05 ނޮވެމްބަރ 2021 - 07:04

އަލަށް އުފަންވާ ގިނަ ކުދިން ރީނދޫ ވުމަކީ އާންމު ކަމެކެވެ. އަލަށް އުފަންވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިން ވިހާތާ ކުޑަ ދުވަސްކޮޅެއް ފަހުން ވެސް ރީނދޫވެ އެވެ. މިހެން ދިމާވަނީ ކުއްޖާގެ ހަށިގަނޑުގެ ލޭގައި "ބިލިރުބިން" ލެވެލް މަތި ވުމުގެ ސަބަބުންނެވެ. ބިލިރުބިން އަކީ ރެޑްބްލަޑް ސެލްތައް "ނައްތާލުމުގައި" ހަށިގަނޑުގައި އުފެދޭ ރީނދޫ ޕިގްމަންޓެވެ.
އާންމުކޮށް ބިލިރުބިން ދަތުރުކުރަނީ ހަށިގަނޑުގެ ފުރަމޭ ތެރެއިންނެވެ. ނަމަވެސް އަލަށް އުފަންވާ ކުދިންގެ ފުރަމޭ ފުރިހަމަނުވެ ހުންނާނެތީ ލޭގައި ހުންނަ ރީނދޫކަން ނައްތާލަން އުނދަގޫވެ އެވެ. އެކަމުގެ ސަބަބުން ލޭގައި ބިލުރުބިންގެ ލެވެލް މައްޗަށް ގޮސް، ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ވެސް އެކަން ފާހަގަވާން ފަށަ އެވެ.
ގާތުން ދީގެން ވެސް ކުދިން ރީނދޫވެ އެވެ. މިހެން އާންމުކޮށް ދިމާވަނީ ކުއްޖާ ވިހާތާ ހަފުތާއެއް ވަރު ފަހުންނެވެ. ބައެއް ފަހަރު 12 ހަފުތާ ވެސްވެ އެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. ގާތުން ދީގެން ރީނދޫވާ ކުދިންނަށް އެހެން ދިމާވާން ޖެހޭ އަސްލު ސަބަބު އަދި ހޯދިފައެއް ނެތެވެ. ހޯދުންތަކުން ދައްކާ ގޮތުގައި އެކަން ގުޅިފައި ވަނީ މައިމީހާ ގާތުން ދޭ ކިރުގައި ހިމެނޭ ޕްރޮޓީންއަށެވެ.
ގާތުން ދީގެން ރީނދޫވާ ކުދިން ނިސްބަތުން ވަރަށް މަދެވެ. މިގޮތަށް ދިމާވުމުން ގާތުން ދިނުން ހުއްޓާނުލުމަށް ތަޖުރިބާކާރުން ލަފާދެ އެވެ. ގާތުން ދީގެން ކުއްޖާ އަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި އެއީ ރައްކާތެރިކަމެއް ގޮތުގައި ބުނެފައިވެ އެވެ.
- ހަންގަނޑު ރީނދޫވެ، ލޯ ހުދުވުން
- ވަރުބަލިވުން
- ވަރުދެރަވުން/ ބޮޑާހޭކުން
- ބަރުދަނަށް ބަދަލެއް ނައުން
- ހުއްޓާނުލާ އަބަދު ރުއިން
އަލަށް އުފަންވާ ކުދިންނަކީ އުފެދުމުގައި ވެސް އެ ކުދިން ހަށިގަނޑުގައި ރެޑްބްލަޑް ސެލް މަތިކޮށް އުފަންވާ ކުދިންނެވެ. އުފަން ވުމަށް ފަހު، އެ ކުދިންގެ ހަށިގަނޑުން ކުރީގެ ބްލަޑްސެލް ނެތި ދިއުމުގައި ތެރޭގައި ރީނދޫ ވާން ފަށަ އެވެ. އަދި ހަށިގަނޑުން އެބައި ބޭރު ކުރަނީ ކުދިން ކުޑަކަމުދާ ތަކެތީގެ ތެރޭގަ އެވެ.
ގާތުން ދީގެން މިފަދަ މައްސަލަތައް ދިމާވާން ޖެހޭ ސަބަބަކީ ކޮބައިކަން ޑޮކްޓަރުންނަކަށް ނޭނގެ އެވެ. ނަމަވެސް ގިނަ ޑޮކްޓަރުންނަށް ބުރަ ވެވެނީ އެެއީ މައިމީހާ ގާތުން ދޭ ކިރުގައި ހުންނަ މާއްދާއަކުން ޕްރޮޓީން ބްލޮކް ކުރުމުގެ ސަބަބުން ކަމަށެވެ.
