ހަޕް ސެންގް ބިސްކޯދުން ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދީފި
ހަޕް ސެންގް ބިސްކޯދުން ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދީފި

މެލޭޝިއާގައި އުފައްދާ އަދި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ހަޕް ސެންގް" ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުން ކެންސަރަށް މަގު މަހިވާ ކަމަށް ރިޕޯޓްކޮށްފައި ވިޔަސް އެ ބިސްކޯދު ސިއްހަތަށް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ބްރޭންޑުގެ ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ހުރި ކަމަށް ހޮން ކޮންގުގެ ކޮންސިއުމާ ކައުންސިލުން މިދިޔަ ހަފުތާގައި ބުނުމުން މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން މި ޓެސްޓުކޮށް، ބެލުމަށް ފަހު އެފަދަ ނުރައްކަލެއް ނެތް ކަމަށް ޔަގީކޮށްދީފައިވާ ކަމަށެވެ.

ހޮން ކޮންގުގެ ކޮންސިއުމާ ކައުންސިލުން ބުނެފައި ވަނީ "ހަޕް ސެންގް" ކްރީމް ކްރޭކަރު ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާތައް ނުވަތަ ކާސިނޮޖެންސް އެކުލެވޭ ކަމަށެވެ. ކާސިނޮޖެންސްގެ މާއްދާތައް ކަމަށްވާ އެކްރިލަމައިޑް އަދި ގްލެސިޑޮލް އަކީ ކެންސަރު ޖެހުމުގެ ފުރުސަތު އޮންނަ މާއްދާތަކެކެވެ.

ރާއްޖޭގެ ވަރަށް ގިނަ ފިހާރަތަކުން ލިބެން ހުންނަ މި ބިސްކޯދުގައި ކާސިނޮޖެނިކްސްގެ މާއްދާއެއް ކަމަށްވާ އެކްރިލަމައިޑް އެކުލެވުނަސް، އެއިން ސިއްހަތަށް އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށް މެލޭޝިއާގެ ހެލްތު ޑިރެކްޓަ ޖެނެރަލް ވިދާޅުވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.

"މި ބިސްކޯދުން އެކްރިލަމައިޑް ފެނުނު ނަމަވެސް، އެ ހުރީ ޔޫރަޕިއަން ޔޫނިއަން ކޮމިޝަނުން ބަލާ ބެންޗް މާކް ލެވަލް އަށް ވުރެ ވެސް މާ ދަށްކޮށް" ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖޭގައި ކެއުމަށް ބޭނުންކުރާ އެއްވެސް އެއްޗަކުން ސިއްހަތަށް ނުރައްކާވާ ނަމަ އެ އޮތޯރިޓީން އެކަމެއް ބަލައި އާންމުންގެ ސަމާލުކަމެއް ގެންނާނެ ކަމަށެވެ.