ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ރ. ފައިނުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން އިއްޔެ ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ފައިނުގެ ކައުންސިލް ރައީސް މޫސާ އުމަރުމަނިކެވެ. މި ރަސްމިއްޔާތުގައި ރ. އަތޮޅުގެ ކައުންސިލް ރައީސް އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 63.3 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ ދަށުން 5.37 ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓޯވަކެއް އަޅައި އާރުއޯ ފެސިލިޓީ އިމާރާތެއް ހަދާނެ އެވެ. އަދި ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގި ވެސް ބަހައްޓާނެ އެވެ. އެ ރަށުގެ ގެތަކުގައި ފެންމީޓަރު ހަރުކޮށް ކަނެކްޝަން ގުޅައިދޭނީ ވެސް އެމްޑަބްލިއުއެސްސީންނެވެ.

އެ ރަށުގެ ނަރުދަމާ ނިޒާމުގައި 4.8 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމްކޮށް ޕަންޕިން ލައިން އެޅުމާއި ޕަންޕިން ސްޓޭޝަން ހެދުމާއި ސީއައުޓް ފްލޯއެއް ހަދާނެ އެވެ. އަދި ގެތަކުގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅުވައިދޭނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.