31 އޮކްޓޯބަރ 2021 - 15:36

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓު ކަމުގައި ހުންނަވަނިކޮށް ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި ކުރީގެ ގާޒީ ގދ. ތިނަދޫ، ގާކުރެލި އިބްރާހިމް ރަޝީދުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޕީޖީ އޮފީހުން 2017 ވަނަ އަހަރު އިބްރާހިމް ރަޝީދުގެ މައްޗަށް، ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 28، 2016 ދުވަހުގެ މެންދަމު މަގުމަތިން އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައިގަ އެވެ.
ޑްރަގާ އެކު ހައްޔަރުކޮށް ބަންދުގެ ހައި ކޯޓަށް ގެންދިޔުމުން އެ ކޯޓުން ދޫކޮށްލި އިބްރާހިމް ރަޝީދު ކޯޓުގައި ވިދާޅުވީ ފަނޑިޔާރަކަށް ފާރަލުމަކީ ފަނޑިޔާރެއްގެ މަސައްކަތާއި ޒާތީ ކަންކަމަށް އަރައިގަތުން ކަމަށެވެ. ފުލުހުންނަށް އެފަދަ ކަމެއް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ. ޖާސޫސް ކުރުމަކީ އިސްލާމީ ޝަރީއަތުގައި ނަހީ ކުރައްވާފައިވާ ކަމަކަށް ވާއިރު އެކަމުގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އޭނާ ވިދާޅުވެފައި ވަނީ، އޭނާ އަކީ އޭރު ފަނޑިޔާރަކަށްވާއިރު ފުލުހުން އޭނާއަށް ފާރަލައި ޖާސޫސް ކުރުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި ހައްޔަރުކުރީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.
އޭގެ އިތުރުން އޭނާ ހައްޔަރުކޮށް ބަލައިފާސްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމާފައި އޮއްވައި އަދި އެ ނިންމުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައި އޮއްވައި އޭނާ ގާނޫނާ ހިލާފަށް ބަލައިފާސްކޮށް ހޯދި ހޯދުންތަކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ވެސް ހުށަހެޅުމެއް ހުށަހެޅި އެވެ.
މި މަހުގެ 13 ވަނަ ދުވަހު އޭނާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުގައި ފާހަގަކުރެއްވީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ދޫކޮށްލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ނިންމާފައިވާ ކަމެވެ.
އޭގެ އިތުރުން، ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިންނަކީ އިބްރާހިމް ރަޝީދު ހައްޔަރުގައި ބަހައްޓައިގެން ހޯދާފައިވާ ހެކިން ނޫންކަން ފާހަގަކުރި އެވެ. އަދި އެ ހެކިންނަކީ އިބްރާހިމް ރަޝީދު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް އެއްލާލަނިކޮށް ފެނުނުކަން ސާބިތު ކުރަން ހުށަހެޅި ހެކިތައްކަން ފާހަގަ ކުރި އެވެ.
ފުލުހުން އޭނާ ބަލައިފާސް ކުރީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތެއްގެ މައްޗަށް ކަމަށާއި އެފަދަ ހާލަތެއްގައި މީހަކު ބަލައި ފާސްކުރެވޭނެކަން ހައި ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ.
މި ސަބަބުތަކާ ހެދި ދައުވާ ކުރިއަށްގެންދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގާޒީ ހަސަން ސައީދު ނިންމެވި އެވެ.
އިބްރާހިމް ރަޝީދު ހައްޔަރު ކުރި މައްސަލައާ ގުޅިގެން ޖޭއެސްސީއިން އޭނާ ސަސްޕެންޑު ވެސް ކުރި އެވެ. އެކަމަކު، ފަހުން ސަސްޕެންޝަން އުވާލާފައި ވަނިކޮށް، އޭނާ މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީއިން ނިންމީ އަންހެނަކަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ގަޒުފު ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ. އެ މައްސަލައިގައި އޭނާ މަގާމުން ވަކި ކުރަން މަޖިލީހުން ފާސް ކުރީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.