މަދަދު އެދެމޭ ހިތާއޭ...
މަދަދު އެދެމޭ ހިތާއޭ...

ބުދަ ދުވަހާ ގުޅޭ

އެކަމަކު އަޒްލިފާ ކަރުގައި ކަށްޓެއް ހުރަސްކުރުމަށް ފަހުގައެވެ. އެއީ އަހަރެން ކުރާ ހިތްވިކަމެއް ނޫނެވެ. ކުރަން ބޭނުންވި ކަމެއް ވެސް ނުމެ ނޫންމެއެވެ. އެކަމަކު، ކުރަން އަޒްލިފާ މަޖުބޫރުކުރުވި ކަމެކެވެ.

"ދެން އަޒްލިފާ އެ ކަހަލަ ކަމެއް ކޮށްފިއްޔާ.. ވަގުތުން ވަރިކުރާނަން،" އަހަރެން އިންޒާރުދިނީމެވެ. "ހަނދާންކުރާތި!"

އަހަރެން ހީކުރި ވަރަށް ވުރެ އަޒްލިފާ ހުސިޔާރެވެ. އަހަރެން ބުނި އެއްޗަކާ މެދު އަޒްލިފާ ވިސްނި ހެނެއް ވެސް ހިޔެއްނުވިއެވެ. ޖަވާބުދިންލެއް އަވަސްކަމުންނެވެ.

"އެކަމަކު ނަސީރަކީ އަހަންނާ ނުލާހިކު ދުރުގަ އުޅޭ މީހެއް،" އަޒްލިފާ ބުންޏެވެ. "އިރުއިރުކޮޅާ ރަށަށް ނާދެއެކޭ ނޫން. ތިހާ ދުރުގަ އުޅެންޖެހެނީ ލާރި ހޯދަން މަސައްކަތްކުރަންޖެހޭތީކަން ވެސް އެނގޭ. ތީ އަހަރުމެންނަށް ޓަކާ ކުރާ ކަމެއްކަން ވެސް ވިސްނޭ. އެކަމަކު، އެކަނި އަންހެނަކު މިހެން އުޅޭ އިރު ވަރަށް ގިނަ ކަންތަކާ ފޭސްކުރަން ޖެހޭ! ވަރަށް އެކަނިވޭ! ފިރިހެނުންގެ އުނދަގޫ އެހާ ބޮޑު. މީހެއްގެ ވައިފެއްކަން އެނގޭ އިރު ވެސް ވަރަށް ގުޅާ! މަގުމަތިން ދާ އިރު ވެސް... ދެން އެނގޭ ދޯ މި ބުނާ އެއްޗެއް."

އަޒްލިފާ ދެއްކީ ތެދު ވާހަކައެވެ. ފިރިމީހާޔާ ވަކިން އަންހެނަކު އުޅޭ އިރު ލައްކަ ގޮންޖެހުންތައް ހުންނާނެއެވެ. މީހަކާ އިންނަނީ އެކުގައި ދިރިއުޅުން ވެއަތުކުރާށެވެ. ދެ މީހުން ދެ ރަށުގައި ތިބޭކަށް ނޫނެވެ. އަބަދުވެސް އަޒްލިފާ ގާތުގައި އަހަންނަށް ހުރެވޭ ނަމަ، ދިމާވި އެއްވެސް މައްސަލައެއް ދިމާވާކަށް ނުޖެހުނީހެވެ. ރަށުން އަޒްލިފާ ފުރި އިރު ވެސް، ލަންކާއަށް ދިޔަ އިރު ވެސް ގާތުގައި ހުންނާނީ އަހަންނެވެ. އެހެން މީހެއްގެ އެހީއެއް ބޭނުމެއް ނުވީހެވެ.

