ސިމިއޯނީގެ ދަރިފުޅުގެ ގޯލުތަކުން ޔުވެންޓަސް ބަލިކޮށްފި
ސިމިއޯނީގެ ދަރިފުޅުގެ ގޯލުތަކުން ޔުވެންޓަސް ބަލިކޮށްފި

ވެރޯނާ (އޮކްޓޯބަރު 31) - އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު، ޖިއޮވާނީ ސިމިއޯނީގެ ލަނޑުތަކުން އިޓާލިއަން ލީގުގައި ރޭ ހަލެސް ވެރޯނާއިން، ވަރުގަދަ ޔުވެންޓަސް ބަލިކޮށްފި އެވެ.

ސިމިއޯނީގެ ދަރިފުޅުގެ ގޯލުތަކުން ޔުވެންޓަސް ބަލިކޮށްފި
ސިމިއޯނީގެ ދަރިފުޅުގެ ގޯލުތަކުން ޔުވެންޓަސް ބަލިކޮށްފި

ލޯނު އުސޫލުން އިޓާލިއަން ލީގުގެ ހަލެސް ވެރޯނާއަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ޖިއޮވާނީ މެޗުގައި ދެ ލަނޑު ޖަހައި ޔުވެންޓަސް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ޖިއޮވާނީ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ 14 މިނިޓު ތެރޭގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނިޓުގައި ޖެހިއިރު އޭގެ ތިން މިނިޓް ފަހުން ވަނީ ދެވަނަ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. ޖިއޮވާނީ ވަނީ މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުން އަށް ގޯލު ޖަހައިފަ އެވެ.

ޖިއޮވާނީ ވަނީ މިދިޔަ ހަފްތާގައި ވެރޯނާއިން 4-1 އިން ލާޒިއޯ ބަލިކުރި މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑު ޖަހައިފަ އެވެ.

ޔުވެންޓަސްގެ ހަމައެކަނި ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އެ ޓީމުގެ އެމެރިކާ މިޑްފީލްޑަރު ވެސްޓަން މެކެނީ އެވެ.

މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ ތާވަލުގެ ނުވަވަނައަށް ވެއްޓިފަ އެވެ. އަދި 10 ވަނައިގައި އޮތް ވެރޯނާ ވަނީ ޔުވެންޓަސް އަށް ވުރެ ކުރިޔަށް، ތާވަލުގެ އަށްވަނައަށް ޖެހިލައިފަ އެވެ. މި ދެޓީމަށް ވެސް ކުޅުނު 11 މެޗުން 15 ޕޮއިންޓް ލިބިފައި ވާއިރު ވެރޯނާ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިއީ ލީގުގައި ދަށްކޮށް ފެށި ޔުވެންޓަސް މި ސީޒަނުގައި ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވި ދެވަނަ ފަހަރެވެ. މޮޅެއް ނުހޯދި ކުޅުނު ފުރަތަމަ ހަތަރު މެޗަށް ފަހު އެޓީމުން ޖެހިގެން އައި ހަތަރު މެޗުން މޮޅުވި ނަމަވެސް އެއަށް ފަހު ކުޅުނު ތިން މެޗުން ޔުވެންޓަސް މޮޅެއް ނުވެ އެވެ.

އެންމެ ފަހުން ޔުވެންޓަސް ލީގުގައި ކުޅުނު މެޗުން ވެސް ބަލިވީ 2-1 އިންނެވެ. ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވާން ދަނިކޮށް ބަލިވީ އެންމެ ފަހު ސިކުންތުގައި ޖެހި ލަނޑުންނެވެ.

އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާ އާއި ލާޒިއޯ ބައްދަލުކުރި މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ލާޒިއޯ އަށް 18 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ކުރިން ބާސެލޯނާ އާއި ޗެލްސީގެ އިތުރުން ރޯމާއަށް ވެސް ކުޅުނު ފޯވަޑް ޕެޑްރޯ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑުވާން ޒަޕާޓާ އެޓަލާންޓާއަށް އެއްވަރުކޮށްދީފައި ވަނިކޮށް ލާޒިއޯއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ސީރޯ އިމޯބިލޭ އެވެ. އަދި އެޓަލާންޓާ އިން އެއްވަރުކުރި ލަނޑު، 90 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖަހައިދިނީ މާޓެން ޑި ރޫން އެވެ.

ލީގުގައި 11 މެޗު ކުޅެގެން ހޯދި 19 ޕޮއިންޓާ އެކު އެޓަލާންޓާ މިވަގުތު ތާވަލުގެ ފަސްވަނައިގައި އޮތްއިރު ލާޒިއޯ ހަވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީ މިރޭ ނުކުންނާނީ އަލަށް ޕްރޮމޯޓްވި ސެލާނިޓާނާއާ ދެކޮޅަށެވެ. އަދި ދެވަނައިގައި އޮތް އޭސީ މިލާން ނުކުންނާނީ ހަތަރު ވަނައިގައި އޮތް ރޯމާއާ ދެކޮޅަށެވެ. ތިންވަނައިގައި އޮތް އިންޓަ މިލާން މިއަދު ހަވީރު އަމިއްލަ ދަނޑުގައި އުދިނޭސީއާ ދެކޮޅަށް ނުކުންނާނެ އެވެ.