އެސްޓަން ވިލާ ބަލިކޮށް ވެސްޓް ހޭމް، ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި
އެސްޓަން ވިލާ ބަލިކޮށް ވެސްޓް ހޭމް، ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި

ބާމިންހަމް (ނޮވެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑުން އެސްޓަން ވިލާ ބަލިކޮށް، މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފި އެވެ.

އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު މި މެޗު ވެސްޓް ހޭމް ކާމިޔާބުކުރީ 4-1 އިންނެވެ.

ފުރަތަމަ ލީޑު ނެގި ވެސްޓް ހޭމް އަށް މެޗުގެ ހަތްވަނަ މިނިޓުގައި ޑެކްލަން ރައިސްގެ ޕާހަކުން ގޯލް ޖެހީ އެ ޓީމުގެ ޒުވާން ފުލްބެކް ބެން ޖޯންސަން އެވެ. މިއީ އުމުރުން 21 އަހަރުގެ ޖޯންސަން އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އޮލީ ވަޓްކިންސް، 34 ވަނަ މިނިޓުގައި އެސްޓަން ވިލާ އަށް އެއްވަރު ކޮށްދިން ނަމަވެސް، އޭގެ ހަތަރު މިނިޓު ފަހުން ވެސްޓް ހޭމް އަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރައިސް އެވެ. މި ލަނޑަށް ފަހު، އެސްޓަން ވިލާގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ދެވަނަ ހާފު ފެށިގެން ފަސް މިނިޓު ތެރޭގައި އެ ޓީމުގެ ޑިފެންޑަރު އެޒްރީ ކޮންސާ އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ވެސްޓް ހޭމްގެ ތިންވަނަ ލަނޑު 80 ވަނަ މިނިޓުގައި ޕަބްލޯ ފޯނަލްސް ޖެހިއިރު، މިޝޭލް އެންޓޯނިއޯ އާއި މެނުއެލް ލަންޒިނީގެ މަސައްކަތުން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ޖަރޯޑް ބޯވެން އެވެ.

މި މޮޅާއެކު ވެސްޓް ހޭމް ވަނީ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ދެ ޓީމު ވެސް ކުޅުނު 10 މެޗުން 20 ޕޮއިންޓް ހޯދައިފައިވާއިރު، ވެސްޓް ހޭމް އޮތީ ސިޓީ ފަހަތުން ތާވަލުގެ ހަތަރު ވަނައިގަ އެވެ. ސިޓީ ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ އެެވެ.

އެސްޓަން ވިލާ އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެން 15 ވަނައިގަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް ވަނީ ނޯވިޗް ސިޓީ ބަލިކޮށް ލީގުގައި މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފަ އެވެ. ގާތްގާތުގައި ޖެހި ލަނޑުތަކަކާ އެކު ލީޑްސް އިން ނޯވިޗް ބަލިކުރީ 2-1 އިންނެވެ.

ލީޑްސްގެ ރަފީނިއާ 56 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނޯވިޗްގެ 19 އަހަރުގެ ޑިފެންޑަރު އެންޑްރޫ އޮމޯބަމިޑެލް ވަނީ އޭގެ ދެ މިނިޓު ފަހުން މެޗުގެ 58 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެއްވަރު ކުރިތާ ދެ މިނިޓު ފަހުން، 60 ވަނަ މިނިޓުގައި ލީޑްސް އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރޮޑްރިގޯ އެވެ.

ކުޅުނު 10 މެޗުން ހޯދި 10 ޕޮއިންޓާ އެކު ލީޑްސް އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. ފުލުގައި އޮތް ނޯވިޗް އަދި މެޗަކުން މޮޅެއް ނުވެ އެވެ.