02 ނޮވެމްބަރ 2021 - 10:05

ލަންޑަން (ނޮވެމްބަރު 2) - ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ މަގާމުން ދުރުކޮށް، ކުރީގެ ޗެލްސީގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ގެންނަން އެ ޓީމުން ތައްޔާރު ވެއްޖެ އެވެ.

ހުސްވެފައިވާ ކޯޗުގެ މަގާމަށް ކޮންޓޭއާއެކު ޖޫން 2023 އާ ހަމައަށް އަނގަ ބަހުން އެއްބަސް ވެފައި ވާއިރު، މި ސީޒަނަށް ޓޮޓެންހަމް ހޮޓްސްޕާ، ނޫނޯއާ ހަވާލުކުރުމުގެ ކުރިން އެ ޓީމުގެ ކޯޗަކަށް ކޮންޓޭ ގެންނަން ކްލަބުގެ ޑިރެކްޓަރު ފަބިއޯ ޕަރަޓީސީ ބޭނުންވި އެވެ. ނަމަވެސް ކޮންޓޭ ގެ ޝައުގުވެރިކަން އޭރު ހުރީ މެންޗެސްޓާ ޔުނައިޓެޑާ ދިމާލަށެވެ.
އިނގިރޭސި ކްލަބް ވުލްވްސް އަށް ހަތަރު އަހަރުގެ މުއްދަތަކަށް ކޯޗު ކޮށްދިނުމަށް ފަހު، މިދިޔަ ޖޫން މަހު ނޫނޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ބާކީ ދޮޅު އަހަރެއްހާ ދުވަސް އޮއްވައި ނޫނޯ މަގާމުން ވަކިކުރީ، ފަހަކަށް އައިސް ޓީމުގެ ފަރާތުން ނުކުތް ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.
ލީގުގެ ފުރަތަމަ ތިން މެޗުގައި ވެސް މޮޅުވި ޓޮޓެންހަމް، އެ އަށް ފަހު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލި ވެފަ އެވެ. އެންމެ ފަހުން އެ ޓީމުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން ބަލިވީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ލީގުގެ ނުވަވަނައިގަ އެވެ.
މި އަހަރު ޔޫއެފާ އިން އަލަށް ފެށި ޔޫރަޕުގެ ތިންވަނަ ފަންތީގެ މުބާރާތް، ޔޫއެފާ ކޮންފަރެންސް ލީގުގައި ވާދަކުރާ ޓޮޓެންހަމް، ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު މޮޅުވީ އެންމެ މެޗަކުންނެވެ. އެންމެ ފަހުން ނެދަލެންޑްސްގެ ވިޓޭސޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެ ޓީމު އޮތީ ގުރޫޕުގެ ތިން ވަނައިގަ އެވެ.
ހުސްވެފައިވާ ޓޮޓެންހަމްގެ ކޯޗުގެ މަގާމަށް އެ ޓީމުން ގެންނަން އެންމެ ޝައުގުވެރި ވަނީ ކޮންޓޭ ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރެ އެވެ. އަދި ބައެއް ރިޕޯޓްތަކުން ވަނީ ކޮންޓޭ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް ވެސް ރިޕޯޓް ކޮށްފަ އެވެ. ނަމަވެސް ޔުނައިޓެޑުން ޓޮޓެންހަމް ބަލިކުރި މެޗަށް ފަހު މަގާމުގެ ޕްރެޝަރު ބޮޑު ވެފައިވާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ވަނީ ހަމަ ނޭވައެއް ލެވިފަ އެވެ.
ކޮންޓޭ އަށް ވަނީ ދާދި ފަހުން ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް އަދި ޕަބްލިކް އިންވެސްޓްމެންޓްގެ ޗެއާމަން މުހައްމަދު ބިން ސަލްމާން ބައްލަވައިގެންނެވި އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ނިއުކާސަލް ޔުނައިޓެޑްގެ ހުސްވެފައިވާ ކޯޗުގެ މަގާމު ހުށަހަޅައިފަ އެވެ. ނަމަވެސް ކޮންޓޭ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
އިޓަލީގެ އިންޓަ މިލާނަށް މިދިޔަ ސީޒަނުގައި ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު، ޓީމު ދޫކޮށްލި ކޮންޓޭ މި ވަގުތު ހުރީ ޓީމަކާ ހަވާލު ނުވެ އެވެ. އިންޓަ އަށް ކޯޗު ކޮށްދިނުމުގެ ކުރިން އޭނާ ވަނީ އިނގިރޭސި ކްލަބް ޗެލްސީއާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން ކޮންޓޭ ވަނީ އިޓަލީގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ދެ އަހަރު މަސައްކަތް ކޮށްފަ އެވެ.