01 ނޮވެމްބަރ 2021 - 08:02

ރާއްޖޭގައި ސަބްސިޑީ ކުޑަކުރަން އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ކާޑުގެ ބާވަތްތަކުން ދޭ ސަބްސިޑީގެ ތިން ބައި ކުޅަ އެއްބައި ކުޑަކޮށްލި އެވެ. އެ ގެނައި ބަދަލާ އެކު ގިނަ ބަޔަކު ރުޅި ގަދަވެ، ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން، 2018 ގައި ކުރީގެ އުސޫލުން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޭން މަޖުބޫރުވި އެވެ. މިފަދަ ގޯސް ތަޖުރިބާތަކާ ހެދި ސަބްސިޑީއާ ކުޅުމަކީ ސަރުކާރަށް އެހާ ކުރަން ފަސޭހަކަމެއް ނޫނެވެ.

އެކަމަކު ސަބްސިޑީ އަކީ ހަގީގަތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ހިދުމަތްތަކުގެ އަގުތަކާ، ލިބޭ އާމްދަނީއާ ނުބައްދަލު މީހުންނަށް ލިބޭ އެއްޗެކެވެ. އެކަމަކު، ރާއްޖޭގައި މިކަން އޮންނަނީ އެހެނެއް ނޫނެވެ. ކަރަންޓާއި ފެނާއި ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީގެ ތެރެއިން އެ ލިބޭ ފަގީރުންގެ އަދަދު މި އުޅެނީ ވަރަށް ދަށް އަދަދެއްގަ އެވެ. ސަރުކާރުގެ ނިޔަތަކީ، ކާޑުގެ ބާވަތްތަކުގެ އަގު ފަގީރުންނަށް ކުޑަކޮށް ފޯރުކޮށްދިނުން ކަމަށް ވިޔަސް، އެ ހޭދަ މުއްސަނދި މީހާ އަށް ވެސް، އަދި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް އެބަ ކުރެވެ އެވެ. މިއީ އިންސާފެއް ނޫނެވެ!

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ވެސް ފާހަގަވާ އެއް ކަމަކީ އަހަރުން އަހަރަށް ދައުލަތުން ދޫކުރާ ސަބްސިޑީ ބޮޑުވެ، ސަރުކާރަށް ބުރަ ބޮޑުވާ ތަނެވެ. ކަރަންޓާއި ފެނާއި ކާޑަށް އެކަނި ވެސް، ތިން ތަނަކަށް ދޭ ސަބްސިޑީގެ އަދަދު މިހާރު ބިލިއަނަކާ ގާތް ކުރީ އެވެ. ހުރިހާ ސަބްސިޑީތަކެއް އެއްކޮށްލުމުން އެ އަދަދު މި އަހަރު ފަސް ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ދާނެ އެވެ. މިއީ، ދެމެހެއްޓެނިވި ގޮތަކަށް އުފުލިދާނެ ބުރައެއްތޯ، ޚުދު ސަރުކާރުން ވެސް މިހާރު ވަނީ ވިސްނަން ފަށައިފަ އެވެ.

ސަބްސިޑީއެއް ސަރުކާރުން މިދެނީ އާންމުންގެ ދިރިއުޅުމަށް ލުއިތަކެއް ފޯރުކޮށްދިނުމަށެވެ. މުޖުތަމައުގައި އޮންނަ ފަރަގު ނައްތާލުމަށެވެ. އެންމެ އަސާސީ ހިދުމަތްތައް ހޯދަން އުނދަގޫ މީހުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. ރާއްޖޭގައި މި ދޭ ސަބްސިޑީގެ ތެރެއިން ނުސީދާކޮށް ރައްޔިތުންނަށް މި ދޭ ސަބްސިޑީތަކުގެ ބަދަލުގައި ފަރުދުންގެ އަތަށް އެ ފައިސާ ދާނެ ގޮތެއް ހަދައިފި ނަމަ މިހާރު އެކަމަށް ކުރާ ހޭދައަށް ބޮޑު ލުޔެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވި އެވެ.

