ޖަޔަލަލީތާ - ފިލްމީ ދުނިޔޭގައި ވެސް އެހާމެ ވިދާލި
ޖަޔަލަލީތާ - ފިލްމީ ދުނިޔޭގައި ވެސް އެހާމެ ވިދާލި

މީގެ ދެ ދުވަސް ކުރިން އަވަހާރަވި އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔަލަލީތާ، ފަހުގެ ޖީލަށް އެނގެނީ ވަރުގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގައި ނަމަވެސް އޭނާ އަކީ އިންޑިއާގައި އެހާމެ މަޝްހޫރު ފިލްމީ ތަރިއެކެވެ.

ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމުގެ ކުރިން އޭނާ ހޭދަކުރެއްވި ކާމިޔާބު ފިލްމީ ހަޔާތުގައި ދިގު 30 ފިލްމާ އެކު 140 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކުރެއްވި އެވެ. އޭގެ ތެރޭގައި "އެޕިސްޓްލް" ކިޔާ އިނގިރޭސި ފިލްމެއް ވެސް ހިމެނެ އެވެ.

ތަމަޅައިންގެ އެންމެ މަގުބޫލް އަންހެން އެއް ބަތަލާ އަށް ވެވަޑައިގެންނެވި ނަމަވެސް ބޮލީވުޑްގައި އޭނާ ކުޅުއްވީ އެންމެ ފިލްމެކެވެ. "އިއްޒަތު"ގައި މުއްސަނދި އަދި ބޮޑާ މަހުޖަނެއްގެ ދަރިއެއްގެ ރޯލުން އޭނާ ފެންނަ އިރު ބޮލީވުޑްގެ މަޝްހޫރު ބަތަލް ދަރުމެންދުރަ އެ ފިލްމުގައި ކުޅުނީ ޑަބަލް ރޯލެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުހޯދުނެވެ. ނަމަވެސް ފިލްމުގެ އެއް ލަވަ ވަރަށް މަޝްހޫރުވި އެވެ. އޭގެ ސަބަބަކީ ޖަޔަލަލީތާގެ ރީތި ނެށުން ކަމަށް އޭރުގެ މީހުން ބުނެ އެވެ.

އެ ފިލްމުގެ ހަނދާން އާކުރަމުން އިންޑިއާގެ ނޫހަކަށް ދަރުމެންދުރަ އިއްޔެ ކިޔައިދިން ގޮތުގައި ފިލްމުގައި ޖަޔަލަލީތާ ކުޅުއްވި ކެރެކްޓާ އާއި އޭނާގެ ހަގީގީ މިޒާޖު އުޑާއި ބިމާހާ ތަފާތެވެ. ޖަޔަލަލީތާ ސިފަކުރަމުން ދަރުމެންދުރާ ބުނީ އެއީ ވަރަށް މަޑުމައިތިރި އަންހެން ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ފޯކަސް ހުންނަނީ ހަމައެކަނި ފިލްމުގެ މަސައްކަތަށް ކަމަށާއި ބޭކާރު އަނގަތަޅުއްވާ ނޫޅުއްވާ ކަމަށް ވެސް ބުންޏެވެ.

"ސެޓުގައި ވެސް އޭނާ މާ ގިނައިން ވާހަކަ ދައްކައެއް ނުހަދާނެ. އެހެންވެ އަހަރެމެން އެންމެން ވެސް އޭނާގެ އެކަނި އިނުމަށް ލޯބިކުރާތީ އެކަމަށް އިހުތިރާމްކުރިން. ޖާޔާ އެ ފިލްމުގައި ކުޅުނީ 'ޝޯލޭ'ގައި ހެމާ މާލިނީ އަދާކުރި ކަހަލަ އަނގަތަޅާ މީހެއްގެ ރޯލު. ނަމަވެސް ހަގީގަތުގައި އޭނާ ވަރަށް މަޑުމައިތިރި،" ދަރުމެންދުރަ ބުންޏެވެ.

އެކްޓްކުރުމަކީ ޖަޔަލަލީތާގެ އެންމެ ބޮޑު ހުނަރެއް ނޫނެވެ. އޭނާއަކީ ވަރަށް ރީތިކޮށް ލަވަ ވިދާޅުވި ބޭފުޅެއް ވެސް މެ އެވެ.

ކުރިން ދެއްކި "ސިމީ ގަރެވާލް ޓޯކް ޝޯ" ގައި ޖަޔަލަލީތާ ލަވަ ވިދާޅުވި އެވެ.

އޭނާގެ ހަނދާންތައް ދެމިގެންދާނީ ސިޔާސީ ލީޑަރެއްގެ ގޮތުން ޓެމިލްނާޑޫ އަށް ކޮށްދެއްވި ހިދުމަތްތަކުން އެކަންޏެއް ނޫނެވެ. އޭނާގެ ފިލްމު ކެރިއާގެ ހުނަރުތައް ވެސް ތަމަޅައިންގެ މެދުގައި ވާނީ ބޮޑު ހަނދާންތަކަކަށެވެ.