އިއްސެގެ މަރު: ސުމޮންއަށް އަނިޔާކުރި ކަމަށް ބުންޏަސް އެކަން ފެނުނު މީހަކު ނެތް
އިއްސެގެ މަރު: ސުމޮންއަށް އަނިޔާކުރި ކަމަށް ބުންޏަސް އެކަން ފެނުނު މީހަކު ނެތް

ހއ. އިހަވަންދޫ އައިސް ޕްލާންޓުގެ ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި ދައުވާ ލިބޭ ބަންގްލަދޭޝްގެ ސުމޮން މިއާ މީގެ ކުރިން ދައުވާއަށް އިއުތިރާފުވީ، އޭނާއަށް އަނިޔާކޮށްގެންތޯ ބަލަން އެ މައްސަލަ ތަހުގީގުކުރި ފުލުހުން މިއަދު ޝަރީއަތަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އައިސް ޕްލާންޓްގައި މަސައްކަތްކުރި ޅ. ހިންނަވަރު މީހެއް ކަމަށްވާ އިއްސެއަށް ޖޫން 2017 ގައި، ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ، އިއްސެއާ އެކު އެތަނުގައި މަސައްކަތްކުރި ސުމޮން ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވެެފަ އެވެ. އޭނާ ވަނީ އިއްސެ މަރާލި ގޮތް ކިޔައިދީ މައްސަލައާ ގުޅޭ ބައެއް ތަކެތި ހުރިތަން ވެސް ކިޔައިދީފަ އެވެ. ދައުވާ ކުރުމުން ޝަރީއަތުގައި ދައުވާއަށް ވެސް އިއުތިރާފު ވިޔަސް، ހުރިހާ ހެއްކެއް ނަގައި ނިމުމުން އޭނާ ވަނީ ކުށަށް އިންކާރުކޮށް، އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން، މައްސަލަ ތަހުގީގުކުރި ބައެއް ފުލުހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް އޮންލައިންކޮށް ހާޒިރުކޮށްފަ އެވެ. މިއަދު ހާޒިރުކުރި ފުލުހުންގެ ތެރޭގައި މައްސަލަ ތަހުގީގު ކުރުމުގައި އެންމެ އިސްކޮށް އުޅުނު ދެ ފުލުހުން ކަމަށްވާ މޫސާ ސައީދާއި އަލީ މުހައްމަދުގެ އިތުރުން ތަހުގީގު ޓީމުގައި ހިމެނޭ މުހައްމަދު އަބޫބަކުރެވެ. ސުމޮން ބުނެފައިވާ ގޮތުގައި އޭނާއަށް އަނިޔާކުރި ފުލުހުންގެ ތެރޭގައި އަބޫބަކުރު ހިމެނެ އެވެ.

ސުމޮން ހައްޔަރުކުރީ އިއްސެ މަރާލުމަށް ފަހު ފިލައިގެން ކުޅުދުއްފުއްޓަށް ގޮސް އުޅެނިކޮށެވެ. އެ ރަށުން އޭނާ ހައްޔަރުކޮށްގެން، އިއްސެ މަރާލި ގޮތް އޭނާ ލައްވައި ކިޔުއްވައި ހެކިތައް ހޯދަން އޭނާ އިހަވަންދޫއަށް ގެންގޮސް، ފަހުން ކުޅުދުއްފުއްޓަށް ގެންދިޔައީ އެވެ. އެންމެ ފުރަތަމަ ހައްޔަރުކޮށްގެން އިހަވަންދޫއަށް ގެންދިޔުމުގެ ކުރިން ވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެކަމަކު، ސުމޮން ބުނަނީ އޭނާ ހައްޔަރު ކުރެވުނު ހިސާބުން ފެށިގެން އޭނާއަށް ދިޔައީ އަނިޔާކުރަމުން ކަމަށެވެ.

މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް އުޅުނު މޫސާ ސައީދު މިއަދު ދިއްދޫ މެޖިސްޓްރޭޓު ކޯޓުން އޮންލައިންކޮށް ބައިވެރިވެ ކްރިމިނަލް ކޯޓުގައި ބުނީ، ސުމޮންއަށް އެއްވެސް ފުލުހަކު އަނިޔާކުރި ކަމެއް އޭނާ ވެސް އޭނާގެ ވަކީލު އަދި ތަރުޖަމާނު ވެސް ބުނެފައި ނުވާ ކަމަށެވެ. އަދި ސުމޮން އަށް ފުލުހުން އަނިޔާކުރި މަންޒަރެއް ވެސް ނުފެންނަ ކަމަށާއި އޭނާއަށް އަނިޔާ ނުކުރާ ކަމަށް ބުނެފައިވެ އެވެ.

އަލީ މުހައްމަދު މިއަދު އޮންލައިންކޮށް ކުޅުދުއްފުށީ ކޯޓުން ބައިވެރިވެވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވަމުން ބުނީ، ސުމޮން ކުޅުދުއްފުށީގައި ހުރެގެން އިއުތިރާފުވި އިރު އަލީ މުހައްމަދާއި އިތުރު ފުލުހުންތަކެއް ދިޔައީ މައްސަލަ ތަހުގީގު ކުރަން އިހަވަންދޫއަށް ކަމަށެވެ. ސުމޮން އިއުތިރާފުވި އިރު ސުމޮންއަށް އަނިޔާ ކުރި ކަމަށް ބުނާ އަބޫބަކުރު ވެސް ހުންނާނީ އިހަވަންދޫގައި ކަމަށް ބުންޏެވެ. އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އޭނާއާ ދިމާ ނުވާ ކަމަށް ވެސް ބުންޏެވެ.

ބިރު ދައްކައި އަނިޔާ ކުރި ކަމަށް ބުނާ އެއްވެސް ކަހަލަ ކަމެއް ހިންގި ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށް ވެސް އަލީ މުހައްމަދު ބުންޏެ އެވެ. އަދި އަނިޔާކުރި ކަމަށް ސުމޮން ވެސް ނުބުނާ ކަމަށް އޭނާ ބުންޏެވެ.

އިހަވަންދޫ ކޯޓުގައި ބަހައްޓާފައި ހުއްޓާ އަލީ މުހައްމަދު ވެސް ސުމޮންގެ މޫނު މަތީގައި ޖެހި ކަމަށް ސުމޮން މިއަދު ތުހުމަތުކުރި އެވެ. މިއީ ކުރިން ނުކުރާ ތުހުމަތެކެވެ. ދައުލަތުން ހަމަޖައްސާފައިވާ ސުމޮންގެ ވަކީލު އޭނާއާ ހަވާލާދީ ބުނީ އަލީ މުހައްމަދު އަނިޔާކުރިކަން ހަނދާންވީ ސުމޮންއަށް މިއަދު އޭނާ ފެނުމުން ކަމަށެވެ. މި ތުހުމަތު އަލީ މުހައްމަދު ދޮގުކުރި އެވެ.

އިއުތިރާފު ބަޔާން ނެގުމުގެ ކުރިން ސުމޮން އާއި އަބޫބަކުރު ދިމާވި ކަމަށް އެނގޭތޯ ވެސް ދިފާއީ ވަކީލު އެހި އެވެ. އަލީ މުހައްމަދު ވިދާޅުވީ ބައްދަލު ނުވާނެ ކަމަށާއި އޭނާ އާއި މޫސާއަށް ނޭނގި އެހެން އެއްވެސް ފުލުހަކަށް އޭރު ސުމޮންއާ ބައްދަލު ނުކުރެވޭނެ ކަމަށެވެ.

ސުމޮންގެ ފަރާތުން އެދިގެން ހާޒިރުކުރި މުހައްމަދު އަބޫބަކުރު އަޑުއެހުމުގައި ބައިވެރިވީ ނޮޅިވަރަން މެޖިސްޓްރޭޓު ކޯޓުންނެވެ. އޭނާއާ ސުވާލުކުރުމުން ބުނެފައި ވަނީ ސުމޮންއާ އެންމެ ފުރަތަމަ ދިމާވީ އިހަވަންދޫއަށް އޭނާ ގެންދިޔުމުން ކަމަށެވެ. އެއީ އޭނާ ކުޅުދުއްފުށިން ހައްޔަރުކުރި ދުވަހާ ޖެހިގެން އައި ދުވަހު ކަމަށް އޭނާ ބުންޏެވެ.

