ޓޮންގާ އިން އަލަށް ކޮވިޑްގެ ކޭހެއް ފެނި ގައުމު އެލާޓަށް
ޓޮންގާ އިން އަލަށް ކޮވިޑްގެ ކޭހެއް ފެނި ގައުމު އެލާޓަށް

މުޅި ދުނިޔެ ކޮވިޑް-19 ގެ ވަބާގައި އުޅޭތާ ދެ އަހަރެއްހާ ދުވަސްވާން ކައިރިވެފައި ވަނިކޮށް، ޓޮންގާ އިން މުޅިން އަލަށް ކޮވިޑްގެ ކޭހެއް ފެނި އެ ގައުމު ހުކުރު ދުވަހު އެލާޓަށް އަތުވެއްޖެ އެވެ.

ޓޮންގާ އިން އަލަށް ކޮވިޑްގެ ކޭހެއް ފެނި ގައުމު އެލާޓަށް
ޓޮންގާ އިން އަލަށް ކޮވިޑްގެ ކޭހެއް ފެނި ގައުމު އެލާޓަށް

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާތަނަށް ކޮވިޑްގެ އެންމެ ކޭހެއް ވެސް ފެނިފައި ނެތް ކަމަށް ބުނާ ގައުމުން ކޮވިޑްގެ ކޭހެއް ފެނުނީ ނިއު ޒީލެންޑުން ބުރާސްފަތި ދުވަހު ގައުމަށް ގެންދިޔަ މީހުންގެ ތެރެއިން އައިސޮލޭޝަނުގައި ތިއްބައި ރޫޓިން ޗެކިންގެ ތެރެއިން ހުކުރު ދުވަހު ޕޮޒިޓިވްވި މީހެކެވެ.

މިކަަމާ ގުޅިގެން ނިއު ޒީލެންޑުން ބުނީ ބައްޔަށް ޕޮޒިޓިވްވި ކަމަށް ބުނާ މީހާ އަކީ އެ ގައުމުން ފުރުމުގެ ކުރިން ހެދި ޓެސްޓްތަކުން ނަތީޖާ ނެގަޓިވް މީހެއް ކަމަށެވެ.

ހުކުރު ދުވަހު ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ ނިއު ޒީލެންޑްގެ ކްރިސްޓްޗާޗުން ޓޮންގާ އަށް އެ ގައުމުގެ ބަޔަކާ އެކު ފޮނުވި ހާއްސަ ފްލައިޓެއްގައި ދަތުރުކުރި 215 މީހުންގެ ތެރެއިން އެކެކެވެ. މީގެ ތެރޭގައި ޖުލައި މަހު ޖަޕާނުގައި ބޭއްވި އޮލިމްޕިކްސް މުބާރާތުގައި ޓޮންގާ އިން ވާދަކުރި ބައެއް އެތުލީޓުން ވެސް ހިމެނެ އެވެ. ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ ވެކްސިން ދެ ޑޯޒް ވެސް ފުރިހަމަ ކޮށްފައިވާ މީހެކެވެ.

ނަމަވެސް ފްލައިޓުން ދަތުރުކުރި އިތުރު އެއްވެސް މީހަކު ޕޮޒިޓިވްފެފައެއް ނުވެ އެވެ.

އަލަށް ކޮވިޑް ޖެހުނު މީހަކު ގައުމުން ފެނުމާ ގުޅިގެން ބޮޑުވަޒީރު ޕޮހީވާ ޓުއީނޯޓާ ވަނީ މި ހަފުތާގައި ޓޮންގާގެ މައި ރަށް ޓޮންގަޓަޕޫ ލޮކްޑައުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ. އަދި ރައްޔިތުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ މީހުން ވީހާ ވެސް އަވަހަކަށް ވެކްސިން ޖަހައި ނިންމުމަށް ވެސް ބޮޑުވަޒީރު އެދިވަޑައިގެންފައިވެ އެވެ.

ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އޯޝެނިއާގެ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޓޮންގާ އަކީ ނިއު ޒީލެންޑް ހުޅަނގު އުތުރުން އޮންނަ ގައުމެކެވެ. ޓޮންގާގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ ތިންބައިކުޅަ އެއްބައި މީހުންނެވެ. ނަމަވެސް މިހާރު ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ނެޝަނަލް އިމިއުނިޒޭޝަން ކޯޑިނޭޓަރު އަފޫ ޓީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މުޅި ދުނިޔޭގައި ކޮވިޑްގެ ހާލަތު ގޯސްވި ފަހުން މިހާތަނަށް 246 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، ގާތްގަނޑަކަށް ފަސް މިލިއަނެއްހާ މީހުން މިހާތަނަށް ބަލީގައި މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮވިޑްގެ އެންމެ ކޭހެއް ވެސް ފެނިފައި ނުވާ ކަމަށް ބުނާ އެއް ގައުމަކީ ތުރްކެމެނިސްތާން އެވެ.