ގެދޮރުގެ މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ
ގެދޮރުގެ މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ އާ ޕްރޮޖެކްޓްތަކަށް 600 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވާ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް 4000 ހައުސިން ޔުނިޓު އެޅުމަށް ހޭދަކުރާނެ އެވެ. މި ޕްރޮޖެކްޓްގެ އިތުރުން ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އަލަށް ފަށާ ހައުސިން ޔުނިޓުތަކަށާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ މަޝްރޫއުތަކަށް 449 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ އިތުރު ފައިސާ ސައުދީ ފަންޑުން ހޯދާނެ އެވެ.

ސައުދީ ފަންޑުގެ ލޯނުގައި ހިނގަމުންދާ އެފޯޑަބަލް ހައުސިން ޕްރޮޖެކްޓުގެ ދަށުން 57 މިލިއަން ރުފިޔާ ހަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި މިހާރު ހިނގަމުންދާ މ.ކޮޅުފުށި، ބ.ތުޅާދޫ، ޅ.ނައިފަރު، ތ.ތިމަރަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫއުތަކަށް ޖުމްލަ 24 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވެ އެވެ.

ހދ. ކުޅުދުއްފުށީގައި 105 ހައުސިން ޔުނިޓު އެޅުމަށް 7.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މި ޕްރޮޖެކްޓްތަކުގެ އިތުރަށް މިހާރު ކުރިއަށްދާ މަޝްރޫއުތަކާ އެކު ޖުމްލަ 2.4 ބިލިއަން ރުފިޔާ ހޭދަކުރަން ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކަށް 33 ޕަސެންޓް ހޭދަކުރަން ހަމަޖެހިފައިވެ އެވެ. އެގޮތުން 12.1 ބިލިއަން ރުފިޔާ މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.