02 ނޮވެމްބަރ 2021 - 12:35

އެމްޓީސީސީ އަށް މި އަހަރުގެ ތިންވަަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 55.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މާލީ ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ވަނީ ސާފު ފައިދާ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބުނީ 51.2 މިލިއަން ރުފިޔާ އެވެ.
އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 484.6 މިލިއަން ރުފިޔާ ލިބުނެވެ. މި ކުއާޓަރުގައި ހުރިހާ ވިޔަފާރިއަކުން ވެސް އާމްދަނީ އިތުރުވެފައިވާ ކަން ފާހަގަކޮށް، އެމްޓީސީސީން ބުނީ އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ކޮންޓްރެކްޓު މަސައްކަތްތަކުން ކަމަށެވެ. އެގޮތުން، އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ގިނަވެ، ލިބުނު އާމްދަނީ އަށް ޕަސެންޓް އިތުރުވި ކަމަށް ބުންޏެވެ.
ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާ އިތުރުވި ނަމަވެސް އަހަރުގެ ފުރަތަމަ ދެ ކުއާޓަރާ ބަލައިފި ނަމަ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާ ވަނީ ދަށްވެފަ އެވެ. މިއީ އެ ކުންފުނީގެ ހަރަދު ފުރަތަމަ ދެ ކުއާޓަރަށް ވުރެ އިތުރުވުމުން އައި ބަދަލެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ހަރަދު 36.7 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 42.6 މިލިއަން ރުފިޔާގައި ހުރި އިރު ތިންވަނަ ކުއާޓަރުގައި ހަރަދު ވަނީ 56.7 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
އެމްޓީސީސީން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުން ރަނގަޅުކޮށް، ރެކޯޑު އާމްދަނީއެއް ހޯދައިފަ އެވެ. މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބުނެވެ.