02 ނޮވެމްބަރ 2021 - 17:02

ސްރީ ލަންކާގައި މި މަހު ބާއްވާ ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުން، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމަށް ދިމާވި ނާކާމިޔާބީން އަރައިގަނެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގައުމީ ޓިމުގެ މިޑްފީލްޑަރު އަޝްހަދު އަލީ (އަޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި މި މަހުގެ 8-17 އަށް ސްރީ ލަންކާގައި ބާއްވާ ހަތަރު ގައުމު ވާދަކުރާ ރަހުމަތްތެރިކަމުގެ އިންވިޓޭޝަނަލް މުބާރާތުގައި ކުޅޭ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ފުރުމުގެ ކުރިން، ހިތްވަރު ދިނުމުގެ ގޮތުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިންތިޒާމު ކޮށްގެން ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

މިއަދު މެންދުރު ހޮޓެލް ޖެން ގައި ބޭއްވި މި އިވެންޓުގައި އަޑޭ ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕުގައި ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް، އުންމީދަކީ ރާޖަޕަކްސަ މުބާރާތް ގައުމީ ޓީމު ކާމިޔާބު ކުރުން ކަމަށެވެ.

މީގެ އިތުރުން ވެސް އަންނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވެ، ކޮލިފައިންގައި ކާމިޔާބު ހޯދައިގެން އޭޝިއަން ކަޕުން ޖާގަ ހޯދުމަކީ އަސްލު އަމާޒު ކަމަށް ވެސް އަޑޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް މި އޮތީ އޭޝިއަން ކަޕް. އެއްވެސް ކުޅުންތެރިއަކު، އެއްވެސް ބޭފުޅަކު ހަނދާން ނައްތާ ނުލައްވާތި. އަޅުގަނޑުމެން އެންމެ ބޮޑު ހޭދައެއް މި ކުރަނީ ފުޓުބޯޅައަށް، ކުޅިވަރުގެ ދާއިރާއިން،" އަންނަ އަހަރުގެ ޖޫން މަހު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ މަތިން ހަނދާން ކޮށްދެމުން އަޑޭ ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހި ގައުމު އެއްބައިވަންތަކުރެވޭނެ ހަމައެކަނި ފަރާތަކީ ދިވެހި ގައުމީ ޓީމު ކަމަށާއި މި މުބާރާތުން ސާފުގައި ޓީމަށް ކުރިމަތިވި އަޑިގަނޑުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަޑޭ ވިދާޅުވި އެވެ.
މިއަދުގެ އިވެންޓުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެން، ޓީމަށް ހިތްވަރު ދެއްވި އެވެ.
ނައިބު ރައީސް ވިދާޅުވީ، ގައުމީ ފުޓުބޯޅަ ޓީމަކީ ރައްޔިތުންނަށް ވަރަށް ބޮޑު އުފާވެރި ކަމަކާއި ހިތްހަމަ ޖެހުން ގެނެސްދޭ ބައެއް ކަމާއި، ސާފް ޗެމްޕިއަންޝިގުގައި ރައްޔިތުންގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ސަޕޯޓާއެކު ކުޅުންތެރިން ވެސް ދަނޑުމަތީގައި ވަރަށް ހިތްވަރުކުރި ކަމަށެވެ. އަދި މިއާއެކު ކޮންމެ ފަހަރަކު ކުރިހާ ޓީމަކަށް މުބާރާތް ކާމިޔާބު ނުކުރެވުނަސް، ހިތްވަރާއެކު މަސައްކަޔް ކުރަން ވީ ދެން ލިބޭ ފުރުސަތެއްގައި ހިތްވަރުކޮށްގެން ކުރިޔަށް ދާން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ކުޑަ އިރުއްސުރެ އެއް ކަމެއްގައި މަޝްއޫލުވެ އުޅުއްވި ކުޅިވަރަކީ ފުޓުބޯޅަ ކަމަށާއި ފުޓުބޯޅައަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ.
ލަންކާގައި ކުޅޭ މުބާރާތާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ، "ގައުމުގައި ކުޅުނަސް ގައުމުން ބޭރުގައި ކުޅުނަސް އަޅުގަނޑުމެންގެ އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ. އަޅުގަނޑުމެންގެ ދުއާ އަކީ އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބު ލިބުން." ކަމަށެވެ.
ފުޓުބޯޅަ އެސޯސިއޭޝަންގެ ފަރާތުން މި އިވެންޓުގައި ވާހަކަ ދެއްކެވި، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ދެ އަމާޒެއް ކަނޑައެޅި ކަމަށާއި އެއީ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން، ގައުމު އެއްބައިވަންތަ ކޮށް އުފާވެރި މާހައުލަކަށް ގައުމު ގެނެސްދިނުން ކަމަށެވެ.
މުބާރާތް ކާމިޔާބު ނުކުރެވުނަސް، ރައްޔިތުން އެއްބައިވަންތަ ކުރުމުގެ ޓާގެޓް ހާސިލްވި ކަމަށާއި ހާއްސަކޮށް ކުޅި ބަލަން ދަނޑަށް ވަން ސަޕޯޓަރުންގެ ފަރާތުން ފެނުނު ސަޕޯޓަކީ އުފަލުން ގޮސް ރޮވޭވަރުވި މަންޒަރެއް ކަމަށް ޖަވާ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސަޕޯޓަރުން ކުރި ހިތްވަރާއި ދެއްކި ރީތި ނަމޫނާގެ ބަދަލު ހޯދަން ލަންކާގައި އޮންނަ މުބާރާތަކީ، ރާއްޖޭގެ ގައުމީ ޓީމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.
ރާޖަޕަކްސަ ޓްރޮފީގެ ފުރަތަމަ މުބާރާތް 2012 ވަނަ އަހަރު ކާމިޔާބު ކުރީ ރާއްޖޭގެ ޒުވާން ގައުމީ ޓީމެވެ. އެ އަހަރުގެ މުބާރާތް ހާއްސަ ކުރީ 23 އަހަރުން ދަށުގެ ގައުމީ ޓީމުތަކަށެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މިމަހު 11 ވަނަ ދުވަހުގެ ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ 14 ވަނަ ދުވަހުގެ ހަވީރު ސީޝެލްސްއާ ދެކޮޅަށެވެ.
މިމަހުގެ 17 ވާ ބުދަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ވާދަކުރާނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ކުރިން އުމުރުފުރާގެ ގައުމީ ޓީމުތަކަށް ވެސް ކުޅުއްވި މަހްލޫފް ވަނީ 2013 އަދި 2014 ވަނަ އަހަރު ރާއްޖޭގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ. މަހުލޫފްގެ މެނޭޖަރުކަމުގައި ގައުމީ ޓީމު ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ހޯދައި، ލޯ މެޑަލް ކާމިޔާބު ކޮށްފަ އެވެ.