07 ޑިސެމްބަރ 2016 - 11:49

ލަންޑަން (ޑިސެމްބަރު 7) - ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއް ވަނަ ގެއްލުނުތާ މަހެއް ނުވަނީސް ސާބިއާގެ ނޮވަކް ޖޮކިވިޗް އޭނާގެ ކޯޗު ޖަރުމަނުގެ ބޮރިސް ބެކާއާ ވަކިވުމަށް ނިންމައިފި އެވެ.
ސީޒަންގެ ފަހު ކޮޅުގައި ފޯމު ދަށްވުމުގެ ސަބަބުން ޖޮކޮވިޗަށް ފަހުން ކުޅުނު ހަތަރު މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. މިދިޔަ މަހު ޖޮކޮވިޗަށް ރޭންކިން އެއް ވަނަ ގެއްލުނީ 122 ހަފްތާ ފަހުންނެވެ. ޖޮކޮވިޗް ފަހަތަށް ޖައްސާލުމަށް ފަހު ރޭންކިން އެއް ވަނަ އަށް އެރީ އިނގިރޭސި ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ އެވެ.
ޖޮކޮވިޗްގެ ކޯޗުކަމާ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ބެކާ ހަވާލުވީ 2013 ވަނަ އަހަރު އެވެ. ބެކާގެ ކޯޗުކަމުގައި ޖޮކޮވިޗް ވަނީ ގްރޭންޑް ސްލޭމް ހަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ޖޮކޮވިޗް ބުނީ ބެކާއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމީ ދެ މީހުން މަޝްވަރާ ކުރުމަށް ފަހު އެވެ.
"ބެކާ އާއި އަހަންނާއި ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން އަހަރެމެން ނިންމީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު. އަހަރެމެންގެ ޕާޓްނާޝިޕްގައި ހާސިލްކުރަން ބޭނުންވި ހުރިހާ ކާމިޔާބެއް ލިބިއްޖެ. ބެކާ ދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ކުރިއަށްދާން ވިސްނާއިރު ހުރި ގޮންޖެހުންތަކަށް ބަލާފައި މި ވަގުތަށް އެންމެ ރަނގަޅު ގޮތަށް މި ނިންމީ،" ޖޮކޮވިޗް ބުންޏެވެ.
އުމުރުން 29 އަހަރުގެ ޖޮކޮވިޗް އެންމެ ފަހުން ކާމިޔާބުކުރީ ގްރޭންޑް ސްލޭމް މުބާރާތަކީ މި އަހަރުގެ ފްރެންޗް އޯޕަން އެވެ. އެންމެ ފަހުން ކުޅުނު ސީޒަންގެ ފަހު މުބާރާތް ކަމަށްވާ އޭޓީޕީ ވޯލްޑް ޓުއާސް ފައިނަލުން ޖޮކޮވިޗް ބަލިވީ މަރޭއާ ވާދަކޮށެވެ.