01 ނޮވެމްބަރ 2021 - 17:55

އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނަށް، ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ޔޫތު މިނިސްޓްރީން އަންނަ އަހަރަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފި އެވެ.
އިންޑިއާއިން ދޭ 40 މިލިޔަން ޑޮލަރުގެ ލޯނުން އެންމެ ބޮޑު ހަރަދެއް ކުރަން ބަޖެޓްކޮށްފައި ވަނީ ގަލޮޅު ފުޓުބޯޅަ ދަނޑުގެ މަރާމާތަށެވެ. ދަނޑުގެ މަސައްކަތްތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 45.5 މިލިއަން ރުފިޔާ ހިމަނާފައި ވާއިރު، 2023 ވަނަ އަހަރަށް ވަނީ 10 މިލިއަން ރުފިޔާ ބަޖެޓްކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އާއި އިރުމަތީ ފަރާތް (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އެންގުމުން ދެ ފަރާތް ބަންދުކުރި އެވެ. ބަންދުކުރުމަށް ފަހު މި ދެފަރާތް ބޭނުންކުރީ ރަށްރަށަށް ފޮނުވަން ރާއްޖޭން ބޭރުން ގެނައި ކުޑަކުދިންގެ ޕާކުގެ ސާމާނު ބަހައްޓާށެވެ. ނަމަވެސް މިދިޔަ މަހު އޮތް ސާފް ޗެމްޕިއަންޝިޕުގައި ކުޅިބެލުންތެރިންނަށް ދަނޑުން ވީހާ ވެސް ގިނަ ޖާގަ ހޯދައިދޭން މުބާރާތުގެ ކުރިން މި ދެފަރާތުގެ މަރާމާތުކޮށް ބޭނުންކޮށްފައިވެ އެވެ.
ސަހަރާ ފަޅީގެ ސިޑިބަރި ދަށުގައި ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކުގެ އިތުރުން ހޭންޑް ބޯލް އެސޯސިއޭޝަނާއި ކެރަމް އެސޯސިއޭޝަންގެ އިތުރުން ކެރަމް ހޯލް ވެސް ހުރެ އެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިޔަށް ގެންދިޔައީ ކެރަމް ހޯލުގަ އެވެ.
ގަލޮޅު ދަނޑު މަރާމާތު ކުރުމުގެ އިތުރުން މާލޭގައި ގައުމީ ނެޓުބޯޅަ ސެންޓަރެއް ތަރައްގީކުރަން ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން 19 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. އަދި ތިން ފިޔަވައްސަކަށް ބަހާލައިގެން މާލޭގައި ގައުމީ ބާސްކެޓް ބޯޅަ ސެންޓަރަކާއި ޓޭބަލް ޓެނިސް ސެންޓަރެއްގެ އިތުރުން ހުޅުމާލޭގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް ތަރައްގީކުރަން ތިން ފިޔަވައްސަކަށް ބަހާލައިގެން ވަނީ މިއިން ކޮންމެ ކުޅިވަރަކަށް 13 މިލިއަން ރުފިޔާ ހަމަޖައްސައިފަ އެވެ. އަހަރަށް ލަފާކުރާ ބަޖެޓުގައި މިއިން ކޮންމެ މަޝްރޫއަކަށް ވަނީ ދެ މިލިއަން ރުފިޔާ ހަމަޖައްސައިފަ އެވެ.
މާލޭގައި ގައުމީ ވޮލީ ކޯޓެއް ތަރައްގީކުރަން އަންނަ އަހަރުގެ ބަޖެޓުގައި 628،418ރ. ހިމަނާފައި ވާއިރު، 2023 ވަނަ އަހަރަށް 1.7 މިލިއަން އަދި 2024 ވަނަ އަހަރަށް 250،000ރ. ވަނީ ބަޖެޓްކޮށްފަ އެވެ.
މާލޭ ސަރަހައްދުގެ އިތުރުން، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން ސ. ހިތަދޫ، ގދ. ތިނަދޫ، ހދ. ކުމުންދޫ އަދި ތ. ކަނޑޫދޫ ގައި ވެސް މަޝްރޫއުތަކެއް ހިންގަން ބަޖެޓް ކޮށްފައިވެ އެވެ.
ފުވައްމުލަކާއި ކުޅުދުއްފުށި އަދި ސ. ހިތަދޫ އާއި ގދ. ތިނަދޫގައި ސިންތެޓިކް ޓެރެކެއް އެޅުމުގެ މަސައްކަތަށް އަންނަ އަހަރަށް ވަނީ މިއިން ކޮންމެ ރަށަކަށް ދެ މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. މި އިން ކޮންމެ ރަށެއްގެ މަސައްކަތަށް 2023 ވަނަ އަހަރަށް 3.5 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ލަފާކޮށްފައި ވާއިރު، 2024 ވަނަ އަހަރަށް 8.8 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ލަފާކުރެ އެވެ.
މީގެ އިތުރުން ހއ. ތަކަންދޫ އާއި ހދ. ކުމުންދޫގައި ޒުވާނުންގެ މަރުކަޒެއް އަޅައި، ކުޅުދުއްފުށީގައި އިންޑޯ ކޮމްޕްލެކްސްއެއް ހަދަން ނިންމައި މިއިން ކޮންމެ މަޝްރޫއަކަށް 682،418ރ. ގެ ބަޖެޓެއް ހިމަނާފައިވެ އެވެ. އަދި 2023 ވަނަ އަހަރަށް 1.7 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައި ވާއިރު 2024 ވަނަ އަހަރަށް 250،000 ރުފިޔާ ހަރަދު ވާނެކަމަށް ލަފާކުރެ އެވެ.