"ސަބްސިޑީ ދޭ ގޮތަށް ބަދަލު ގެނެސްގެން މިހާރަށް ވުރެ މާ ރަނގަޅަށް އެފައިސާ ލިބެން ޖެހޭ މީހުންނަށް ފޯރުކޮށްދެވޭނެ،" އޭނާ ވިދާޅުވި އެވެ.
- ސްޓޭޕަލް ފުޑް ސަބްސިޑީ
- ކަރަންޓް ސަބްސިޑީ
- ފިއުލް ސަަބްސިޑީ
- ކުނި މެނޭޖްކުރުމަށް ނަގާ ފީ އަގުހެޔޮކުރުމަށް ސަބްސިޑީ
- ޕަބްލިކް ޓްރާސްޕޯޓުން ލިބޭ ގެއްލުމުން އަރައިގަންނަން ދޭ ސަބްސިޑީ
މި އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ސަބްސިޑީއަށް ދާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މިހާރު ގޮސްފައިވާ ހަރަދުތަަކަށް ބަލާ އިރު 5.1 ބިލިއަން ރުފިޔާ ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ސަރުކާރުން ދޫކުރާ، ޑައިރެކްޓްކޮށްދޭ ގިނަ ސަބްސިޑީތައް ދެނީ އެންސްޕާ މެދުވެރިކޮށެވެ. އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވިދާޅުވީ، އެއް އަހަރުން އަނެއް އަހަރަށް ސަބްސިޑީ ދޭން ޖެހޭކަން މިހާރު އިތުރުވާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.
"ސަބްސިޑީ ހޯދަން ރަޖިސްޓާވާ މީހުން އިތުރުވާ ވަރަކަށް ސަބްސިޑީ ދޭން ޖެހޭ ވަރު އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.
އެންސްޕާ މެދުވެރިކޮށް ސަބްސިޑީ ލިބެނީ ވަކި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. މިހެން ހެދުމުން ސަބްސިޑީ ދެވެނީ އެކަމަށް އެންމެ ބޭނުންވެފައިވާ މީހުންނަށެވެ. އެންސްޕާ މެދުވެރިކޮށް އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސް އާއި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތަތަކަށް ދޭ އެހީ ވެސް ހިމެނެ އެވެ. މި ދެ އެލަވަންސަށް މި އަހަރު 310 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޑައިރެކްޓް ސަބްސިޑީ އަށް ވުރެ ބޮޑު ހޭދައެއް ކުރަނީ އިންޑައިރެކްޓްކޮށް ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދޭ ސަބްސިޑީއަށެވެ. މި އަހަރުގެ މިހާތަނަށް އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ، މި ސަބްސިޑީތަކުގެ ތެރެއިން ފިއުލް އަދި ކަރަންޓް ސަބްސިޑީ ވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުވެފަ އެވެ. ފިއުލް ސަބްސިޑީ މަތިވެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް މަތިވެފައިވުމާއި އަހަރުގެ ތެރޭގައި މި ސަބްސިޑީ އަށް ގެންނަން ހުށަހެޅި ބަދަލުތައް ތަންފީޒު ނުވުމުންނެވެ. އަދި ކަރަންޓް ސަބްސިޑީ ބޮޑުވީ ކޮވިޑާ ގުޅިގެން މި އަހަރު މެއި މަހު އިތުރު ސަބްސިޑީއެއް ދިނުމުންނެވެ.
