31 އޮކްޓޯބަރ 2021 - 10:45

ތައިލެންޑަށް ގޮސް ކަރަންޓީނުވާން ނުޖެހޭ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.
ތައިލެންޑުގައި ކޮވިޑް-19 އޮތް ހާލަތަށް ބަލައި އިގްތިސާދު އަލުން ހިންގުމަށް މީގެ ކުރިން ވަނީ ބައެއް ގައުމުތަކަށް ގައުމު ހުޅުވާލައިފަ އެވެ. އެ ލިސްޓު ރިވިއުކުރުމަށް ފަހު، ރާއްޖެއާ އެކު 63 ގައުމަކަށް މިހާރު ވަނީ ތައިލެންޑުން ލުއި ދީފަ އެވެ.
އެ ލިސްޓުގައި އިންޑިއާ އާއި ސްރީ ލަންކާ އަދި ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.
ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރިކުރުމަށް ތައިލެންޑަކީ ދިވެހިންގެ މަގުބޫލު މަންޒިލެކެވެ.
ތައިލެންޑުގެ އެންމެ ހިތްގައިމު އެއް ރަށް އަދި ޓޫރިސްޓުންގެ މަގުބޫލު މަންޒިލް ޕުކެޓު ވަނީ މިދިޔަ ޖުލައި މަހު ހުޅުވާލައިފަ އެވެ. ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ އެތަނަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
ތައިލެންޑުގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުން ފެށިގެން ވަނީ ކޭސްތައް އިތުރުވާން ފަށައިފަ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު މަޑުމަޑުން މިހާރު ދަނީ ދަށަށެވެ.
އެ ގައުމުގެ އިގްތިސާދުގައި ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ޓޫރިޒަމެވެ. ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ކުރިމަތިވި އޭޝިއަން ފައިނޭންޝަލް ކްރައިސިސް އަށް ފަހު ތައިލެންޑުގެ ޓޫރިޒަމް އެންމެ ބޮޑު ގެއްލުމެއް ވީ ކޮވިޑްގެ ސަބަބުންނެވެ.