01 ނޮވެމްބަރ 2021 - 16:56

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ "9 ބޯލް އެސޯސިއޭޝަން ކަޕް" ގެ ޗެމްޕިއަންކަން އަހުސަން ހާޝިމް ހޯދައިފި އެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި މިދިޔަ މަހުގެ 28 އިން ފެށިގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން އޭނާ ހޯދީ، ރޭ ކުޅުނު ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު ނުވަ ފްރޭމް އަށް ފްރޭމުން މުހައްމަދު ޝަރީފް ބަލިކޮށްގެންނެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުތައް ބައްސަވައި ދެއްވީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ރައީސް އަހުމަދު ސައްފަތެވެ.
އަންހެން އަދި ފިރިހެން ކުޅުންތެރިންނާ އެއްކޮށް ކުރިއަށް ގެންދިޔަ މި އަހަރުގެ އެސޯސިއޭޝަން ކަޕުގައި ވަނީ 96 ކުޅުންތެރިއަކު ވާދަ ކޮށްފަ އެވެ. މުބާރާތް ކުރިޔަށް ގެންދިޔައީ ކުޅުންތެރިން 16 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުން ދެ ކުޅުންތެރިން ނޮކްއައުޓް ބުރަށް ހޮވައިގެންނެވެ.
މި މުބާރާތުގެ ކުރިން އެމްޕީބީއޭ އިން ވަނީ 10 ބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފަ އެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 64 ކުޅުންތެރިން އަދި އަންހެން ޑިވިޝަނުގައި 12 ކުޅުންތެރިއަކު ވާދަކުރި އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދިއިރު އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އާމިނަތު ފާތީ އެވެ.
މި އަހަރު ބޭއްވި އެމްޕީބީއޭގެ 10 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ އިސްމާއިލް ޖީހާނެވެ.
މިދިޔަ ސެޕްޓެމްބަރު 24 އިން 29 އަށް ކުރިޔަށް ގެންދިޔަ 8 ބޯލް ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެސް ހޯދީ ފާތީ އެވެ. އަދި އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހަސަން ޝަފްރާޒް އެވެ. އަދި 8 ބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ހުސެއިން ފަޔާޒެވެ.
އެމްޕީބީއޭގެ "9 ބޯލް ޗެމްޕިއަންޝިޕް" އަންނަ ބުރާސްފަތި ދުވަހު ފަށަން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ކޮލިފައިންގެ ކުޅުން މިރޭ ފަށާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ އަށް ފަހު ޑިސެމްބަރު 1 އިން 15 އަށް ކުރިޔަށް ގެންދާނީ ގައުމީ ބިލިއާޑް މުބާރާތެވެ.