ރޮނާލްޑޯ ޓެކްސް އަށް މަކަރެއް ނަހަދާ: ރެއާލް
ރޮނާލްޑޯ ޓެކްސް އަށް މަކަރެއް ނަހަދާ: ރެއާލް

މެޑްރިޑް (ޑިސެމްބަރު 7) - ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ގަވާއިދުން ޓެކްސް ދައްކާ ކުޅުންތެރިޔެއް ކަމަށާއި އޭނާ އަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭ ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.

ފާއިތުވި ހަފްތާގައި "ފުޓްބޯލް ލީކްސް" ގެ ނަމުގައި ގިނަ މީޑިއާތަކުން އާންމުކުރި މައުލޫމާތުތަކަށް ބަލައިގެން ރޮނާލްޑޯގެ މައްޗަށް ވަނީ ޓެކްސް އަށް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތު ކޮށްފަ އެވެ. ރޮނާލްޑޯގެ މައްޗަށް ކޮށްފައިވަނީ ކުޑަ ޓެކުހެއް ދައްކަން ޖެހޭ ބްރިޓިޝް ވާޖިން އައިލެންޑާއި އަޔަލެންޑުގައި ހުންނަ މެންޑޭސްގެ ކުންފުނިތައް މެދުވެރިކޮށް ރޮނާލްޑޯ 150 މިލިއަން ޔޫރޯ އިން ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތެވެ.

ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެއްވެސް ހަގީގަތެއް ނެތި ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.

"ރޮނާލްޑޯ އަކީ ގަވާއިދުން ޓެކްސް ދައްކާ ކުޅުންތެރިޔެއްކަން ސްޕެއިނުގެ ޓެކްސް އެޖެންސީން ކަށަވަރުކޮށްދީފައި ވަނީ. މިއީ ރޮނާލްޑޯގެ އަގުވައްޓާލަން ކުރާ މަސައްކަތްތަކެއް. ރޮނާލްޑޯ މި ތުހުމަތުތަކާ ގުޅޭގޮތުން އެއްޗެއް ނުބުނަނީ އޭނާ ގޯސްކޮށް ކަމެއް ކޮށްފައިނުވާތީ. ރޮނާލްޑޯ އަށް ދޭން ޖެހޭ އިހުތިރާމް ފުރިހަމަ އަށް ދިނުމަށް ގޮވާލަން،" ރެއާލުން ނެރުނު ބަޔާނުގައިވެ އެވެ.

ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސްގެ ކުންފުނި ގެސްޓިފިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އޭނާގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ރޮނާލްޑޯގެ މައްޗަށް ކުރެވެނީ އޭނާގެ އިމޭޖް ރައިޓްސް އާއި އިޝްތިހާރުތަކުން ލިބޭ އާމްދަނީ އިން ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތެވެ. ސްޕެއިނުގެ ޓެކްސް އެޖެންސީން ރޮނާލްޑޯ އަށް ސެޓްފިކެޓް ދިނީ ރެއާލުން ލިބޭ މުސާރައިން އޭނާ ދައްކަން ޖެހޭ އިންކަމް ޓެކްސް ގަވައިދުން ދައްކާފައިވާތީ އެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް އަމިއްލަ ދަނޑުގައި ނުކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.