އަންނަ އަހަރު ވެސް ހަކަތައިގެ ސަބްސިޑީ އާއި ކާބޯތަކެތީގެ ސަބްސިޑީ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެ މިނިސްޓްރީން ބުނީ މި ސަބްސިޑީތައް މި ވަގުތު ރާވައިފައިވާ ގޮތުން
އިންއެފިޝަންސީތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މި އިންއެފިޝަންސީތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް މި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
މިފަދަ ފިޔަވަޅުތަކުގެ ބޭނުމަކީ ''ޑެޑް ވެއިޓް ލޮސް'' ނުވަތަ އިންއެފިޝަންސީގެ ސަބަބުން މުޅި މުޖުތަމައަށް
ގެއްލިގެންދާ ބައި ކުޑަކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މިގޮތަށް ސަބްސިޑީ ދީގެން އިސްރާފުވާ ހަރަދުތައް ކުޑަކޮށް ބަޖެޓައް ލުއިލިބޭނެ ގޮތަކަށް މިއެހީތަށް ބޭނުން ކުރެވޭނެ ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެ އެވެ.
- 2021: 5.1 ބިލިއަން ރުފިޔާ
- 2022: 4.8 ބިލިއަން ރުފިޔާ
- 2023: 5.2 ބިލިއަން ރުފިޔާ
- 2024: 3.3 ބިލިއަން ރުފިޔާ
ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން ސަބްސިޑީ ދެނީ ހަނޑޫ، ހަކުރު އަދި ފުށުންނެވެ. މި ސަބްސިޑީ ދެނީ އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގެއްގައި ވިއްކައިގެންނެވެ. މި އުސޫލުން ކާބޯތަކެތީގެ ސަބްސިޑީ ދިނުމަށްޓަކައި ސަރުކާރުން 350 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އަހަރަކު ހަރަދުކުރެ އެވެ.
އެސްޓީއޯއަށް ދައުލަތުން ދޭ ކާޑުގެ ބަދަލުގެ މިންވަރު ބިނާ ވަނީ އެސްޓީއޯއިން ކާޑުގެ ބާވަތްތައް ވިއްކާ އަދަދަށާއި އެސްޓީއޯއިން ބޭރުގެ ބާޒާރުން ކާޑުގެ ބާވަތްތައް ގަންނަން ލިބޭ އަގާއި ކޮންޓްރޯލް އަގާ ދެމެދުގައި ހުންނަ ފަރަގުގެ މިންވަރަށެވެ. މިހާރު ކާބޯތަކެތީގެ ސަބްސިޑީ ދޭ އުސޫލުގެ މަތިން ރާއްޖެއިން ކާޑުގެ ބާވަތްތައް ގަންނަ ހުރިހާ ފަރާތްތަކަށް ވެސް ކާޑުގެ ސަބްސިޑީ ލިބެ އެވެ. ފަގީރު ގޭބިސީތަކާއި މުއްސަނދި ގޭބިސީތަކާއި އަދި ވިޔަފާރިތަކާއި ޓޫރިސްޓުންނަށް ވެސް އެއް ހަމައެއްގައި މި ސަބްސިޑީ ލިބެ އެވެ.
މިފަދަ ސަބްސިޑީއެއް އެންމެންނަށް ދިނުމުގެ ބަދަލުގައި ގައުމުގެ ފަގީރު ހާލަތު ދަށްކުރުމަށް އަދި ދިރިއުޅުމުގެ ފަރަގު ދަށްކުރުމަށް ފަގީރުންނަށް ޓާގެޓްކޮށް ސަބްސިޑީ ދިނުމަކީ ކުރެވިދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ދެކެ އެވެ. މިދިޔަ އަހަރު އެސްޓީއޯއިން 25 މިލިއަން ކިލޯގެ ހަނޑޫ ވިއްކި އިރު ގޭބީސީތަކަށް ވަދެފައިވަނީ 14.6 މިލިއަން ކިލޯގެ ހަނޑުލެވެ. އެސްޓީއޯއިން 17 މިލިއަން ކިލޯގެ ފުށް ވިއްކި އިރު ގޭބީސީތަކަށް ވަނީ 8.6 މިލިއަން ކިލޯގެ ފުށެވެ. ހަކުރުގެ 8.8 މިލިއަން ކިލޯ ވިއްކި އިރު ގޭބީސީތަކަށް ވަނީ 2.7 މިލިއަން ކިލޯ އެވެ. މި ދިރާސާއިން އެނގޭ ގޮތުން އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ ބޮޑުބައެއް ވިޔަފާރިތަކާއި ޓޫރިޒަމް ދާއިރާ އަށް ވަނީ ވަދެފަ އެވެ.
