފަ ރަނގަޅެވެ. ކުލަ އައްޔެވެ. އިސްތަށިގަނޑު ވަރުގަދަވެފައި، ތުނބުޅިމަތިމަސް ތުންޏެވެ. އަބަދުވެސް ހުންނަނީ ވަރަށް ތާޒާކޮށެވެ. އެކަމަކު، އެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތްހެނެއް އަހަންނަކަށް ހިޔެއްނުވިއެވެ. އަސިންދު ނޫން ޑުރައިވަރެއް ގެންނަން އަހަރެން ވާހަކަދެއްކުމުން އަޒްލިފާ އެއްބަސްވިލެއް ފަސޭހަކަމުންނެވެ.
"އަސިންދު ވަރަށް ނައިސްވާނެ،" އަޒްލިފާ ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ. "ޓްރަސްޓު ކުރެވޭ! ކޮންމެކޮންމެ މީހަކާ އެއްކޮށް ކުދިން އެކަންޏެއް ނުފޮނުވޭނެއްނު! އެކަމަކު ނަސީރު ބޭނުމިއްޔާ ޑްރައިވަރު ޗޭންޖުކޮށްލާ!"
ދައްތަ ދެއްކި އެއްވެސް ވާހަކައެއް އަހަރެން ނުދައްކަމެވެ. ހައްތަހާ ވެސް މަސްލަހަތަށް ބަލައިފައެވެ. ކުދިން މާލެގެނެސްގެން ކުދިންގެ ކިޔެވުން ހަލާކުވެ، ހުރިހާ ފައިސާއެއް ބޭކާރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އާއިލާޔާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައި، ފުރަން އެއާޕޯޓަށް ދާން ކާރަށް އެރީމެވެ. އެކަމަކު އަހަރެން ދިޔައީ ކައިރީގައި ހުރި ހޮޓަލަކަށެވެ.
ނުނިމޭ