08 ޑިސެމްބަރ 2016 - 06:35

"ޑަންގަލް" އަށް ފަހު ދެން އެންމެ އަވަހަށް ރިލީޒްވާ އާމިރު ޚާންގެ ފިލްމަކީ "ސީކްރެޓް ސުޕަސްޓާ" އެވެ. މިއީ އާމިރުގެ ކުރީގެ މެނޭޖަރު އަދުވެއިތު ޗަންދަން ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.
"ސީކްރެޓް ސުޕަސްޓާ" އަކީ ލަވަކިޔުންތެރިއަކަށް ވާހިތުން ކުޑައިރުއްސުރެ އުޅުނު ކުއްޖެއްގެ ވާހަކަ އެވެ. އާމިރު މި ފިލްމުގައި ކުޅެނީ އެ ކުއްޖާއަށް މަގުދައްކައިދޭ މީހެއްގެ ބަ އެވެ.
މި ފިލްމުގެ ފުރަތަމަ ޕްރޮމޯޓް ރިލީޒްކުރަން ހަމަޖެހިފައިވަނީ އާމިރުގެ "ޑަންގަލް" ރިލީޒްކުރާ ދުވަސް ކަމަށްވާ ޑިސެމްބަރު 23 ގަ އެވެ.
"ޑަންގަލް" އަކީ ރެސްލިންތަޅާ މީހެއް ކަމަށްވާ މަހާވީރު ސިންގް ޕޯގަޓް އާއި އޭނާގެ ދެ އަންހެންދަރިން ކަމަށްވާ ގީތާ އާއި ބަބީތާގެ ހަޔާތުގެ ހަގީގީ ސަފުހާތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގެ ލަވަތައް ވެސް ރީތިވެފައި ހާލަތާ ގުޅުވައިގެން އުފައްދާފައިވާތީ ހުރިހާ ލަވައެއް ވެސް ވަނީ ވަރަށް މަގްބޫލު ވެފަ އެވެ.
ފިލްމު ރިލީޒްކުރާ ދުވަސް ކައިރިވަމުން އަންނާތީ އާމިރު މިހާރު ވަރަށް ބިޒީކޮށް އުޅެނީ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްތަކުގަ އެވެ.
އާމިރު ކުޅެފައިވާ ގިނަ ފިލްމުތަކަށް ނުކުރާ ވަރުގެ ބުރަ މަސައްކަތް "ޑަންގަލް" ގައި އޭނާ ކުރި އެވެ. އެގޮތުން ވަކި ވަރަކަށް ފަލަވާން ހަށިގަނޑަށް ގެނައި ބަދަލުތައް ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ.