08 ޑިސެމްބަރ 2016 - 06:38

ސައޫދީ އަރަބިޔާގައި ކުނިކަހަން އުޅުނު ބަންގްލަދޭޝް މީހަކު ރަން ފިހާރައެއްގެ ބޭރުގައި ރަން ގަހަނާތަކަށް ބަލަހައްޓައިގެން ހުއްޓާ ނެގި ފޮޓޯއެއް ސޯޝަލް މީޑިއާއަށް މީހަކު ލި އެވެ. އެ ފޮޓޯއާ އެކު އެމީހާ ލިޔެފައިވާ މެސެޖުގައި ފަގީރުމީހާ އަށް މަލާމަތްކުރި އެވެ. އޭނާއަށް ހައްގުވަނީ ހަމައެކަނި ކުނިތަކާ ދިމާއަށް ބަލަން ކަމަށް ވެސް ލިއުނެވެ.
ސައުދީގައި ނަޒްރުލް އަބްދުލްކަރީމް ވަޒީފާ އަދާކުރަމުން އައީ މަހަކު 700 ސައޫދީ ރިޔާލް (187 ޔޫއެސް ޑޮލަރު) އަށެވެ.
އަބްދުލްކަރީމަށް މަލާމަތްކޮށް ޓްވީޓްކުރި މީހާ ހީކުރީ އެ ޓުވީޓުން އޭނާ އަށް ގިނަ ބައެއްގެ ތާއީދު ލިބޭނެ ކަމަށެވެ. ނަމަވެސް ކުރިމަތިލާން ޖެހުނީ މުޅިން ތަފާތު ކަމަކާ އެވެ. ފޮޓޯ ބެލި އެންމެން ކަހަލަ ގޮތަކަށް އަބްދުލްކަރީމަށް ހަމްދަރުދީވީ އެވެ.
ހަމައެކަނި ހަމްދަރުދީގެ މެސެޖެއް ލިޔެލައިގެން ފަރުޖެއްސީކީ ވެސް ނޫނެވެ. ސައޫދީގެ ރައްޔިތެއް ކަމަށްވާ އަބްދުﷲ އަލް ގަހްތާނީ ފެށީ އަބްދުލްކަރީމް ހޯދުމުގެ މަސައްކަތެވެ. ވެރިރަށް ރިޔާޒުގައި ދިރިއުޅޭ އެމީހާ ހޯދުމަށް ފަހު ގަހުތާނީ ވަނީ އޭނާ އަށް ވަރަށް ބައިވަރު ހަދިޔާ ވެސް ދީފަ އެވެ.
ގަހުތާނީގެ ފަހަތުން އެހެން މީހުން ވެސް އަބްދުލްކަރީމަށް އެހީވާން ފެށި އެވެ. އެގޮތުން އޭނާ އަށް ތަފާތު ހަދިޔާތައް ދިނެވެ. އޭގެ ތެރޭގައި އޭނާ ބަލަން ހުރި ރަން ފިހާރައިން މީހަކު ގަނެ ހަދިޔާކުރި ގަހަނާ ސެޓެއް ވެސް ހިމެނެ އެވެ.
އެހެން ދެ މީހަކު ވަނީ އައިފޯން ސެވަންއަކާއި ސެމްސަންގް ގެލެކްސީ ފޯނެއް ވެސް ދީފަ އެވެ.