ހިމެނޭޒްގެ 50 ވަނަ ގޯލުން އެވަޓަން ބަލިކޮށްފި
ހިމެނޭޒްގެ 50 ވަނަ ގޯލުން އެވަޓަން ބަލިކޮށްފި

ވުލްވަހެމްޓަން (ނޮވެމްބަރު 2) - އިނގިރޭސި ކްލަބް ވުލްވަހެމްޓަން ވޮންޑަރާސްގެ ފޯވަޑް ރައުލް ހިމެނޭޒް، އެ ޓީމަށް ޖަހައިދިން 50 ވަނަ ލަނޑާއެކު، ޕްރިމިއާ ލީގުގައި ކުޅުނު މެޗުގައި 2-1 އިން އެވަޓަން ރޭ ބަލިކޮށްފި އެވެ.

މި މޮޅާ އެކު، ލީގުގައި މި ފަހުން ރަނގަޅު ނަތީޖާއެއް ނެރެމުންދާ ވުލްވްސް ވަނީ 17 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްއާ އެއް ޕޮއިންޓަށް ގާތްކޮށް، ތާވަލުގެ ހަތްވަނަ އަށް ޖެހިލައިފަ އެވެ. އަދި އެވަޓަންގެ މި ބައްޔާއެކު އެ ޓީމު ވަނީ ތާވަލުގެ 10 ވަނަ އަށް ވެއްޓިފަ އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަަނޑު 28 ވަނަ މިނިޓުގައި ޖަހައިދިނީ އެ ޓީމުގެ ޒުވާން ޑިފެންޑަރު މެކްސް ކިލްމަން އެވެ. އޭނާ ވަނީ އުމުރުން 18 އަހަރުގައި އިނގިރޭސި ގައުމީ ފުޓްސަލް ޓީމަށް ކުޅެން ފަށައިފަ އެވެ. މެކްސް ކިލްމަން، ފުޓްސަލް ދޫކޮށްލީ 2018 ވަނަ އަހަރު، އިނގިރޭސި ނޭޝަނަލް ލީގު (ފަސްވަނަ ޑިވިޝަން) ދޫކޮށް ޕްރިމިއާ ލީގުގެ ވުލްވްސް އަށް ބަދަލުވި ހިސާބުންނެވެ.

ކިލްމަން ވުލްވްސް އަށް ލީޑު ނަގައިދިންތާ ހަތަރު މިނިޓު ފަހުން، އެ ޓީމުގެ ދެވަނަ ލަނޑު، އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ބޯމަތިން ގޯލުތެރަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ހިމެނޭޒް އެވެ. މިއީ މިދިޔަ ސީޒަނުގައި އާސެނަލްއާ ދެކޮޅަށް ކުޅެނިކޮށް، ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްގެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރެ، އެނބުރި ކުޅުމުގެ ތެރެއަށް އައިސް މި ސީޒަނުގައި އެ ޓީމަށް އޭނާ ޖަހައިދިން ދެވަނަ ލަނޑެވެ.

ވުލްވްސް އަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ހުވަންގް ހީ ޗަން، ފުރަތަމަ ހާފުގެ 15 ވަނަ މިނިޓުގައި، ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

ދެވަނަ ހާފުގައި އެވަޓަން އިން ކުޅުން ރަނގަޅުކޮށް، އެލެކްސް އިވޯބީގެ ލަނޑުން ފަރަގު ކުޑަކުރި ނަމަވެސް ނަތީޖާ އަނބުރައިލެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް އެވަޓަން ވަނީ ބަލި ވެފަ އެވެ.