ރޮނާލްޑޯގެ ގޯލަކާއި އެސިސްޓަކާ އެކު ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށްފި
ރޮނާލްޑޯގެ ގޯލަކާއި އެސިސްޓަކާ އެކު ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށްފި

ލަންޑަން (އޮކްޓޯބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސަޕާއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފި އެވެ.

ކޯޗު އޮލެ ގުނަ ސޯލްޝެއާ މިމެޗު ފެށީ ޓީމުގެ ކުރިޔަށް، 36 އަހަރުގެ ރޮނާލްޑޯ އާއި 34 އަހަރުގެ އެޑިންސަން ކަވާނީ އަރުވައިގެންނެވެ. މޭސަން ގްރީންވުޑާއި މާކަސް ރަޝްފޯޑް ބެންޗުގައި އިންއިރު އެންމެ ފަހުން ލިވަޕޫލް އަތުން 5-0 އިން ބަލިވި މެޗުގައި ދެއްކި ރަތް ކާޑާ އެކު މިޑްފީލްޑަރު ޕައުލް ޕޮގްބާ ހުރީ ތިން މެޗުގެ ސަސްޕެންޝަނެއްގަ އެވެ.

މި މެޗުގައި ޔުނައިޓެޑުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލުގައި އެ ޓީމަށް މިސީޒަނުގައި ގެނައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިއްސާ ބޮޑެވެ. މިއީ ރޮނާލްޑޯ ޕްރިމިއާ ލީގު މެޗެއްގައި ގޯލު ޖަހައި، އިތުރު ގޯލެއް ޖަހަން އެހީތެރިވި 11 ވަނަ މެޗެވެ. މީގެ ތެރެއިން ތިން މެޗަކީ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗްތަކެވެ.

އަދި މިއާ އެކު އުމުރުން 36 އަހަރާއި 276 ދުވަހުގައި ރޮނާލްޑޯ ވެފައި ވަނީ، ޗެލްސީގެ ޑިޑިއޭ ޑްރޮގްބާއަށް ފަހު ޕްރިމިއާ ލީގު މެޗެއްގައި ގޯލު ޖަހައި، އެސިސްޓެއް ކުރި އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. ޑްރޮގްބާ ވެސް ވަނީ އުމުރުން 36 އަހަރާއި 276 ދުވަހުގައި، 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި ޓޮޓެންހަމާ ދެކޮޅަށް ގޯލު ޖަހައި އެސިސްޓެއް ކޮށްފަ އެވެ.

ޔުނައިޓެޑަށް ލީޑު ނަގައިދިނީ 39 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒްގެ ހުރަަހެއް ދޯލަށް ވައްދާލައިގެން ރޮނާލްޑޯ އެވެ. މިއީ އެންމެ ފަހުން ޔުނައިޓެޑް ލީގުގައި ކުޅުނު ފަސް މެޗުން ރޮނާލްޑޯ ޖެހި ފުރަތަމަ ލަނޑެވެ. އަދި މި ފަސް މެޗުން ޔުނައިޓެޑް މޮޅުވި ހަމައެކަނި މެޗެވެ. ލީގުގެ ފުރަތަމަ ފަސް މެޗަށް ފަހު ޔުނައިޓެޑް ވަނީ އެއް މެޗުން އެއްވަރުވެ، ތިން މެޗުން ބަލިވެފަ އެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ލީޑު ނަގައިދިނުމުގެ ކުރިން ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ލަނޑެއް ޖެހި ނަމަވެސް، ބޯޅަ ލިބުނުއިރު އޭނާ ހުރީ އޮފްސައިޑުގަ އެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑު 64 ވަނަ މިނިޓުގައި ރޮނާލްޑޯ ދިން ބޯޅައަކުން ޖެހީ ކަވާނީ އެވެ. އަދި ތިންވަނަ ލަނޑު، 86 ވަނަ މިނިޓުގައި ޖެހީ ރޮނާލްޑޯގެ ބަދަލުގައި ކުޅެން ނުކުތް ރަޝްފޯޑެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް ވަނީ 10 މެޗުން 17 ޕޮއިންޓް ހޯދައި، ތާވަލުގެ ފަސްވަނައަަށް ޖެހިލައިފަ އެވެ. މި މެޗުގެ ކުރިން އާސެނަލް ވެސް 10 މެޗުން ހޯދި 17 ޕޮއިންޓާ އެކު ފަސްވަނައަށް ޖެހިލި ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އާސެނަލް މިހާރު އޮތީ ހަ ވަނައިގަ އެވެ.