07 ޑިސެމްބަރ 2016 - 11:26

ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ ގިނަ އެހީތަކެއް ދޭން އެއްބަސްވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް ވަނީ އިއްޔެ ސިންގަޕޫރުގައި ފެށި ފީފާ އެގްޒެކްޓިވް ކޮމިޓީގެ ސަމިޓްގައި ރާއްޖޭގެ ފުޓްބޯޅަ އަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އަދި ފުޓްބޯޅަ ތަރައްގީ ކުރަން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވާހަކަދައްކައިފަ އެވެ. އަދި މި ސަމިޓްގައި ވަނީ ދުނިޔޭގެ ފުޓްބޯޅަ ކުރިއަރުވަން ހިންގާނެ ޕްރޮގްރާމްތަކާއި އެހެން ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.
ބައްސާމްގެ އިތުރުން މި ސަމިޓްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
"މިހާރަ"ށް ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ އެހީތަކެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ފީފާއިން ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ސަމިޓްގައި ފީފާއާ ހިއްސާކުރިން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ހުރި ގޮންޖެހުންތަކުގެ މައުލޫމާތު. ހާއްސަކޮށް އިންފްރާސްޓްރަކްޗާ މަދުވުމަކީ އެންމެ ބޮޑު އެއް މައްސަލަ. ފީފާއިން ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި،" ބައްސާމް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ރާއްޖެ އަށް ފީފާއިން ގިނަ އެހީތަކެއް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންފްރާސްޓްރަކްޗާގެ އިތުރުން ވެސް ފީފާއިން ވަނީ ރާއްޖެެ އަށް ހާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ބުނެފައި. އޭގެ ތެރޭގައި ޓެކްނިކަލް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކާއި ގްރާސްރޫޓް ހަރުދަނާ ކުރުމުގެ އިތުރުން ލީގަށް ބޭނުންވާ އިތުރު ބަދަލުތަކެއް ގެންނަން ވެސް އެހީވެދޭނެ،" ބައްސާމް ވިދާޅުވި އެވެ.
ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން މީގެ ކުރިން ވެސް ރާއްޖެ އަށް ވަނީ ގިނަ އެހީތަކެއް ދީފަ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ހާލަތު އޮތްގޮތުން އެ އެހީތަކެއް ނުލިބެ އެވެ.
އެފްއޭއެމް ރައީސްކަމަށް މިދިޔަ މަހު އިންތިހާބުވުމަށް ފަހު ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ޕްލޭނެއް އެކުލަވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހި ފުޓްބޯޅަ އާއިލާގެ މީހުން ހިމަނައިގެން އެކުލަވާލާ މި ޕްލޭނަށް އޭއެފްސީ އާއި ފީފާގެ އެހީތެރިކަން ހޯދާނެ ކަމަށް ބައްސާމް ވަނީ އޭރު ވިދާޅުވި އެވެ.