02 ނޮވެމްބަރ 2021 - 14:23

ރާއްޖޭގެ އެކައުންޓިން ދާއިރާގެ މީހުންނަށް ހާއްސަ ކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސިންތާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ މީހުން ޕްރޮމޯޓު ކުރުމަށާއި ދާއިރާ ކުރިއެރުވުމަށް 2017 ވަނަ އަހަރުން ފެށގެން ބާއްވަމުން އަންނަ ފޯރަމެކެވެ. މިއަހަރުގެ ފޯރަމުގެ ތީމަކީ "ރެޑިނަސް މައިންޑްސެޓް: ސްޓްރައިވިން ފޯ އެކްސެލެންސް" އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ފޯރަމުގައި ރާއްޖޭގެ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އިތުރުން އެ ދާއިރާއިން ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 15-17 އަށެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުގެ ފޯރަމުގައި ވެސް ރާއްޖޭން ބޭރުގެ އެކައުންޓިން ދާއިރާގެ އިސް ބޭފުޅުން ބައިވެރިވާ ގޮތަށް ޓެކްނިކަލް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ބާއްވާނެ އެވެ. މި ސެޝަންތަކަކީ ސީއޭ މޯލްޑިވްސްގެ "ވެރިފަޔަބަލް ސީޕީޑީ" ސެޝަންތަކެއް ކަމަށާއި އިންސްޓިޓިއުޓްގެ ވީހާވެސް ގިނަ މެމްބަރުން މި ސެޝަންތަކުގައި ބައިވެރިވުމަށް އެ އިންސްޓިޓިއުޓުން އެދެ އެވެ.
މި ފޯރަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެ މެންދުރު 3:00އާ ހަމައަށެވެ. ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުންނަށް ސީއޭ މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.