"ތި ބުނާ އެއްޗެއް އެނގެޔޭ!" އަހަރެން ބުނީމެވެ. "އެކަމަކު ތީ އެކްސްގިއުޒެއް ނޫން. އަންބަކު ތިހެން އުޅެންޏާ ފިރިއެއްގެ ބޭނުމެއް ނެތެއްނު! އަޒްލިފާއަށް އެނގޭތަ އަހަރެން މި ބުނާ އެއްޗެއް؟ އަހަރުމެން އިނދެގެން މި ވޭތުވި އަހަރުތަކުގަ އަހަރެން ކުރި އިތުބާރާ، ކޮންދިން ކަންތައްތަކުގެ އަގެއް ކޮބާ؟"

"އަހަންނަށް އެނގޭ އަހަރެން ކަހަލަ އަންހެނަކަށް ވެގެން ނޫނީ އަހަރެން މި ބުނާ އެއްޗެއް އިހުސާސެއް ނުކުރެވޭނެކަން،" އަޒްލިފާ ބުންޏެވެ. "މީހެއްގެ އަންބެކޭ ބުންޏަސް، ނުގުޅާށޭ ބުންޏަސް ހުއްޓައެއް ނުލައޭ. އެއް ނަންބަރު ބްލޮކް ކޮށްލާ އިރަށް އަނެއް ނަންބަރުން ގުޅާ! މީހުން ކަޅިއަޅާ ވަރުން މަގުމައްޗަށް ނުކުމެވޭ ވަރު ނުވޭ!"

އަޒްލިފާ އިނގިލި ދިއްކުރަނީ އެހެން މީހުންނަށެވެ. ތިމާގެ އެއް ދަރި އުޅެނީ ގުރޭޑު ހަތަރެއްގައިކަމާއި، އަނެއް ދަރި އުޅެނީ ތިނެއްގައިކަމާއި، އެއިން އެއް ކުއްޖަކަށް ވެސް ނަމާދުކުރަން ނޭނގޭކަމެއް އަޒްލިފާ ހަނދާނެއް ނެތެވެ. އެއީ ކާކުގެ ކުށެއްކަމެއް ނުބުނެދެވެއެވެ. ދަރީންގެ އެއްވެސް ޒިންމާއެއް ނުނެގުނެވެ. ކުރިން ގޯސްކޮށް ކުރެވުނު ކަންކަން ފަހުން ރަނގަޅެއް ނުކުރެވުނެވެ. ޔަގީނުން ވެސް އަހަންނާ އިން ފަހުން އަޒްލިފާ ފައިސާއަށް ވިސްނާކަށް ނުޖެހޭނެއެވެ. އަހަރެން އަނިޔާއެއް ނުކުރަމެވެ. ޒުވާބެއް ނުކުރަމެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެމެވެ. ބޮޑުސިންގާ ޓީވީއަކާއި، ކުދިން ކުޅެން ލެޕްޓޮޕަކާއި، ސައިކަލެއް ގަނެދެވިއްޖެއެވެ. އަޒްލިފާ ބައްޕަގެ ބޭސްފަރުވާއާއި، އެ ގޭގެ ބޮޑެތި މަރާމާތުތަކަށާއި، އަހަރެންގެ ދޮންދަރިންނަށް ހަރަދުކުރީ ވެސް ހެޔޮހިތުންނެވެ. ހުރިހާ ކަމެއް ބޭކާރެވެ. އަޒްލިފާއަކަށް އަގުވަޒަނެއް ނުކުރެވުނެވެ.

"ދެން އަހަރެން ކިހިނެއް ހަދަންވީ؟ އަޒްލިފާ ބުނެބަލަ!" އަހަރެން ބުނީމެވެ. "ވަޒީފާ ދޫކޮށްލާފަ ރަށަށް ބަދަލުވާންވީ؟"

"އަހަރެން އެއްކޮށް ލަންކާއަށް ބަދަލުކޮށްދީ!" އަޒްލިފާ އެދުނެވެ. "އޭރުން އަހަރެން ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ބަލަހައްޓާނަން. ނަސީރު ތި ބޭނުންވާ ކަހަލަ އަންބަކަށް ވެސް ވާނަން."