ޑޮކްޓަރުންނަށް އޭގެ އަސްލު ސަބަބު ހޯދިފައި ނެތް ކަމުގައި ވީ ނަމަވެސް، މިފަދަ މައްސަލަތައް ދިމާވުމުގެ އާއިލީ ކަމަކަށް ވުން ވެސް ގާތް ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ. އާއިލާގެ އެފަދަ މައްސަލައެއް ދިމާވެފައި ވާނަމަ ކުއްޖާ އަށް މި މައްސަލަ ކުރިމަތިވުން ގާތެވެ.
ރީނދޫ ވުމަކީ ކުޑަ ދުވަސް ކޮޅަކަށް ކުރިމަތިވާ މައްސަލައެއް ކަމަށް ވާތީ ކުއްޖާ އަށް ގާތުން ދިނުން ހުއްޓާނުލައި ކުރިއަށް ދިއުން ރައްކާތެރި އެވެ. ބައެއް ހާލަތުގައި، ގާތުން ދިނުން އާންމުކޮށް ދޭ ވަރަށް ވުރެ އިތުރުކޮށްލަން ވެސް ޑޮކްޓަރުން ލަފާދެ އެބެ. އަދި ބައެއް ފަހަރު ގާތުން ދިނުމުގެ އިތުރުން ފޯމިއުލާ ދިނުމަށް ބުނެ އެވެ. އެކަމުގެ ސަބަބުން، ކުއްޖާގެ ހަށިގަނޑުގައި އުފެދިފައިވާ ރީނދޫ ޕިގްމަންޓް ޔޫރިން ޕާސް ކުރުމުގައި ބޭރުވެ އެވެ.
ވަރަށް ބޮޑަށް ރީނދޫވާ ނަމަ ގޭގައި ނުވަތަ ހޮސްޕިޓަލުގައި ފޮޓޯތެރަޕީ ދޭންޖެހެ އެވެ. އެއީ ދެ ދުވަސް ވަންދެން ކުއްޖާ ވަކި ހާއްސަ އައްޔެއްގެ ދަށުގައި ބޭއްވުމުވެ. އެ އަލީގެ ސަބަބުން ބިލިރުބިން މޮލެކިއުލްސްތައް ހަށިގަނޑުން ބޭރުވާލެއް އަވަސްކޮށްދެ އެވެ. މި އަލީގައި ކުއްޖާ ބާއްވާއިރު ލޯ ރައްކާތެރިކޮށް ދިނުމަށް ލޮލުގައި ރައްކާތެރި އައިނެތް އަޅުވާފައި އޮންނާނެ އެވެ.
މިގޮތަށް ރީނދޫވާ ކުދިންނަށް ރަނގަޅަށް ފަރުވާތެރިކަމާ އެކު ފަރުވާ ދިނުމުން ވަރަށް އަވަހަށް ރަނގަޅުވެ އެވެ. ކުއްޖާގެ ފުރަމޭ ރަނގަޅަށް ހެދިބޮޑުވެ، މަސައްކަތްކުރަން ފެށުމުން ހަފްތާ، ދެހަފްތާއެއް ތެރޭގައި ރަނގަޅުވެ އެވެ. ރަނގަޅު ފަރުވާގައި ވެސް މަދު ހާލަތެއްގައި ހަ ހަފުތާ ވަރަށް ދިގު ދެމިގެން ދެއެވެ.
ގާތުން ދެމުން އަންނަ އިރު، ކުއްޖާ ރީނދޫ ވާކަން ފާހަގަ ވިއަސް ޑޮކްޓަރަކު ނުބުނަނީސް ގާތުން ދިނުން ހުއްޓާނުލާށެވެ. މައިމީހާ ގާތުން ދޭ ކިރަކީ ކުއްޖާ އަށް އެންމެ މުހިއްމު ކާނާ އެވެ. "އެމެރިކަން އެކަޑަމީ އޮފް ޕެޑިއެޓްރިކްސް" އިން ލަފާދެނީ ހަ މަސް ދުވަސް ވަންދެން ދުވާލަކު މަދުވެގެން 12 ފަހަރު ގާތުން ދިނުމަށެވެ.
-ހެލްތު ލައިން-