02 ނޮވެމްބަރ 2021 - 07:12

ނެޓްފްލިކްސް އިން މުޅިން އަލަށް އަރަބި ބަހުން ރިއަލިޓީ ޝޯއެއް ގެނެސްދޭން ތައްޔާރު ވެއްޖެ އެވެ.
މި މަހުގެ 23 ގައި ސްޓްރީމްކުރަން ފަށާ ޝޯގެ ނަމަކީ "ދަ ފާސްޓެސްޓް" އެވެ. މިއީ އަރަބި ދުނިޔޭގައި ކާރަށް އޮންނަ ލޯތްބާއި އެއާ ގުޅުން ހުރި ސަގާފަތް ދައްކުވައިދޭނެ އެއްޗެކެވެ. ހަ އެޕިސޯޑްގެ ޝޯގެ ޓްރެއިލާއެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.
ދެ ޖިންސްގެ މީހުން ބައިވެރިވާ "ދަ ފާސްޓެސްޓް" ގެ ކޮންމެ އެޕިސޯޑެއް ގެނެސްދޭނީ ކާރު ރޭހާ އެކު އިނާމު ވެސް ލިބޭ ގޮތަށެވެ.
މި ޝޯއާ ބެހޭ ގޮތުން ނެޓްފްލިކްސްގެ ޔޫރަޕް، މިޑްލްއީސްޓް އަދި އެފްރިކާގެ ބައްރުގެ ނަން-ފިކްޝަން އޮރިޖިނަލްސްގެ ޑިރެކްޓަރު ލޫސީ ލެވީގްލް ވިދާޅުވީ "ދަ ފާސްޓެސްޓް" އަކީ މެދުއިރުމަތީގެ އިތުރުން އެހެން މާކެޓްތަކުގެ މީހުންނަށް ވެސް ފެނިގެންދާނެ ވަރަށް ހާއްސަ ޝޯއެއް ކަމަށެވެ.
"ބޭނުމަކީ ކޮންޓެންޓް ވަރުގަދަކުރުމާ އެކު އަހަރެމެންގެ އޯޑިއަންސް ވެސް ވީހާ ވެސް ބޮޑަށް ފުޅާކުރުން،" އޭނާ ވިދާޅުވި އެވެ. "ފާސްޓެސްޓްގެ ސަބަބުން އަނެއްކާ ވެސް މެދުއިރުމަތިން ފާހަގަ ކޮށްލެވޭ އެތައް ހުނަރުވެރިންނަށް ފެނިގެން ދާނެ."
"ދަ ފާސްޓެސްޓް" ހޯސްޓް ކޮށްދޭނީ ސައުދި އަރަބިއްޔާގެ މަޝްހޫރު ޔޫޓިއުބް ތަރި ތާރިގް އަލް ހަރްބީ އެވެ. އަރަބި ބަހުން ޝޯ ގެނެސްދިން ނަމަވެސް 190 ގައުމެއްގައި 31 ބަހަކުން ސަބްޓައިޓްލްތަކާ އެކު ޝޯ ބަލައިލުމުގެ ފުރުސަތު ނެޓްފްލިކްސްގެ އަހުލުވެރިންނަށް ލިބިގެން ދާނެ އެވެ.
މުޅިން އަލަށް ނެޓްފްލިކްސް އިން އަރަބި ބަހުން ރިއަލިޓީ ޝޯއެއް ގެނެސްދިނަސް އެ ޕްލެޓްފޯމުން މިހާތަނަށް އަރަބި ގައުމުތަކުގެ އެތައް އުފެއްދުމެއް ގެނެސްދީފައިވެ އެވެ.