31 އޮކްޓޯބަރ 2021 - 08:56

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލް މުހައިމިން ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ބޭންކުން އެއްބަސްވެއްޖެ އެވެ.
އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ އެހްތެޝާމް ވަގުތީ ގޮތުން މަސްއޫލިއްޔަތުތަކުން ދުރުކުރަން ބޯޑުން ނިންމީ މި މަހުގެ 26ގައި ކަމަށެވެ. އޭނާ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ކުރިއަށްދާ ތަހުގީގެއްގެ ސަބަބުން ކަމަށާއި ސަސްޕެންޑް ކުރިކަން އަންގާފައި ވަނީ އިއްޔެ ކަމަށެވެ.
އެހްތެޝާމް ސަސްޕެންޑް ކުރި ސީދާ ސަބަބެއް އެމްއައިބީން ނުބުނި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) ބޭންކުން ނެގުމުންނެވެ. މިއީ ކޮން ބޭނުމެއްގައި ނެގި ފައިސާއެއް ކަން އަދި ނޭނގެ އެވެ.
އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެހްތެޝާމަށް ޑޮލަރު ދޫކޮށްފައި ވަނީ ބޭންކުގެ އެޗްއާރު އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ ސޮޔާ އެކުގަ އެވެ. ނަމަވެސް މިކަން ބޯޑަށް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރަމުން އަންނައިރު ސަސްޕެންޑު ކުރުމާއެކު މިދިޔަ ހުކުރު ދުވަހު އެހްތެޝާމް ވަނީ ރާއްޖޭން ބޭރަށް ފުރައިފަ އެވެ. އޭނާ ފުރީ ރަސްމީ ޗުއްޓީ އެއް ނެގުމަށް ފަހު ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އެހްތެޝާން ސީއީއޯގެ މަގާމުން ދުރުކޮށްފައިވާއިރު މިހާރު އެ މަގާމު ވަގުތީ ގޮތުން ހަވާލު ކޮށްފައިވަނީ ބޭންކުގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ރިޒާއާ އެވެ.