ޕޮލިސް ސްޓޭޝަންގައި ސުމޮންއަށް އެއްވެސް އަނިޔާއެއް ކުރި މަންޒަރު ނުފެންނަ ކަމަށް އޭނާ ބުންޏެވެ. ތަހުގީގުގައި އޭނާ ވެސް އެހެން އެއްވެސް ފުލުހަކު ވެސް އަނިޔާ ނުކުރާ ކަމަށް ވެސް އަބޫބަކުރު ބުންޏެވެ.

އެއްވެސް ރެއެއްގައި ސުމޮން ނެެރެ މޫނަށް ޕެޕާ ސްޕްރޭ ޖަހައި އޭނާއަށް އަނިޔާކުރިންތޯ ސުމޮންގެ ވަކީލު ސުވާލު ކުރުމުން އަބޫބަކުރު ބުނީ އެފަދަ ކަމެއް ނުކުރާ ކަމަށެވެ. އަދި އެއީ އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"އެކަނި ކުރެވޭނެ ކަހަލަ ކަންކަމެއް ވެސް ނޫން ތި ދައްކަނީ،" އަބޫބަކުރު ބުންޏެވެ.

ވަކީލުގެ ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ ސުމޮންއަށް އަނިޔާއެއް ވެފައިވާކަން ވެސް ފާހަގަނުކުރެވޭ ކަމަށެވެ. އެހެން މީހެއްގެ ގާތުގައި ވެސް ސުމޮން އެކަހަލަ ވާހަކައެއް ދައްކާފައިވާކަން އެނގިފައި ނެތް ކަމަށް ބުންޏެވެ.

އަބޫބަކުރު އޭނާއަށް އަނިޔާކުރި ކަމަށް ބުނެ ސުމޮން މިއަދު ވަނީ އެކަމާ މެދު އަބޫބަކުރު ބުނަނީ ކީކޭތޯ ވަކީލު މެދުވެރިކޮށް ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި އަބޫބަކުރު އެހީ ކުރިއަށްދަނީ ތިމަންނާގެ ޝަރީއަތްތޯ އެވެ. އެކަމަކު، އޭނާ ކުރިން ދެއްކި ވާހަކަ ތަކުރާރުކޮށް އެފަދަ ކަމެއް ނުކުރާ ކަމަށް ބުންޏެވެ.

ދައުލަތުން ބުނީ މިއަދު ހާޒިރުކުރި އެންމެންގެ ވާހަކައިން އެނގުނީ އެއްވެސް ވަރަކަށް ފުުލުހުން ސުމޮންއަށް އަނިޔާކޮށްފައި ނެތްކަމެވެ. އެހެންވެ، ދައުލަތުން އަބޫބަކުރާ ކުރަން ޖެހޭ ސުވާލެއް ނެތް ކަމަށް ބުންޏެވެ.

ސުމޮން ކުރިން ވި އިއުތިރާފުން ރުޖޫއަވުމާ މެދު ނިންމާ ގޮތް ޝަރީއަތުން ހުކުމް އިއްވާއިރު އަންގާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ. އަދި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް ވިދާޅުވި އެވެ.

އިއްސެގެ މަރު ތަހުގީގުކޮށް ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ސުމޮން އޭނާ މަރާލީ އިއްސެއާ ހެދި އަނބިމީހާއާ މައްސަލަ ޖެހުމުން އެކަމާ އައި ރުޅީގައި ކަމަށެވެ.

އިއްސެގެ މަރާ ގުޅިގެން ސުމޮންގެ އިތުރުން އިހަވަންދޫގައި އުޅުނު އިތުރު ބިދޭސީންތަކަކަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އެ މީހުންނަށް ދައުވާ ކުރަނީ އިއްސެ މަރާލިކަން އެނގިހުރެ އެކަން ސިއްރު ކުރުމާއި ސުމޮން ފިލައިގެން ދިއުމަށްޓަކައި އެހީތެރިވި ކަމަށް ތުހުމަތުކޮށެވެ.