01 ނޮވެމްބަރ 2021 - 19:27

ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ ގޮތުގައި ހަމަޖައްސަން ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މާގާމަށް 34 މީހަކު މިއަދު އައްޔަންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ މިއަދު އައްޔަންކޮށްފައި ވަނީ އެއް ސިޓީ ކައުންސިލާއި ހަތަރު އަތޮޅު ކައުންސިލާއި އަދި 29 ރަށު ކައުންސިލެއްގެ އެސްޖީން ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ކައުންސިލްތަކުގެ އެސްޖީންގެ މަގާމަށް މީހުން ހޮވުމުގެ މަސައްކަތް ނިމި، އައްޔަން ނުކުރެވި ހުރި ކައުންސިލްތަކުގެ އެސްޖީންގެ މަގާމުތަކަށް އެ ކޮމިޝަނުން ކަނޑައަޅާ މީހުން ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ.
ލޯކަލް ކައުންސިލްތަކަށް 200 އެސްޖީން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 511 މީހުން ކުރިމަތިލާފައިވެ އެވެ. އެއީ ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހަކާއި އަތޮޅު ކައުންސިލްގެ އެސްޖީ ކަމަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހެކެވެ.
އޭގެ ފަހުން، އެކި ސަބަބުތަކާ ހުރެ އެސްޖީންގެ މަގާމަށް ކުރިމަތިލާން އަލުން އިއުލާންކުރަން ޖެހުނު 75 ކައުންސިލެއްގެ އެ މަގާމަށް މީހުން ހޮވުމަށްޓަކައި ސްކްރީން މަރުހަލާ މީހާރު ވެސް ކުރިއަށް ގެންދާ ކަމަށް ސީއެސްސީން ބުނެފައިވެ އެވެ.
ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.
ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ އެސްޖީންގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.
ސިޓީ ކައުންސިލްގެ އެސްޖީއަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ދޭން ވަނީ ނިންމައިފަ އެވެ.
ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާ އެކު ސީއެސްސީންނެވެ. އެސްޖީގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުމަށް ފަހު 60 ޕަސެންޓަށް ވުރެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން، މެރިޓް އުސޫލުން އެންމެ ގާބިލް މީހެއް ކަނޑައަޅައި އެ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފާ ހޯދަ އެވެ. މަގާމަށް އައްޔަންކުރަނީ އޭގެ ފަހުންނެވެ.