ފަލަސްތީނު މީހުންނަށް ކަށްވަޅުން ވެސް ޖާގައެއް ނެތް
ފަލަސްތީނު މީހުންނަށް ކަށްވަޅުން ވެސް ޖާގައެއް ނެތް

އަމިއްލަ ބޯހިޔާވަހިކަމެއް ބިނާކުރާނެ ބިމެއް ހޯދުމުގެ ގާނޫނީ ހަނގުރާމަ ކުރަމުން އަންނަތާ އެންމެ ގިނަ ދުވަސްވީ ބަޔަކަށް ހަމަ ގައިމުގެ ވެސް ފަލަސްތީނުގެ މުސްލިމުން ހިމެނޭނެ އެވެ. މިއަދާ ހަމައަށް އައިރު ވެސް އިޒްރޭލުގެ އަޅުވެތިކަމުން މިންޖުވެ، އަމިއްލަ ބިމެއްގެ ކަށަވަރުކަން ފަލަސްތީނު ރައްޔިތުންނަކަށް ނުލިބުނެވެ.

ފަލަސްތީނު މީހުންނަށް ކަށްވަޅުން ވެސް ޖާގައެއް ނެތް
ފަލަސްތީނު މީހުންނަށް ކަށްވަޅުން ވެސް ޖާގައެއް ނެތް

އިޒްރޭލުގެ އުދުވާނީ އަމަލުތަކުގެ ތެރެއިން، މިއަދު ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދުއްތުރާލަކީ، ފަލަސްތީނުގެ މީހުންގެ ގަބުރުސްތާނުތައް ކޮނެ، އެ ތަނުގައި ވަޅުލާފައި ހުރި އެމީހުންގެ ކާބަފައިންގެ މިނިކަށިތައް، އިޒްރޭލު ސަރުކާރުން ނަގައި އުކާލަމުންދާ މައްސަލަ އެވެ. މަސްޖިދުލް އަގްސާއާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ، ޔޫސުފިއްޔާ ގަބުރުސްތާނުގައި އެތައް ސަތޭކަ އަހަރެއްވީ މަހާނަތައް ހުރި އިރު، އިޒްރޭލުން މިހާރު އަންނަނީ އެ މަހާނަތައް ކޮނެ އެތަނުގައި ހުރި މިނިކަށިތައް ނަގަމުންނެވެ.

ފަލަސްތީނު މީހުންނަށް ކަށްވަޅުން ވެސް ޖާގައެއް ނެތް
ފަލަސްތީނު މީހުންނަށް ކަށްވަޅުން ވެސް ޖާގައެއް ނެތް

މިދިޔަ ހަފުތާތަކުގައި ސޯޝަލް މީޑިއާގައި އެންމެ އާންމުވީ، ފަލަސްތީނުގެ މުސްކުޅިންނާއި ޒުވާނުންގެ ބަޔަކު، ގަބުރުސްތާނެއްގެ މަހާނަތައް ކައިރީގައި ތިބި ރޯ މަންޒަރާއި، ބައެއް މުސްކުޅިން އެމީހުންގެ މާމައިންނާއި ކާފައިން އަދި މައިންބަފައިގެން މަހާނަ މަތީގައި އޮށޯވެ ތިބެ ނުވަތަ މަހާނައިގައި ބައްދައިގަނެގެން ތިބެ ރޯ މަންޒަރެވެ.

އެމީހުން އެ ހާލަތުގައި ތިއްބާ ދެން ފެންނަނީ، އިޒްރޭލުގެ ފުލުހުން ބާރުގެ ބޭނުންކޮށް، އެމީހުން އެ ގަބުރުސްތާނުން ނެރެ ބޭރުކުރާ މަންޒަރެވެ. ދެން އެގަބުރުސްތާނަށް ވަންނަނީ އިޒްރޭލުގެ ބުލްޑޯޒަރުތަކާއި އެކްސްކަވޭޓަރުތަކެވެ. ގަބުރުސްތާނުގައި ވަޅުލާފައި ތިބި ފަލަސްތީނު މީހުންނަށް އެއްވެސް އިހްތިރާމެއް ކުރުމެއް ނެތި، މިނިކަށިތަކާ އެކު މަހާނަތައް ކޮނެގެން ނަގާ މަންޒަރެވެ.

