31 އޮކްޓޯބަރ 2021 - 11:09

ރަޝިއާގެ ކަޒާންގަައި ކުރިއަށް ބޭއްވި ސްވިމިން ވޯލްޑް ކަޕް 2021 (ލެގް 4) ގައި ވާދަކުރި ދިވެހި ޒުވާން ފެތުންތެރިޔާ އަލީ އިމްއާން ދެ ދުވަސް ތެރޭގައި ގައުމީ ތިން ރެކޯޑެއް މުގުރާލައިފި އެވެ.
ދުނިޔޭގެ ސްވިމިން ފެޑްރޭޝަން (ފީނާ) ގެ ސްކޮލާޝިޕެއްގެ ދަށުން ރަޝިއާގައި ތަމްރީނު ހަދަމުން އަންނަ އިމްއާން، އެ މުބާރާތުގައި އެންމެ ފުރަތަމަ މުގުރައިލީ މެޑްލޭ ޝޯޓް ކޯސް 100 މީޓަރުގެ ރެކޯޑެވެ. އިއްޔެ ނިމުނު އެ މުބާރާތުގައި އޭނާ ވަނީ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކްގެ އިތުރުން 400 މީޓަރު މެޑްލޭގެ ރެކޯޑް މުގުރާލައިފަ އެވެ.
ޝޯޓް ކޯސް 50 ބެކްސްޓްރޯކް ރެކޯޑް އެންމެ ފަހުން ވެސް މުގުރައިލީ އިމްއާނެވެ. އޭނާގެ އަމިއްލަ ރެކޯޑް އާ ކުރީ 00.29.23 އިން ރޭސް ނިންމައިގެންނެވެ. ކުރިން އެ ރެކޯޑް އިމްއާން ހެދީ ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެސްއޭ ގޭމްސްގައި އިމްއާން ރެކޯޑް ހެދީ 00.29.44 އިންނެވެ.
މެޑްލޭ ޝޯޓް ކޯސް 100 މީޓަރުގެ ގައުމީ ރެކޯޑް މިދިޔަ ހުކުރު ދުވަހާ ހަމައަށް އޮތީ މުބާލް އައްޒާމް އިބްރާހިމްގެ އަތުގަ އެވެ. ސެޕްޓެމްބަރު 2017 ގައި ތުރުކްމެނިސްތާނުގައި ބޭއްވި އޭޝިއަން އިންޑޯ އަދި މާޝަލް އާޓްސް ގޭމްސްގައި މުބާލް، އެ ރެކޯޑް ހެދީ 01.10.13 އިން ރޭސް ނިންމައިގެންނެވެ. ފީނާ ސްވިމިން ވޯލްޑް ކަޕްގައި ވާދަކޮށް، އިމްއާން، ހުކުރު ދުވަހު އެ ރެކޯޑް މުގުރާލީ 01.04.93 އިން ރޭސް ނިންމައިގެންނެވެ.
ޝޯޓްކޯސް މެޑްލޭ 400 މީޓަރު ރެކޯޑް ކުރިން އޮންނަނީ އިންޓަނޭޝަނަލް ގޭމްސްގައި އެ އިވެންޓްގައި އެންމެ ފުރަތަމަ ވާދަކުރި ދިވެހި ފެތުންތެރިޔާ މުހައްމަދު އާން ހުސައިން އަތުގަ އެވެ. ސްވިމިން އެސޯސިއޭޝަނުން މި މަހު ބޭއްވި ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ ފެންމުތިގެ ޝަރަފު ހޯދި، އާން އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް، ޝޯޓްކޯސް މެޑްލޭ 400 މީޓަރުގެ ރޭސް ނިންމީ 05.49.08 އިންނެވެ. ކަޒާންގައި އިމްއާން އެ ރެކޯޑް މުގުރައިލީ 05.06.64 އިން ރޭސް ނިންމައިގެންނެވެ.
ޖަޕާނުގައި މިދިޔަ އޮގަސްޓް މަހު ބޭއްވި އޮލިމްޕިކްސް ގޭމްސްގައި ވާދަކުރުމަށް ސްވިމިން އެސޯސިއޭޝަނުން ބޭއްވި ޓައިމް ޓްރެއަލްގައި ކުރި ހޯދައިގެން އެ ފުރުސަތު އެންމެ ފުރަތަމަ ހޯދި ދެ ފެތުންތެރިންގެ ތެރޭގައި އިމްއާން ހިމެނުނެވެ. އަނެއް ފެތުންތެރިޔަކީ އައިޝަތު ސައުސަން އެވެ.
ނަމަވެސް ފަހު ވަގުތު އެ ދެ ފެތުންތެރިން ބާކީވީ، ފީނާއިން އުސޫލު ބަދަލު ކުރުމުންނެވެ. ފީނާ އިން އެންގީ އެ ޖަމާއަތުގެ ރޭންކިންގައި އެންމެ ކުރީގައި ތިބި ރޭއްޖޭގެ ދެ ފެތުންތެރިންނަށް ފުރުސަތު ދިނުމަށެވެ. އެ ގޮތަށް ނިންމުމުން ފުރުސަތު ދިނީ މުބްލް އާއި އާމިނަތު ސާޖިނާ އަށެވެ.