ކްލަބް މޯލްޑިވްސް ކަޕުގެ ގުރުނެގުން މާދަމާ ރޭ
ކްލަބް މޯލްޑިވްސް ކަޕުގެ ގުރުނެގުން މާދަމާ ރޭ

ކްލަބް މޯލްްޑިވްސް ކަޕް 2021ގެ ގުރުއަތުލުން މާދަމާރޭ އޮންނާނެ ކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ގުރުލުން އޮންނާނީ މާދަމާރޭ 9:00 ގައި ޓީވީއެމްގަ އެވެ.

ކޮވިޑުގެ ހާލަތާ ހުރެ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބާއްވާ މުބާރާތުގައި 40 ޓީމު ބައިވެރި ވެ އެވެ. އެއީ ފިރިހެން ޑިވިޝަނުގައި ވާދަކުރާ 32 ޓީމާއި އަންހެން ޑިވިޝަނުގެ އަށް ޓީމެވެ.

ފިރިހެން ޑިވިޝަނުގައި ބައިވެރިވި ޓީމުތައް ރޭންކުކޮށް ވަނީ ހަތަރު ޕޮޓަކަށް ބަހައިލައިފަ އެވެ. ފުރަތަމަ ޕޮޓުގައި އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް އާއި ރަނަރަޕް ކްލަބް ވެމްކޯ އަދި ސެމީ ފައިނަލުގައި ކުޅުނު ކްލަބް އިމިގްރޭޝަން އާއި އުރީދޫގެ އިތުރުން، ކުއާޓާ ފައިނަލުގައި ކުޅުނު ޕްރިޒަން ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް އަދި އެމްޕީއެލް ހިމެނެ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ގަދަ 16 ގައި ވާދަކުރި ޕޮލިސް ކްލަބް ވެސް ހިމެނެނީ ފުރަތަމަ ޕޮޓުގަ އެވެ.

ދެވަނަ ޕޮޓުގައި ހިމެނެނީ ގަދަ 16އާ ހަމައަށް ދަތުރުކުރި ދިވެހި ސިފައިންގެ ކްލަބް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ކްލަބް އެޗްޑީސީ، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަދި ކްލަބް އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުގެ އިތުރުން ގުރޫޕް ސްޓޭޖުގައި ވާދަކުރި އެމްޓީސީސީ އާއި އެލައިޑެވެ.

ތިންވަނަ ޕޮޓުގައި ހިމެނެނީ ޓްރޭޑް ކްލަބް، ޓީމް ފެނަކަ، ފެން ކްލަބް، ޓީމް އެފްއެސްއެމް، އެމްއެމްއޭ ސޯޝަލް ކްލަބް، ސިވިލް ކޯޓު، މީޑިއާ ނެޓް އަދި ކްލަބް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެވެ. މި އަށް ޓީމު ވެސް ވަނީ 2019 ވަނަ އަހަރުގެ މުބާރާތުގައި ގުރޫޕް ސްޓޭޖުގައި ކުޅެފަ އެވެ.

ހަތަރުވަނަ ޕޮޓުގައި ހިމެނެނީ މިދިޔަ އަހަރުގެ މުބާރާތުގައި ވާދަ ނުކުރާ ޓީމުތަކެވެ. އެއީ މާލެ ސިޓީ ކައުންސިލް، ކްލަބް 220 (ޕީޖީ އޮފީސް)، ރާއްޖެ އޮންލައިން، ޓީމް ޕްލޭނިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވް ގޭސް، އެމްއޭސީއެލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

އަންހެން ޑިވިޝަނުގައި ހިމެނޭ އަށް ޓީމު ރޭންކު ކުރުމަށް ފަހު ބަހާލާފައި ވަނީ ތިން ޕޮޓަށެވެ. ފުރަތަމަ ދެ ޕޮޓުގައި ދެ ޓީމު ހިމެނިއިރު ތިންވަނަ ޕޮޓުގައި ހަތަރު ޓީމު ހިމެނެ އެވެ.

އަންހެން ޑިވިޝަނުގެ ފުރަތަމަ ޕޮޓުގައި އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް، އެމްޕީއެލް އާއި ޕޮލިސް ކުލަބު ސީޑް ކޮށްފައި ވާއިރު، ދެވަނަ ޕޮޓުގައި ހިމެނެނީ އެމްޕީއެލް އަތުން ސެމީ ފައިނަލުގައި ބަލިވި ދިވެހި ސިފައިންގެ ކްލަބް އަދި ގުރޫޕް ސްޓޭޖުގައި ކުޅުނު ޓީމް ފެނަކަ އެވެ.

ތިންވަނަ ޕޮޓުގައި ހިމެނެނީ ގުރޫޕް ސްޓޭޖުގައި ވާދަކުރި ޓްރޭޑް ކްލަބާއި ކްލަބް ވެމްކޯގެ އިތުރުން، ރޭންކު ނުކުރާ ދެ ޓީމެކެވެ. އެއީ މާލެ ސިޓީ ކައުންސިލާއި ކްލަބް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެވެ.

ކްލަބް މޯލްޑިވްސް އިން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ބާއްވާ މިއަހަރުގެ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި ހަތަރު ފަރާތަކުން ހިއްސާ ވެއެވެ. އެއީ މައިލޯ، އުރީދޫ މޯލްޑިވްސް، އެމްޓީސީސީ އަދި އެލައިޑެވެ.

މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސާފައި ވާއިރު ޕަބްލިސިޓީ ޕާޓްނަރަކީ އެއްކާފެވެ. އަދި ޕްރިންޓިން ޕާޓްނަރަކަށް ހަމަޖެއްސީ ޕްރިންޓް ލެބެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީ އެވެ. މީގެ އިތުރުން މުބާރާތުގެ ލޮޖިސްޓިކްސް ޕާޓްނަރަކަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހަމަޖައްސާފައި ވާއިރު ހޯސްޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ. "ގެވެށި ގުޅުން" ކެމެޕޭނުގެ ދަށުން ޖެންޑާ މިނިސްޓްރީ މި މުބާރާތުގެ ސޯޝަލް ޕާޓްނަރެއް ގޮތުގައި ހަރަކާތްތެރި ވާނެ އެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ. އަދި އޮންލައިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ "މިހާރު" އެވެ.