އަނެއްކާ ވެސް އަހަންނަށް ބޮޑު ދަރަންޏެއް ނެގިދާނެއެވެ. ދަރައި ވިކިގެން ވިޔަސް އަޒްލިފާ ބުނި ކަންތައް ކޮށްދެވިދާނެއެވެ. އެކަމަކު އެހެން އަތޮޅެއްގައި ވަފާތެރިވެގެން ނޫޅެވުނު މީހަކު އެހެން ގައުމެއްގައި ވަފާތެރިވެގެން އުޅޭނެ ހެއްޔެވެ؟

"އަހަރެން ބުނަން ރަނގަޅު ވާހަކައެއް،" އަހަރެން ބުނީމެވެ. "އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެ. އަހަރެންނަކަށް މި ވަގުތަކު ނެތް ތި ކަން ކުރެވޭކަށް. އަދި މި އުޅެނީ ކުރިން ނެގި ދަރަނިތައް އަދާނުކުރެވިގެން. ވިސްނާނަން ތި ކަމާ. މި ވަގުތަށް އެ ވަރު ރަނގަޅެއްނު! އަޒްލިފާ ވަރިއެއް ނުކުރާނަން. އިސްލާހުވާން ފުރުސަތު ވެސް ދޭނަން. އެކަމަކު މި ހިސާބުން ދެން، އަހަރެން ހަތަރުދަމު އާމުދަނީހޯދަން މަސައްކަތްކުރުން މި ހުއްޓާލަނީ. މި ވަޒީފާ ވެސް މި ދޫކޮށްލަނީ. ދެން އަހަރެން ވަންނާނީ މަދުން މުސާރަ ލިބުނަސް ގިނަ ވަގުތު މަސައްކަތުގަ އުޅެން ނުޖެހޭ ކަހަލަ ތާކަށް. މިހާރު ބޭނުންވަނީ އަހަރެންގެ މުސްތަގުބަލާ ދޭތެރޭގަ ވިސްނަން. އެބަ ޖެހޭ ގޮތެއް ހޯދަން."

އަޒްލިފާ ރާއްޖެއައެވެ. އޭނަ ބެހެއްޓީ ހަމަ އޭނަގެ ރަށުގައެވެ. އެ ދުވަސްވަރު އައިފޯނުގެ އާ ފޯނެއް ނުކުތެވެ. އެ ފޯނު އަޒްލިފާއަށް ގަންދީފައި އަޒްލިފާ ގެންގުޅުނު ކުރީގެ ފޯނު އަހަންނަށް ދޭން އެދުނީމެވެ. އަހަރެން އަތުގައި އޮތީ މާ ކުރީގެ ފޯނެއް ވީމައެވެ. އެ ކަހަލަ ކަންކަމުގައި އަހަރެން އަބަދުވެސް އިސްކަން ދެނީ އަޒްލިފާއަށެވެ.

އަޒްލިފާގެ ބާ ފޯނު އަހަންނަށް ލިބުނެވެ. ހިތަށްއެރިއެވެ. ފޯނުގައި ހުރި އެއްޗެހީގެ ކޮޕީއެއް ބާއްވަން ޖެހޭނެއެވެ. ފަހުން ފޮނުވި ފޯނަށް ކަމެއް ދިމާވިޔަސް އަޒްލިފާއަށް ބޮނޑިއެއް ނުލިބޭނީ އޭރުންނެވެ. އެ ނިޔަތުގައި ފޯނު ބަލައިލި އިރު، ހުރިހައި ފޮޓޯއެއް ހުރީ ފުހެލައިފައެވެ. އެންމެ ފޮޓޯއެއް ވެސް ނެތެވެ. އެ ހިސާބުން ސުވާލު އުފެދިއްޖެއެވެ. އެ ފޮޓޯތައް ބަަލައިލާ ހިތްވެއްޖެއެވެ. ފުހެނުލައި ހައެއްކަ ފޮޓޯގަނޑު ބޭއްވި ނަމަވެސް އަހަރެންގެ ވިސްނުން އެ ދިމާއަކަށް ނޭނބުރުނީހެވެ.

