7،000 ވިޔަފާރިއެއްގެ ހިންގަނީ ގަވައިދާހިލާފަށް
7،000 ވިޔަފާރިއެއްގެ ހިންގަނީ ގަވައިދާހިލާފަށް

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުގެ ތެރެއިން 7،000 އެއްހާ ވިޔަފާރި ހިންގުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

7،000 ވިޔަފާރިއެއްގެ ހިންގަނީ ގަވައިދާހިލާފަށް
7،000 ވިޔަފާރިއެއްގެ ހިންގަނީ ގަވައިދާހިލާފަށް

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެންނަ ހުށަހަޅާފައިވާ އިސްލާހާ ބެހޭގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިޝާމް ވިދާޅުވީ 2014 އިން ފެށިގެން އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ބައެެއް ދަތިތައް ދިރާސާކުރި އިރު، ރަޖިސްޓްރީ ކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މި ވަގުތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 18،000 އަމިއްލަ ވިޔަފާރި އެބައޮތެވެ. އެކަމަކު އޭގެ ތެރެއިން ގާތްގަނޑަކަށް 7،000 އެއްހާ ވިޔަފާރީގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

އެކަމަކު އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން އަމިއްލަ ވިޔަފާރިތައް ރަޖިސްޓްރީ ކުރެވެނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންވެ މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި 10 އަހަރު ދުވަހަށް އްދަތު އިތުރުކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުއްދަތު ހަމަވުމުގެ ކުރިން އާކުރަންވެގެން ހުށަހަޅަން މި އޮންނަނީ މިހާރުގެ ގާނޫނުގައި 90 ދުވަހުގެ މުއްދަތެއް. އެހެންނަމަވެސް އަޅުގަނޑުމެން [އާ އިސްލާހުގައި] މި ހުށަހަޅަނީ އެއް އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު އާކުރަން އެދި ހުށަހަޅަންޏާ އެ ފުރުސަތު ދިނުމަށް،" ވިޝާމް ވިދާޅުވި އެވެ.

ބައެއް އަމިއްލަ ވިޔަފާރިތައް ދިވެއްސެއްގެ ނަންމަތީ ރަޖިސްޓްރީކޮށްގެން ބިދޭސީން ހިންގަމުންދާތީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑުމެން ހަމަ ކަންބޮޑުވާ ކަމެއް އެއީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގައި ވިލަރެސް ކުރެވިފައި އޮތީ ދިވެހި ރައްޔިތުންނަށް ހާއްސަކުރެވިފައި ހުރި އެންމެ ކުދި ވިޔަފާރިތައް ދިވެހި ރައްޔިތުން ރަޖިސްޓްރީކޮށްގެން ކުރުން ކަމުގައި ވާއިރު، ދިވެއްސެއްގެ ނިވާފަތްގަނޑުގައި ބޭރުމީހަކު ހުރެގެން އެބަ ވިޔަފާރިކުރާ ހާލަތްތައް އެބަ ކުރިމަތިވޭ،" ވިޝާމް ވިދާޅުވި އެވެ.

އެގޮތަށް އޮޅުވާލައިގެން އަމިއްލަ ވިޔަފާރިތައް ހިންގާ ހާލަތްތަކުގައި ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް އަލަށް ގެންނަ އިސްލާހުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.