ޗުއްޓީ ނުލިބުމުން ކައިވެނިކުރީ ވެބްކެމް މެދުވެރިކޮށް!
ޗުއްޓީ ނުލިބުމުން ކައިވެނިކުރީ ވެބްކެމް މެދުވެރިކޮށް!

މިޒަމާނުގައި އެންމެން ވެސް އުޅެނީ ވަރަށް ބިޒީ ދިރިއުޅުމެކެވެ. ހަފުތާ ބަންދެއް ވެސް ގިނަ މީހުންނަށް ޗުއްޓީއަކަށް ނުލިބެ އެވެ. އާއިލީ މުހިއްމު ފަންކްޝަންތަކަށް ވެސް މަސައްކަތް ބުރަކަމުން ނުދެވޭ ފަހަރު ގިނަ އެވެ. މިއީ ކުރާ މަސައްކަތަށް އެމީހުން ފަރުވާ ބަހައްޓާ މިންވަރު ހާމަވާ ކަމަކަށް ވިޔަސް މިފަދަ މީހުން ދިރިއުޅުމުގެ އެހެނިހެން ޒަރޫރީ ބޭނުންތަކާއި ފައިސާ ހޯދަން ކުރާ މަސައްކަތް ބެލެންސް ނުކުރެވި ވަރަށް ބޮޑެތި ތަކުލީފު އުފުލަން ވެސް ޖެހެ އެވެ.

އިންޑިއާގެ ކެރެލާގެ ކޯލަމް ކިޔާ ހިސާބެއްގައި ދިރިއުޅޭ ފިރިހެނަކަށް ދިމާވީ މިފަދަ ހާދިސާއެކެވެ. އޭނާއަކީ ސައޫދީ އަރަބިޔާގައި މަސައްކަތް ކުރާ މީހެކެވެ. މި މީހާގެ މަސައްކަތް ހުރި ގޮތުން އަމިއްލަ ކައިވެނީގެ ހަފުލާގައި ބައިވެރިވާން އިންޑިއާ އަށް އާދެވޭ ގޮތް ނުވި އެވެ. އެހެންކަމުން ކައިވެނި ވެސް ކުރަން ޖެހުނީ ވީޑިއޯ މެދުވެރިކޮށެވެ.

އިންޑިއާގައި ކައިވެނީގެ ރަސްމިއްޔާތަކީ ކުޑަ ހަފުލާއެއް ނޫނެވެ. އެކަން ކުރަނީ ވަރަށް ދުރާލާ ރާވައިގެން އަދި ބޮޑެތި ޚަރަދުތައް ކޮށްގެންނެވެ. އެކި ހިސާބުތަކުގައި ދިރިއުޅޭ ގާތް ތިމާގެ މީހުން އެއް ތަނަކަށް އެއްވެ އެވެ. ގިނަ ދުވަސްތަކެއްގެ މަތިން ތަފާތު ކަންކަން ކުރިއަށް ގެންދެ އެވެ.

ވެބްކެމް މެދުވެރިކޮށް ކައިވެނިކުރަން ޖެހުނީ ފަހު ވަގުތު ހާރިސް އަށް ނާދެވުމުންނެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ތިމާގެ މީހުންނާއި ގާތް އެކުވެރިން ވެސް ބައިވެރިވި އެވެ.

ކައިވެނީގައި ފިރިމީހާ އަދާކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. ކައިވެނިކުރާއިރު ކަރުގައި އަޅުވާ ހާރު އެޅުވުމާއި އެހެން ހުރިހާ ކަމެއް ވެސް ކުރީ ދައްތަ އެވެ.

އެ ކައިވެނި ސައްހަ ވާނެތޯ ގިނަ ބަޔަކު މިހާރު ދަނީ ބަހުސް ކުރަމުންނެވެ.