ފޯނު ހިފައިގެން މަންދޫހު ގާތަށް ދިޔައީމެވެ. އެއީ، ފަހަރެއްގައި ނުރައްކާތެރި އެއްޗެއް ފޯނުން ފެނުނަސް، އެ ކަން ސިއްރުކޮށްދޭނެ ކަހަލަ އެކުވެރިއެކެވެ. އޭނަ އެ ހެދި ގޮތެއް ހަދައިފައި، ފުހެލައިފައި ހުރި އެއްޗެއްސަށް ދާންދެން އަތުލައިގަތެވެ. އެ ބަލަން އަހަންނާ ހަވާލުކޮށްފައި މަންދޫހު އެ ތަނުން ނުކުތީއެވެ. އެ ރަތް ސިގުނަލު ފެނިފައި އަހަރެން އިރުކޮޅަކު އިސްޖަހައިގެން އިނީމެވެ. ލެޕުޓޮޕުގެ އިސްކިރީނުން ފެންނަން ހުރި ފޯލުޑަރު ހުޅުވައިލަން އުޅެފައި، ދެން ބޭނުންވީ ފޯލުޑަރު ފުހެލާށެވެ.

"ހަމަ އެންމެ ވާހަކައެއް ބުނެލަން،" މަންދޫހު ދޮރުން ބޯދިއްކޮށްލައިފައި ބުންޏެވެ. "އަހަރެންނަކީ ނަސީރު ނަމަ، ތި ފޯލްޑަރު ނުބަލާ ފުހެލާނީ."

މަންދޫހު އެހެން ބުނެލައިފައި ދޮރު ލެއްޕިއެވެ. އެ ހިސާބުން އަހަރެންގެ ހިޔާލު ބަދަލުވިއެވެ. ދެން ބޭނުންވީ ބަލާށެވެ. އަހަރެން ފޯލުޑަރު ހުޅުވައިލީމެވެ. އޭގައި ހުރީ ދެތިން ފޮޓޯއެއް ނޫނެވެ. ދެތިން ހާސް ފޮޓޯއެވެ. ބޮޑު ބަޔަކީ ބޭކާރު ފޮޓޯއެވެ. ގަޑީގެ ސިކުންތުކަށްޓާއި އަހަރެންގެ ވިންދު ހުއްޓުވައިލީ ދެން ހުރި ފޮޓޯތަކެވެ. ހިތަށްއެރިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެގެން އަޒްލިފާ އެ ފޮޓޯތައް ނެގީ ކާކަށް ފޮނުވަން ހެއްޔެވެ؟ ޔަގީނުން ވެސް އަހަންނަކަށް ނުފޮނުވައެވެ. އެކަމަކު ފިރިމީހާ ނޫން މީހަކަށް އެ ފޮޓޯތަކެއް ނުދެއްކޭނެއެވެ.

އަހަރެންގެ ސުވާލަށް ޖަވާބުލިބުނީ އަޒްލިފާ ފޮނުވައިފައިވާ މެސެޖުތަކުންނެވެ. ތިން ނަމެއްގައި އޮތް ތިން ނަންބަރަކަށް ފޮޓޯ ފޮނުވިކަން، ދައްކައިފައިވާ ވާހަކަތަކުން އެނގުނެވެ. މުޅީން ވެސް ރާއްޖޭގެ ނަންބަރުތަކެވެ. އެއީ އެކެއްގެ ތިން ނަންބަރު ނޫންކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެންމެ ގިނަ ފޮޓޯ ފޮނުވައިފައި ހުރީ އާސިމަށެވެ. ފޮޓޯގެ އިތުރަށް ވީޑިއޯގެ ހާއްސަ އިނާޔަތް ވެސް އާސިމަށް ލިބިފައިވެއެވެ. ދެ މީހުން އެކުގައި ނަގައިފައިވާ މަންޒަރުތައް ވެސް ހުއްޓެވެ. އަހަންނަށް ވިސްނުނު ގޮތުގައި، އަޒްލިފާ އަހަންނަށް ކިޔައިދީފައިވަނީ ކުޑަ މިންވަރެކެވެ. އެ ދެ މީހުންގެ ލޯބީގެ މޫތައް ހުރީ އައިނުގަނޑާ ހަމައަށް ފައިބައިފައެވެ. ވީ ފޫއްސާއި އައި ރުޅިން އަހަންނަށް ގަބުވެފައި އިނދެވުނީއެވެ. އެ ދަނޑިވަޅު އަޒްލިފާގެ ފޯނެއް އަންނަން ފެށިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ނެގި ނަމަ، ފޯނު ކެނޑުމުގެ ކުރިން ކައިވެނީގެ ވާފަށް ކެނޑުނީހެވެ.

