01 ނޮވެމްބަރ 2021 - 11:14

އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ގެ ބަންދަށް ރޭ 15 ދުވަސް ދީފި އެވެ.

މަހުމޫދު މަރާލުމަށް ފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ސާލިމްގެ ބަންދުގެ މުއްދަތު ހަމަވާތީ ރޭ ފުލުހުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން އދ. މަހިބަދޫން ދަނގެއްޗަށް ގެންގޮސްފަ އެވެ. ފުލުހުން އެދިގެން ސިއްރުން ކުރިއަށްގެންދިޔަ އެ އަޑުއެހުމުގައި ދަނގެތީ ކޯޓުން ވަނީ ސާލިމްގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފަ އެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމް ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ރޭ އޭނާ ދަނގެތީ ކޯޓަށް ގެންދިޔުމުން އެ ރަށު ކޯޓުން ނިންމީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކުރާށެވެ.
މަހުމޫދުގެ މަރުގެ ތުހުމަތު ދަނގެތީގައި އުޅޭ އެހެން ރަށެއްގެ ދެ މީހަކަށް އެންމެ ފުރަތަމަ ކުރެވުނު ނަމަވެސް، ސާލިމްއާ މެދު ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ 9:00 ގެ ފަހުން ސާލިމް ދިރިއުޅުނު ގޭގެ ތެރެއިން މަގުމަތިން ދިޔަ މީހަކަށް ފެނުނު މަންޒަރަކާ ހެދި އެވެ.
މީހަކު ދަމާފައި ގެންދާ ގޮތަށް އެ މީހާއަށް ސިފަވުމުން އެ މައުލޫމާތު ފަހުން ފުލުހުންނަށް ދިނެވެ. އެކަމާ ގުޅިގެން، ސާލިމް ދިރިއުޅޭ ގެ ބަލައި ފާސްކޮށް އޭނާ ހައްޔަރުކުރި އެވެ.
މަހުމޫދުގެ މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ސާލިމް ވަނީ ފުލުހުންނަށް ކިޔައިދީފަ އެވެ. އަދި ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގޭގައި ވަޅުލާފައި ހުރި ގިނަ ތަކެތި ވެސް ހޯދައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ އޭނާ ފިޔަވައި އިތުރު އެއްވެސް މީހަކު މަހުމޫދު މަރާލުމުގައި ބައިވެރިވި ކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. އެކަމަކު، ސާލިމްއާ ގުޅުވާލެވޭ ގިނަ ހެކިތަކެއް ވަނީ ފެނިފަ އެވެ. މަހުމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ސާލިމް ދަނިކޮށް ކެމެރާއަކަށް ވެސް ވަނީ އަރައިފަ އެވެ.
އެނގިފައިވާ ގޮތުގައި ސާލިމް މަހުމޫދު މަރައިލީ މަހުމޫދު އަތުން ފައިސާތަކެއް ހޯދަން އުޅުމުގެ ތެރޭގައި މައްސަލަ ހޫނުވެ ހިނގި ހަމަނުޖެހުމެއްގަ އެވެ.