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، "ޔަހޫދީންގެ ޤައުމީ ބަގީޗާ"އެއް އެ ބިމުގައި ހަދައި، 2022 ވަނަ އަހަރުގެ ތެރޭގައި ހުޅުވުމަށެވެ. މި ބަގީޗާ ހެދުމަށްޓަކައި، ޔޫސުފިއްޔާ ގަބުރުސްތާނުގެ ބޮޑު ބައެއް ނެގުމަށް، އަޅުވެތިކޮށްފައިވާ ގުދުސްގައި އިޒްރޭލުން ހުޅުވާފައި ހުންނަ މުނިސިޕަލް އޮފީހުން އޮތީ ނިންމައިފަ އެވެ.

ޔޫސުފިއްޔާ ގަބުރުސްތާނަކީ 1.4 ހެކްޓަރަށް ވުރެ ބޮޑު ބިމެއްގައި ހަދާފައި ހުރި ގަބުރުސަތާނެކެވެ. މިތަނުގައި ފަލަސްތީނުގެ މުސްލިމުން ވަޅުލަމުން އަންނަތާ އެތައް ގަރުނެއް ވެއްޖެ އެވެ.

މީގެ ތިން ހަފުތާ ކުރިން، މުނިސިޕަލް އޮފީހާއި، އިޒްރޭލުގެ ޕާކްތަކާ ބެހޭ އިދާރާގެ މުވައްޒަފުން މި ގަބުރުސްތާނު ކޮންނަމުން ދިޔަ އިރު، ގިނަ އަދަދެއްގެ މިނިކަށިތަކެއް ނެގިފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން، ފަލަސްތީނުގެ އެތައް ބަޔަކު އެ ގަބުރުސްތާނު ދޮށަށް އެއްވެ، އެކަމާ ދެކޮޅު ހަދައި އަޑުއުފުލި އެވެ.

އޭގެ ފަހުން ފަލަސްތީނު މީހުން ކޮންމެ ދުވަހަކަހެން އެ ގަބުރުސްތާނު ކައިރިއަށް ގޮސް، އެ ގަބުރުސްތާނު ކޮނުމުގެ މަސައްކަތް ހުއްޓުވޭތޯ މަސައްކަތް ކުރެ އެވެ. ނަމަވެސް އިޒްރޭލު ފުލުހުން އައިސް، ބަޑިޖަހައި ކަރުނަގޭސް ޖަހައި، ފަލަސްތީނު މީހުން އެ ސަރަހައްދުން ދުރަށް ފޮނުވައިލަ އެވެ. ބައެއް މީހުންނަށް ބޮޑެތި އަނިޔާކޮށް ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު އެ ގަބުރުސްތާނު ކައިރީގައި ހިނގި ހަމަނުޖެހުންތަކުގައި އެކަނިވެސް، އިޒްރޭލުން ވަނީ ފަލަސްތީނުގެ ހަތް މީހަކު ހައްޔަރުކޮށް ޖަލަށް ލައިފަ އެވެ. ތިން މީހަކު ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އަދި އޭގެ ކުރީ ހަފުތާތަކުގައި ވެސް އެތައް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

ގަބުރުސްތާނު ކޮނެގެން މިނިކަށިތައް ނަގައި، އެ ބިން ހުސް ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވައިދިނުމަށް އެދި، ފަލަސްތީނުގެ ގާނޫނީ ވަކީލުންތަކެއްވަނީ، ގުދުސްގެ އަވަށު ކޯޓަށް ދެ ޕެޓީޝަނެއް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމާ ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުން، މިއަންނަ ހަފުތާގައި އޮންނާނެ އެވެ.

އިޒްރޭލު ސަރުކާރުން އެ ގަބުރުސްތާނުން ކޮންނަމުންދާ ސަރަހައްދުގެ ތެރޭގައި، ދާދި ފަހުން މީހުން ވަޅުލާފައިވާ ތަންތަން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަހަރު ދުވަސް ނުވާ މަހާނަތައް ވެސް ހިމެނޭ ކަމަށް ފަލަސްތީނު މީހުން ބުނެ އެވެ.