ހަތަރުދަމު އަހަރެން ވިސްނީމެވެ. އެ ކައިވެނި ސަލާމަތްކުރުމުގެ އެއްވެސް ބޭނުމެއް އޮތްތޯ ހިތާހިތުން ސުވާލުކުރީމެވެ. ހަތަރު ގޮތެއް އަހަރެންގެ ސިކުނޑީގައި އެނބުރުނެވެ. ވަރިކުރުމެވެ. ފުލުހުންނަށް ފޮޓޯތައް ފޮނުވުމެވެ. މީސްމީޑިޔާއަށް ފޮޓޯތައް ދޫކޮށްލުމެވެ. އާސިމް ހޯދައިގެން އޭނަޔާ ކުރިމަތިލުމެވެ. އަހަރެން ކަންތައްކުރީ ފަސްވަނަ ގޮތަށެވެ. އެއީ އަޅައިނުލުމެވެ. އަހަރެންގެ ދަރިފުޅުގެ މުސްތަގުބަލަށް ހިޔަނިއަޅާ މީހަކަށް އަހަރެންވާން ބޭނުން ނުވީއެވެ.

ފޯނުން އެއްވެސް އެއްޗެއް ފެނުނުކަމަކަށް އަހަރެން ނަހަދަމެވެ. އެއީ އަހަންނަށް އިހުތިޔާރުކުރެވުނު ވަރަށް އުނދަގޫ މަގެކެވެ. އެހާ ހިތި ހަގީގަތެއް އެނގި ހުރެ ނޭނގޭކަމަށް ހަދަން ވަރަށް ކެތްތެރިވާން ޖެހުނެވެ. އެހެންވިޔަސް، އަހަރެން މަސައްކަތްކުރީ އާއިލާޔާ އެކުގައި ގިނަ ވަގުތު ހޭދަކުރެވޭތޯއެވެ. އެ ފަހަރު ޗުއްޓީ އައި އިރު އަހަރެން ނިންމައިގެން ހުރީ އަޒްލިފާއާއި، ހުރިހައި ކުދިން ވެސް ގޮވައިގެން ލަންކާ ދަތުރެއް އަޅާށެވެ. އެއީ އަޒްލިފާ އެދުނު ގޮތަށް އެއްކޮށް ލަންކާއަށް ބަދަލު ނުވެވޭނެތީ، އޭގެ ބަދަލުގައި އަޒްލިފާއަށް ދޭން ބޭނުންވި ހަދިޔާއެކެވެ.

އަހަރެން ހިތުން އަހަރެން އަޒްލިފާ ބެހެއްޓީ ލޯކުރިމަތީގައެވެ. އޭނަ އުޅޭނޫޅޭ ހުރިހާ ގޮތެއް އަހަންނަށް އެނގެއެވެ. އަހަރެންގެ ރައްޓެހީން އަހަންނަށް ޚަބަރުތައް ފޮނުވައެވެ. އެ ދަނޑިވަޅަކީ، އަހަރެން ކުރިން އުޅުނު ބުރަ ވަޒީފާ ދޫކޮށްލައިފައި، ސަރުކާރުގެ ތަންކޮޅެއް ނުފޫޒު ގަދަ މަގާމަކަށް ދާން ހުރިހައި ކަމެއް ނިންމައިގެން ހުރި ދަނޑިވަޅެއް ވެސްމެއެވެ. ޗުއްޓީގައި ފުރަން ޓިކެޓު ވެސް ނެގި ފަހުން ބަޝީރުގެ ފޯނެއް އައެވެ.

"ވަރަށް ސަކަރާތް ޚަބަރެއް ލިބިއްޖެ!" ކަންބޮޑުވެފައިވާ ރާގެއްގައި ބަޝީރު ބުންޏެވެ. "މި ވާހަކަ ބުނަން މާ ބޮޑަށް ލަސް ވެސް ވެއްޖެ! އެކަމަކު ދެންމެ އަހަންނަށް އެނގުނީ. އަޒޫއްތަ ހުރިހާ ކުދިން ސްކޫލުން ކަނޑާލައިފި. މި ފަހަރު ލަންކާއަށް ބަދަލުވާނަމޯ!"

ނުނިމޭ