މިނިމަމް ވޭޖާ ތަންފީޒުކުރަން 500 މިލިއަން ރުފިޔާ ހޭދަވާނެ
މިނިމަމް ވޭޖާ ތަންފީޒުކުރަން 500 މިލިއަން ރުފިޔާ ހޭދަވާނެ

މިނިމަމް ވޭޖާއި މުސާރައިގެ ހަމަހަމަކަން ގެނައުމަށް ދައުލަތުގެ ބަޖެޓަށް އިތުރު 500 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ބަޖެޓުގައިވާ ގޮތުން މިނިމަމް ވޭޖުގެ ގޮތުގައި މިނިމަމް ވޭޖް އެޑްވައިޒަރީ ކައުންސިލުން ލަފާ ދީފައިވާ
މުސާރަ އާއި ފިކްސްޑް އެލަވަންސް މަހަކަށް 7،000ރ. ކަނޑައަޅައިފި ނަމަ ސީދާ ގޮތެއްގައި މިނިމަމް ވޭޖް ދިނުމަށް 163 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބާކީ ބައި ހިމެނޭނީ ޕޭ
ހާމަނައިޒޭޝަންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައިގެ ހަމަހަމަކަން ގެނައުމަށެވެ.

އަންނަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މުސާރައިގެ ހަމަހަމަކަން ގެނައުމުގެ ގޮތުން ޓީޗަރުންގެ މުސާރަ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައިވާ ގޮތުން މުވައްޒަފުންގެ މުސާރައިގެ މިންގަނޑު އެއް ހަމަކޮށް މިނިމަމް ވޭޖް ތަންފީޒުކުރުމުގެ މަސައްކަތް ކުރަނީ ކުރިއަށް ތިން އަހަށް ބަހާލައިގެންނެވެ. އަންނަ އަހަރަށް 500 މިލިއަން ރުފިޔާ ކަނޑައެޅި އިރު 2023 ވަނަ އަހަރު މިކަމަށް 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި 2024 ވަނަ އަހަރަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅަން ވަނީ ޕްލޭންކޮށްފަ އެވެ.

ބަޖެޓުގައިވާ ގޮތުން އަންނަ އަހަރަށް ހިމަނާފައި ވަނީ ވާނީ މި ވަގުތު މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ހިނގާ ހަރަދަށް އިތުރުވާ ބައެވެ. މި ވަގުތު ދައުލަތުގެ ބަޖެޓުން މުސާރަ ދޭ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއްގެ އުޖޫރަ މިނިމަމް ވޭޖް ތަންފީޒުކުރުމާ އެކު މަތިވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ 67 ޕަސެންޓަކީ ރިކަރެންޓް ހަރަދެވެ. މިހާ ބޮޑަށް ރިކަރަންޓް ހަރަދު ބޮޑުވާ އެއް ސަބަބަކީ މިނިމަމް ވޭޖް ތަންފީޒު ކުރުމަށާއި މުސާރައިގެ ހަމަހަމަކަން ގެނައުމަށް ކުރާ މަސައްކަތް ފެށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.