06 ޖޫން 2016 - 08:37
ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ މޭވާ އަކީ ކަރަ އެވެ. ފަނި ގިރުމަށް ހާއްސަ އެވެ. އެކަމަކު ރޯދާ ވީއްލާ ވަގުތު ގާތްވެފައި ވަނިކޮށް، ބާޒާރުން ގެނައި ކަރަޔަކީ ދޮން ނުވާ، ރަހައެއް ނެތް ކަރައެއްކަން އެނގޭ ހިސާބުން ކުރިއަށް އޮތް ދެތިން ދުވަސް ވެސް ޚަރާބުވެދާނެ އެވެ.
މިއީ ކަރާ ނުފަޅައި، ކަރާ ދޮންވެފައި އޮތްތޯ ބަލާނެ ގޮތެވެ. ތަޖުރިބާކާރުންގެ ވާހަކަ އެވެ.
އެންމެ ފުރަތަމަ ކަމަކީ، ދޮންވެފައި އޮތް ކަރައެއް ނަމަ އޭގެ ސައިޒާ ނުބައްދަލު ބަރުދަނެއް ހުންނާނެ އެވެ. ސައިޒާ އެކަށީގެން ނުވާ ވަރަށް ވުރެ ބަރު ކަމަށް ފާހަގަވާނެ އެވެ. ދޮންވެ ފައްކާވެފައި އޮތް ކަރައެއް ނަމަ އޭގައި ޖަހާލުމުން ހީވާނީ އެތެރޭގައި ހޮއެ ހެދިފައި އޮތް އެއްޗެއްގައި ޖަހާލާހެންނެވެ. އެކަމަކު ސަމާލުވާށެވެ. އެތެރެ ހުސްކޮށް އެއްޗެއްގައި ޖަހާލާއިރު ގޮވާ ކަހަލަ އަޑެއް އިވުނަސް އެ އަޑުގައި އެކޯވުމެއް ހުރިތޯ ބަލާށެވެ. އެއީ ފައްކާ ކަރަ އެވެ.
ކަރާގެ ފުލުގައި ނުވަތަ އެއް ފަޅީގައި ހުދުވެފައި އޮންނަ ތަންގަނޑެއް އޮންނާނެ އެވެ. ހުދު ތަނަކީ ވެލުގައި ކަރާ އަޅާފައި އޮންނައިރު ބިމުގައި ޖެހިފައި އޮންނަ ތަނެވެ. އެހެންވެ، ހުދު ބައި ބޮޑުވި ވަރަކަށް އޭގެ މާނަ އަކީ ގިނަ ދުވަހު ވެލުގައި އޮތުމެވެ. އެހެންވެ މި ބައި ބޮޑު ކަރައެއް ދޮންވެފައި އޮތުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
މިފަހަރު ޅަ އެއްޗެއް ނުގަންނާށެވެ.