ވެންޓިިލޭޓަރު ހިޔާނާތުގެ ފައިސާ ލިބުނު ބަޔަކު ނުހޯދޭތީ އާ ދައުވާއެއް ކުރަން އެދިއްޖެ
ވެންޓިިލޭޓަރު ހިޔާނާތުގެ ފައިސާ ލިބުނު ބަޔަކު ނުހޯދޭތީ އާ ދައުވާއެއް ކުރަން އެދިއްޖެ

ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި، ދައުލަތުގެ ފައިސާ ގެއްލުނު މައްސަލައިގައި ކުރި ތަހުގީގުން، އެ ފައިސާ ދައުރުވި ގޮތާއި އެ ފައިސާއިން މަންފާވި ބަޔަކު ނުހޯދޭތީ އާ ދައުވާއެއް ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މިއަދު އަލުން ފޮނުވައިފި އެވެ.

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ހަވާލުކުރުމުގައި އަމަލު ކޮށްފައިވާ ގޮތް ތަހުގީގުކޮށް، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން މިިދިޔަ އަހަރު ކުރީކޮޅު ޕީޖީއަށް ފޮނުވުމުން އެ އޮފީހުން ނިންމީ ތަހުގީގުކޮށްފައި އޮތް ގޮތުގެ މައްޗަށް ބުރަވެ އެއްވެސް ފަރާތަކަށް ދައުވާ ނުކުރުމަށެވެ.

ނަމަވެސް އެ މައްސަލާގައި ޕީޖީ ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރިމަތިކުރި ޕްރެޝަރުތަކާއެކު އެ މައްސަލަ އަލުން މުރާޖާކޮށް އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއަށް އެންގީ އެވެ.

ދެވަނަ ފަހަރަށް އޮކްޓޯބަރު 14، 2020 ވެސް ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވުމުން ކުށުގެ "އުންސުރުތައް ހަމާނުވާތީ" ކަމަށް ބުނެ އެ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

އޭގެ އަހަރެއް ފަހުން އޭސީސީން މިއަދު ބުނީ ކޮވިޑް-19 ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން އެ ކޮމިޝަންގެ ނިންމުން އިއްޔެ އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިފަހަރު ވެސް އެދިފައި ވަނީ އެ މައްސަލާގައި، ކުރިން ވެސް އެދުނު 11 ފަރާތަށް ދައުވާކޮށްދިނުމަށެވެ. އަދި ކުރިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވާ ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް އިތުރު ދައުވާއެއް ކޮށްދިނުމަށް އެދިފައިވާ ކަމަށް އެ ކޮމިޝާނުން ބުންޏެވެ.

އާ ދައުވާ އަކީ ވެންޓިލޭޓަރުގެ އެއްބަސްވުން އެކުލަވާލުމާއި އެ ތަކެތި ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާ އިން އެއްވެސް މިންވަރެއް ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެ ފަރާތްތަކާ ގުޅުން ހުރި މީހުންނަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް މި ތަހުގީގުގު ހިންގުނު މީހުންގެ ތެރެއިން އެއްވެސް މީހަކަށް ފައިސާ ލިބުނުކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

އެހެންވެ، އެ މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުންހުރި މީހުންނަށް ވެންޓިލޭޓަރުގެ ފައިސާއެއް ލިބިފައިވޭތޯ އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ތަހުގީގު ވަކިން ކުރިއަށް ގެންދަން އޭސީސީން ވަނީ ނިންމައިފަ އެވެ.

އެގްޒިކިއުޓާސް މެދުވެރިކޮށް ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް އެ އެއްޗެހި ނުލިބި، ލަސްވެގެން ދާތީ ސަރުކާރުން ވަނީ އެންމެ ފަހުން ދުބާއި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްފަ އެވެ. ވެންޓިލޭޓަރުތައް ގަންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިޔަން ރުފިޔާ ދިވެހި ދައުލަތުން ދިނެވެ.

ވެންޓިލޭޓަރުތައް ނުލިބުމުން ބަދަލުގައި 31 މިލިއަން ރުފިޔާ ދައްކަން ސަރުކާރުން ވަނީ އަންގައިފަ އެވެ. އެ ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ މަހު ހަމަވެފައި ވާއިރު ވެސް ފައިސާ ދީފައި ނުވާތީ ދެން މަސައްކަތްކުރާނީ އާބިޓްރޭޝަނަށް ހުށަހަޅައިގެން ފައިސާ ހޯދާށެވެ.