31 އޮކްޓޯބަރ 2021 - 15:29

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ މަހު ބަޔަކު ބޮމުގެ ހަަމަލާއެއް ދިން އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ހިންގި އިންކްއަަރީ އަށް ފަހު، އަޅަން ހުށަހެޅި ފިޔަވަޅުތައް ތަންފީޒުކުރަން 50 މިލިޔަން ރުފިޔާ ހަރަދުކުރަން ބަޖެޓްގައި ހިމަނައިފި އެވެ.
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހުށަހެޅި ކަންތައްތައް (ރިކޮމެންޑޭޝަންތައް) ތަންފީޒުކުރަން، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 50 މިލިޔަން ރުފިޔާ ދޭން ކަނޑައަޅާފައި އޮތީ އެމްއެންޑީއެފަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓްގައި އެމްއެންޑީއެފަށް ހަރަދުކުރަން ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 1.5 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި އޮތީ އެމްއެންޑީއެފްގެ ލޮޖިސްޓިކް އަދި ސަޕޯޓް ހިދުމަތަށެެވެ. އެ ދާއިރާއަށް 665 މިލިޔަން ރުފިޔާ ކަނޑައަޅާފައި އެބައޮތެވެ.
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބަލަން ހެދި އިންކްއަރީ އަށް ފަހު އެކުލަވައިލި ިރިޕޯޓްގައި ޖުމްލަ 45 ހުށަހެޅުމެއް އެބަ އޮތެވެ. އޭގެ ތެރެއިން ގިނަ ކަންތައްތައް ކުރަން އޮތީ، އެމްއެންޑީއެފުންނެވެ. އެއީ ނަޝީދާއި، ދައުަލަތުގެ އެހެން ވެރިންގެ ވެސް ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުން ކަމަށް ވާތީ އެވެ.
މަޖިލީހުން ހެދި އިންކުއަރީން އެނގުނު ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިންގެ ސަލާމަތީ ކަންތައްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ބަލެހެއްޓުމަށާއި، ޓެރަރިޒަމް ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން އެމްއެންޑީއެފަށް ގިނަ އަދަދެެއްގެ ޒަމާނީ ވަސީިލަތްތައް ބޭނުންވެ އެވެ. އެ މަސައްކަތްތައް ރަނގަޅަށް ކުރުމަށް ޓަކައި ތަމްރީނާއި ތައުލީމު ދިނުމަށާއި އެކި އެކި ނިޒާމުތައް ގާއިމްކުރަން ވެސް އެމްއެންޑީއެފުން ބޮޑު ޚަރަދެއް ކުރަން ޖެހެ އެވެ.