01 ނޮވެމްބަރ 2021 - 21:12

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ކަށަވަރުކޮށްދެއްވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 63 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ކުޑަ ކުއްޖާއަށް އަނިޔާ ދިން މައްސަލައިގައި މީހަކު ހައްޔަރުކުރި އިރު އެ ސްކޫލުގެ މަސައްކަތު ހުރިހާ އަންހެނުން ތިބީ ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުންގެ ބަޔާން ނެގި އެވެ. އޭގެ ތެރޭގައި ސްކޫލުގެ އިސްވެރިން ވެސް ހިމެނެ އެވެ.
އެ ކުއްޖާއަށް އަނިޔާ ލިބިފައިވާކަން ޑޮކްޓަރުގެ ރިޕޯޓުގައިވެ އެވެ.
މި މައްސަލަ ފެންމަތިވުމުން ސްކޫލުން ފުރަތަމަ ބުނީ ދަރިވަރު ފާހާނާއަށް ގެންދަން ހަވާލުކުރެވުނީ ކާކާ ކަމެއް އާންޓީ ހަނދާނެއް ނެތް ކަމަށެވެ. ދަރިވަރު ހަވާލުކުރެވުނީ ކާކާ ކަން ނޭނގޭ ކަމަށް ސްކޫލުން ބުނާތީ ސީސީޓީވީ ކެމެރާ ހޯދަން ބެލެނިވެރިން ހުށަހެޅިއިރު އެތަނުގައި ކެމެރާއެއް ނެތެވެ. އެކަމަކު ސްކޫލުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ގިނަ އަދަދެއްގެ ކެމެރާ ސްކޫލުގައި މިހާރު ހަރުކޮށްފައިވާ ކަމަށެވެ.
އާއިލާގެ ކަންބޮޑުވުމަކީ ކުއްޖާއަށް އަނިޔާ ލިބުން މާބޮޑު ކަމަކަށް ނުހަދައި، މުއައްސަސާތައް ބަދުނާމުވެދާނެ ކަމުގެ ބިރަށް އެކަން ނުހިނގާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ފޮރުވަން މުއައްސަސާތަކުން މަސައްކަތް ކުރުމެވެ.
އާއިލާ އިން "މިހާރު"އަށް ބުނެފައިވާ ގޮތުގައި މިކަހަލަ ތުހުމަތެއް ކުރެވުމުން އަނިޔާ ލިބުނު ކުއްޖާ އާއި އެހެން ކުދިންނަށްޓަކައި ވެސް ވީގޮތް ބެލުމަކީ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން ވެސް ކުރަން ޖެހޭ ކަމެކެވެ.