- ހަނޑޫ: 43 ޕަސެންޓް ވަންނަނީ ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ އަށް
- ހަކުރު: 68 ޕަސެންޓް ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ އަށް ވަދޭ
- ފުށް: 50 ޕަސެންޓް ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ އަށް ވަދޭ
ރާއްޖޭގައި ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީގެ ފޮނިމީރުކަން ވިޔަފާރިތަކުންނާއި ޓޫރިޒަމް ދާއިރާއިން ނަގާ އިރު މިއީ ބަދަލު ކުރަން ޖެހިފައިވާ ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަންނަނީ ސަބްސިޑީ ދިނުމުގައި އެންމެ ރަނގަޅު ގޮތްތައް ބަލައި، އެގޮތްތަކަށް އަމަލުކުރަމުންނެވެ. ރާއްޖޭގައި ސަބްސިޑީ ދޭ އުސޫލުގެ ބަދަލުގައި ޓާގެޓްކޮށްގެން ސަބްސިޑީ ދޭން ފެށި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި މިސްރާއި މެކްސިކޯ އާއި ލަންކާ ވެސް ހިމެނެ އެވެ.
ރާއްޖެއިން މި އުސޫލަށް އަމަލުކުރަން ފަށައިފި ނަމަ މިހާރު ހަމައެކަނި ކާބޯތަކެތީގެ ސަބްސިޑީ އަށް ހޭދަކުރާ ހޭދަ ވަރަށް ބޮޑުތަން ކުޑަވެގެންދާނެ އެވެ.
ސަރުކާރުން އަންނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 4.8 ބިލިިއަން ރުފިޔާ ދޭން ކަނޑައަޅާފައިވެ އެވެ. މީގެ ތެރެއިން ކުންފުނިތައް މެދުވެރިކޮށް ދޭ ސަބްސިޑީތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަވެ އެވެ. އަދި 2023 ވަނަ އަހަރު މި ހޭދަ އިތުރަށް ބޮޑުވެ ކުންފުނިތަކަށް ދެ ބިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
އޭޑީބީން އާންމުކޮށްފައިވާ "ސަސްޓޭނަބަލް ގްރޯތް އެސެސްމަންޓް" ރިޕޯޓުގައިވާ ގޮތުން ވެސް، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ސަބްސިޑީ ދޭ ނަމަ، މިހާރު ސަބްސިޑީ ދެމުން އަންނަ ގޮތް ބަދަލު ކުރަން ޖެހެ އެވެ. މިހާރު ސަބްސިޑީ ދޭ ގޮތުން ބޮޑު އިސްރާފެއް ވާ ކަމަށް ބުނެފައިވެ އެވެ.
ސަބްސިޑީ އަށް މިކުރާ ހޭދަ ކުޑަކުރެވިއްޖެ ނަމަ، އެހެން މަޝްރޫއުތަކަށް މި ފައިސާ ހަރަދު ކުރަން ޖާގަ ލިބޭނެ އެވެ. އަދި ބަޖެޓް ޑެފިސިޓް ކުޑަކޮށް ދައުލަތުގެ ދަރަނި ކޮންޓްރޯލް ކުރަން ވެސް ފަސޭހަވާނެ އެވެ. އަދި ހައްގު ނޫން މީހާ އަށް އެ ފައިސާ ހޭދަކުރުމުގެ ފުރުސަތު ވެސް ބަންދު ވެގެންދާނެ އެވެ.